މަޖުބޫރު ވީމާ - 26

މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

ފަހަތުން އިވުނު ވޭނީ ހަޅޭކުގެ އަޑާއެކު ނަވީންގެ މޫނުމައްޗަށް ހިތާމަޔާއި ރުޅިވެރިކަމުގެ އަސަރުތައް ވެރިވެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. އެއިވުނީ އޭނާގެ މަންމަގެ އަޑެވެ.

"އަހަންނަކީ ކާކުކަން ބުނެދޭކަށް ނުޖެހޭނެހެން ހީވަނީ؟ ކަލޭ ތި ކުޅޭ ކުޅިވަރު ނިކަން ތަފްސީލުގޮތެއްގައި ކިޔައިދީބަލަ" ޔާސިރުގެ އަޑުން އެކަނިވެސް އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަން ނަވީންއަށް ދެނެގަނެވުނެވެ. އައިސްފައިވާ ރުޅި ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުން ނަވީން ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ.

"އަހަންނަށް ހީވަނީ މިހާރު އަހަރެންގެ ހުރިހާ ހަޤީގަތެއް އަހަރެންގެ ދަރިފުޅުމެނަށް އެނގިއްޖެހެން. އިތުރަށް ކިޔައިދޭން ޖެހޭނެ ހެނެއް ހިޔެއް ނުވޭ" ޔާސިރު ދެންވެސް ވާހަކަ ދެއްކިއެވެ. އެއާއެކު ނަވީން ފޯނު ސްޕީކަރަށްލާ އެތަނުގައި ތިބި އެންމެންނަށް ޔާސިރުގެ އަޑު އިއްވާލިއެވެ.

އަހަރެންގެ މަންމަ ކޮބާ؟ ކަލޭ މަންމައަށް ގޮތެއް ހަދައިފިއްޔާ..."

"ކީކުރެވޭނީ... އަހަރެންގެ ކުރިމަތީގައި ކަލޭމެން ތިއީ ކޮން ބައެއް.. މާހިރާ ފޮރިވައިގެން ގެންގުޅެ ފާޑު ފާޑުގެ އެއްޗެހި ފޮނުވާ އަހަންނަށް ބިރު ދެއްކީމާ ކަލޭމެން ހިތަށް އެރީތަ ބައެއް މީހުން ގޮތަށް އަހަރެން ބިރުގަންނާނޭ.. ނޫން ތިއީ ކުށްހީއެއް" ނަވީން ވާހަކަ ދައްކަން ފެށުމާއެކު ޔާސިރު އޭނާގެ ވާހަކަ ހުއްޓުވިއެވެ. އެއަށްފަހު ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.

"މީގެން އެއްވެސް ވާހަކައެއް ކަމާ ބެހޭ ފަރާތަކަށް އެނގިއްޖެއްޔާ ނުވަތަ ލީކް ވެއްޖެއްޔާ ހުރިހާ ދެރައެއް ކަލޭގެ މަންމައަށް... ކޮންމެ އަނިޔާ އެއް ލިބޭނީ މާހިރާއަށް އެނގޭ... މިހާރުވެސް އަހަރެން ފެނި އޭނާގެ ހާލު އެހާ ރަނގަޅެއް ނޫން ކަންނޭގެ" ޔާސިރު ގެ އަޑުން ނަވީންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހުންގާނުން އަތްދޫކޮށްލަން މަޖުބޫރުވެއްޖެކަމުގައި ސިކުނޑި ވިސްނައިދޭން ފެށުމުން ހައްތަހާ ރުޅި ގަދަ ވުން ނޫން ކަމެއް ނުވިއެވެ. އެހެންނަމަވެސް ކެތްތެރިވެވޭނޭ އެންމެ މައްޗަކަށް އޭނާ ކެތް ކުރިއެވެ.

"ހަނދާން ކުރާތި... މަންމަ..." ނަވީންއަށް ވާހަކަ ފުރިހަމަ ނުކުރެވި އުޅެނިކޮށް ޔާސިރު ފޯނު ކަނޑާލިއެވެ. ކޮޅަށް ހުންނަން ދަތި ވުމާއެކު ނަވީން ސޯފާގައި އިށީނެވެ. ބޮލުގައި އަތުން ހިފައްޓާލުމާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވަނީ ނަފްސުގެ އުދާސްކަން ދުރުކޮށްލާނޭ ގޮތެއް ނެތިގެން އުޅޭހެންނެވެ. މަންމައާ އެކު ހޭދަކުރެވުނު ދުވަސްތަކުގެ ހަނދާންތައް އާވާން ފެށީ ދެރަވީ ވަރުންނެވެ. ޔާސިރު މަންމަ މަރާލަންވެސް ފަސްނުޖެހޭނެކަން އޭނާއަށް އެނގެއެވެ.

"މަންމައަށް ޔާސިރު ގޮތެއް ހަދައިފިއްޔާ އަހަރެން ދުވަހަކުވެސް އަމިއްލަ ނަފްސަކަށް މާފެއް ނުކުރާނަން..." އިބާއަށް ވެސް ބުނެވުނެވެ.

*****

"އަހަރެން ކަލޭ މަރައެއް ނުލާނަން... ކަލޭގެ ނަފްސުވެސް ރޮއިގަންނަވަރަށް އަހަރެން ކަލެއަށް އަނިޔާ ދޭނަން... މީގެ ފަހުން އެމީހުން ނަށަން ޖެހޭނީ އަހަރެން ޖަހާ ބެރަށް... އަހަރެން ބުނާ ގޮތް ނޫން އެހެން ގޮތަކަށް އެންމެ ފިޔަވަޅެއް އެޅިޔަސް އެ ހިސާބުން ކަލެއަށް ހުރިހާ ސަޒާއެއް... މި ގޭމް އަހަރެން އަނބުރާނީ އަހަރެން ބޭނުންވާ ގޮތަށް... " ޔާސިރު މާހިރާއާއި ދާދި ގާތަށް އައިސް މާހިރާ އާ ދިމާލަށް ގުދުވެލަމުން ވާހަކަ ދެއްކިއެވެ.

މާހިރާ އިނީ ކުޑަ ކުޑަ ކޮޓަރި ގަނޑެއްގައެވެ. ކަނެއްގައި އިން އިރު ބިރުން އެ ފަކީރު ރޫރޫ އަޅަމުން ދިޔައެވެ. ދެލޮލުން ކަރުނަ ހުސްނުވެއެވެ. އެހެންނަމަވެސް ޔާސިރުގެ ހިތަށް ރަހުމުގެ ކަންފުޅެއްވެސް ނުވަދުނެވެ. އެއަށްވުރެ އޭނާގެ ހިތް ހަރީއެވެ. އަމިއްލަ އަނބިމީހާ އެފަދަ ހާލެއްގައި ވަނިކޮށް ކެތް ކުރެވޭނީ ކޮން ކަހަލަ ފިރިއަކަށް ހެއްޔެވެ؟.

އެތަނުގައި ވަނީ ވަރަށް ފަނޑު އަލިކަމެކެވެ. އެއީ ޔާސިރުމެން ކުންފުނީގެ ބާ ގުދަނެކެވެ. މުޅި އެތަނުގައި ވެސް ހުސް ހިރަފުހެވެ. ބާ ދަގަނދާއި ލަކުނޑި ވެސް ފުނި ފުންޏަށް ޖަހާފައި ހުއްޓެވެ.

*****

"އޭނަ މަންމަ މަރާވެސް ލަފާނެ.. އެހާ ނުބައި މީހެއް އެއީ..." އަލޫކް ވާހަކަ ދެއްކިއެވެ. އޭނާ ވެސް ހުރީ އައިތަނުން ލިބުނު ހަބަރަކުން ކުޑަ ޝޮކެއް ޖެހިފައެވެ. އެހެން ތިއްބާ ރާފިހްވެސް އައެވެ.

"އަހަންނެއް ނުބުނާނަން އޭނަ ނަވީން މަންމަ މަރާލަފާނެއެކޭ... އެއީ މާހިރާ މަރާލައިފިއްޔާ އޭނަ ބޭނުން ވާ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެ... އޭނަ ބޭނުންވާގޮތަށް ކަންތައްތައް ކުރިއަށް ގެންދެވޭނީ މާހިރާ ދުނިޔޭގައި ބަހައްޓައިގެން... އޭނަ މާހިރާ ބަހައްޓާނީ އަހަރެން ބްލެކްމެއިލް ކުރުމުގެ ބޭނުމުގަ..." ރާފިހް އޭނާގެ ޚިޔާލް ފާޅުކުރިއެވެ.

"އަހަންނަށް ފެންނަނީ އާއިލާ އެންމެން ގާތު ބުނަން... ބައްޕަގެ ކަންތައް ހާދަ މައްޗަކަށޭ އެދަނީ... އަމިއްލަ މައިންބަފައިން ކުސްކުޅިވެ ގައި ބާރު ދެރަވެގެން ދާ ދުވަހު ހުރި ފިރިހެން ދަރިފުޅު އެފަދަ ވިޔާނުދާ ކަމެއް ހިންގާފައިވާކަން އެނގުނީމަ މާމައާއި ކާފައަށް ވާނީ ކިހިނެތް؟" އަލޫކް ނަވީންއަށް ބަލާލިއެވެ.

"މާމަ ގެ ހިތް ފަޅައިގެން ހިނގައިދާނެ... މިހާރުވެސް ބައްޕަޔައިގެން އެހާ ވަރުހުރޭ... ކާފައަށް ވާނެ ގޮތެއް ވެސް ނޭނގެ..." ނަވީން ބުނެލިއެވެ. އެތައް އިރަކު ވާހަކަ ދައްކަން ތިބި ނަމަވެސް ޔާސިރު އާ ދެކޮޅަށް އެމީހުންނަށް ބޭނުން ކުރެވިދާނޭ ހަތިޔާރެއް ނޭނގުނެވެ. ރާފިހް އަތުގައި ރިކޯޑިން އެބަ ހުއްޓެވެ. ހެކި ވެސް އެބަހުއްޓެވެ. އެހެންނަމަވެސް ދެރައީ އެއިން އެއްވެސް އެއްޗެއް މިއަދު އެމީހުންނަށް ޔާސިރުއާ ދެކޮޅަށް ބޭނުން ކުރެވެން ނެތް ކަމެވެ. ހިތާމަޔަކީ މާހިރާ ޔާސިރުގެ އަތް ދަށުވީތީއެވެ. އަތް އުރާލައިގެން ތިބެން މަޖުބޫރުވީ އެހެންވެއެވެ.

ޔާސިރުއާ ކުރިމަތިލާން ދެން ޖެހޭނީ ފާޅުގައެވެ. ކުރިއަށްވުރެ އެތައް ގޮތަކުން ހުޝިއާރުވެ ތިބެއެވެ. މާހިރާގެ ފުރާނަ ވަނީ ނުރައްކަލެއްގެ ތެރޭގައެވެ. މާހިރާގެ ހަށިގަނޑުގައި ޔާސިރު މި ފަހަރު ލައްވާނީ ކޮންފަދަ ވޭނީ ޒަހަމެއްކަމެއް ނޭނގެއެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް މާހިރާ ޔާސިރުގެ އަތް ދަށުން މިނިވަން ކުރެވޭ ގޮތެއް ނުވިއެވެ. ނަވީންއާއި އަލޫކްވެސް ގެއަށް ވަދެލަނީ މަދުފަހަރަކުއެވެ. ކޮންމެހެން ވަންނަން ޖެހިގެންނެވެ. އެއިން ފަހަރަކުވެސް އެމީހުން ބަލަނީ ޔާސިރު ގޭގައި ނޫޅޭ ވަގުތެއްގައި ދެވޭތޯއެވެ. އެހެންނަމަވެސް އެމީހުން އެހެން އަބަދު އުޅޭނީވެސް ކިހިނެތް ހެއްޔެވެ؟ މި ދުވަސްކޮޅު އާއިލާ ރާއްޖޭން ބޭރުގައި ވި ނަމަވެސް އައުމުން ދެން އެމީހުން ކަންތައް ކުރާނީ ކިހިނެތްހެއްޔެވެ؟ އޭރުން ޖެހޭނީ މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން ތާއެވެ. ބޭރަށް ދާން ކިޔާފައި ކުއްލިއަކަށް ޔާސިރުއާއި އަލޫކްވެސް ދަތުރު ކެންސަލް ކުރުމުން އެކޮޅުގައި ތިބި އެންމެން އެކަމާ ޝަކުވާ ކުރި ނަމަވެސް ދެމީހުންވެސް ތިބީ ގޮތުގައެވެ. މި ވަގުތު ފުރެން ނެތުމުން އަލޫކްވެސް ދޮގެއް ހަދާލީއެވެ.

އަލޫކް ބޭނުންވަނީ މިހާރުން މިހާރަށް ހުރިހާ ވާހަކައެއް ގޭ މީހުންނަށް ކިޔައިދޭން ނަމަވެސް ނަވީން އެކަމާ އެއްބައެއް ނުވެއެވެ.

އާހިލްއާއި ރާފިހްގެ އެކުވެރި ދެ ފުލުހަކާއެކު އެމީހުން އެންމެންވެސް މަސައްކަތް ކުރަމުން ދިޔައީ މާހިރާ އާއި ދިމާލަށް ވާސިލް ވުމަށެވެ. އަނެއްކޮޅުން ޔާސިރު އަމާޒު ހިފާފައި ހުރީ ނަވީންމެންގެ އަތުގައި އޮތް ހުރިހާ ބާރެއް އޭނާގެ މުށުތެރެއަށް ލުމަށެވެ. ނަވީންމެންނާ އެއްކޮޅަށް ތިބި ދެ ތިން މީހަކު ޔާސިރުގެ ކޮޅަށް ޖެހުން ވެގެން ދިޔައީ އަނެއްކާވެސް ނަވީންމެންނަށް ލިބުނު ބޮޑު ދެރައަކަށެވެ. އެހެންނަމަވެސް އެމީހުން އުންމޫދު ކަނޑައެއް ނުލައެވެ. ކެނޑި ނޭޅި ކުރި ބުރަމަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ ބޯޑުގެ ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ނަވީންމެންނާއި އެއްކޮޅަށް އަރައިގެން ދިޔުމެވެ.

ނަވީން އޮފީހުގައި އިންދާ ޔާސިރު ގުޅުމުން އޭނާ ފޯނު ނެގިއެވެ. ޔާސިރު އެދުނީ ބައްދަލުކޮށްލުމަށެވެ. ނަވީން ނުދާން ހުރެފައިވެސް ބައްދަލުކުރަން ނިންމީ އޭނާ ދެކޮޅު ހަދައިފިއްޔާ އެ ހުރިހާ ކަމެއް ދާނީ އޭނާގެ މަންމައަށް ކަމަށްވާތީއެވެ. އެކަމުގެ ބަދަލު ޔާސިރު ހިފާނީ މާހިރާގެ ކިބައިންކަމުގައި ވާތީއެވެ. އެހާ ވެސް ރަހުމު ކުޑަ އަނިޔާވެރި މީހެއްކަން ނަވީން ދެނެގަތެވެ.

އޮފީހުގައި ހުންނަ ޔާސިރުގެ ކެބިންގައި އޭނާ މަޑުކޮށްލައިގެން އިނީ ނަވީން އަންނަންދެނެވެ. އެ މޫނުމަތިން ހިސާބެއްގެ ނުތަނަވަސް ކަމެއް ފެނުނު ނަމަވެސް ތުންފަތް މައްޗަށް ވެރިކޮށްލާފައިވަނީ ނުލަފާ ހިނިތުންވުމެކެވެ. އެ މޫނުމަތީގައި ވި އަސަރުތަކުގެ މާނަ ނަގާކަށް ނޭނގެއެވެ. އެއަށްވުރެ ހީލަތްތެރިއެވެ. މަކަރުވެރިއެވެ.

"އިށީނދޭ! އިށީނދޭ!" އެތެރެއަށް ވަތް ނަވީން ފެނުމާއެކު ޔާސިރު އެދުނެވެ. އެއާއެކު ނަވީން އައިސް ގޮނޑީގައި ޖައްސާލިއެވެ. މޫނުމަތިން ފެންނަނީ ރުޅިވެރި އަސަރުތަކެވެ.

"އަހަރެން ތި ގެނައީ ކީކުރަން؟" އެއްޗެކޭ ނުބުނަން އިން ނަވީން އެންމެ ފަހުން ވާހަކަ ދެއްކީ އޭނާ އެތަނަށް ގެނެސް ޔާސިރު އެއްވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުންނެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލީއެވެ.

"ތި ކުރާ ކަންތައް ހުއްޓާލާ... އެހެން ނޫނީ މާހިރާ އަށް ހުރިހާ ގެއްލުމެއް ލިބޭނީ" ޔާސިރު ތަންކޮޅެއް ސީރިއަށް ވެލިއެވެ. ނަމަވެސް ކުޑަ ހިނދުކޮޅަކަށެވެ. ދެން ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. މުށްކަވާލި އަތް ބާރުކޮށްލަމުން ކަތުރު ކަށިގަނޑަށް ވާން ކޮށްލި ނަވީން އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. އެއްޗެއް ނުބުނެވޭތޯއެވެ. އަތުން ފައިން ގޯހެއް ހެދިދާނެތީއެވެ. އެހެން ނަމަވެސް އެ ގޮތުގައި އޭނާއަށް ހިފައްޓާލެވޭނީ ކިހާ އިރަކުތޯ އޭނާ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ.

"ޔާސިރު ލެނގިގެން އިން ގޮނޑިން ކުޑަކޮށް ތެދުވެލަމުން ދެވަނަ ފަހަރު އެ ސުވާލު ތަކުރާރު ކޮށްލިއެވެ.

"ކޮން ކަމެއް... އަހަރެން އެއްވެސް ކަމެއް ނުކުރަން..." ނަވީން ސީދާ ޔާސިރުގެ ދެލޮލަށް ބަލާލިއެވެ.

"އެނގޭނެ... އަހަރެންގެ ކުންފުނީގެ އެންމެ އިސްމީހުންނާއި ބޯޑުގެ މީހުން އަހަންނާ ދެކޮޅަށް ތެދުވުމުގެ އަސްލަކީ ކާކުކަން އަހަންނަށް އެނގޭ... އަހަރެން ކަލެއަށް ދޭނަން ތިން ދުވަސް... އެ ތިން ދުވަސް ތެރޭގައި ކަލޭ ޖެހޭނެ އެ ތިން މީހުން އަހަރެން ބުނާ ކޮޅަކަށް އަނބުރާލަދޭން... އެހެންނޫނީ މާހިރާ ސަލާމަތެއް ނުވާނެ" ޔާސިރު ބުނެލިއެވެ. އޭރު އެ ތުންފަތް މަތީގައި ވިހަ ހިނިތުންވުމެއް ވެއެވެ. ހީވަނީ އެ ވިހައިގެ ބާރުގައި ނަވީން ބަލިކަށި ކޮށްލަން އުޅޭ ހެންނެވެ.

"ޔާސިރު. ކަލޭ ހިތަށް ނާރުވައްޗޭ އަހަރެން މި ވަގުތު ހަނު ހުރީމަ އަހަރެން ބަލި ގަބޫލު ކުރިއްޔޭ... މި ވަގުތު އަހަރެން ވަނީ މަޖުބޫރުވެފަ... ހަނު ހުރުން ނޫން ގޮތެއް ނެތް... އެކަމަކު އަހަރެން ހަމަޖެހުމުގެ ނޭވާއެއް ނުލާނަން ކަލޭ އަނިޔާ ވެރިވި އެންމެންނަށް އިންސާފު ހޯދައިދީފަ ނޫނީ... އަހަރެންވެސް ބަލާނަން ކާކުތ ގަދައީ... ކާކުތީ މި ގޭމް ކާމިޔާބު ކުރަނީ... އަދި ކާކުތޯ ޖަލުގެ ތޭރެތަކުގެ ތެރޭގައި ދުވަސްތައް ގުނާނީވެސް... އަހަންނަށް މަންމަ ފެންނަހާ އަވަހަކަށް ކަލޭ ގާނޫނުގެ ކުރިމައްޗަށް ގެންނާނަން... އަދި ނުގެނެވިއްޖެނަމަ އަހަރެންގެ މި ދެ އަތުން ކަލޭ މަރާލާނަން..." ނަވީން ހިތާ ހިތުން ވާހަކަ ދެއްކިއެވެ.

"ކަލޭ އެއްޗެއް ނުބުނެ ތި އިންނަނީ އެހާވެސް ބިރުގަތީތަ؟ ނުކުމޭ މިތަނުން" ޔާސިރު އަމުރު ކޮށްލިއެވެ. އެއްޗެއް ނުބުނެ ނަވީން ތެދުވެގެން ދޮރާ ދިމާލަށް ހިނގައިގަތުމާއެކު ޔާސިރު އަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. މާހިރާ އަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހެއް ބުނެލިއެވެ. އެވަރުންވެސް ނަވީން އަޅައެއްނުލިއެވެ. އެ ދިޔަ ބާރުމިނުގައި ގޮސް ދޮރުފަތް ބާރަކަށް ޖަހާ ނުކުމެގެން ހިނގައްޖެއެވެ.

ދުވަހެއް ދުވަހަކަށް މާހިރާގެ ހާލަތު ދިޔައީ ދައްވަމުންނެވެ. ބިރުވެރިކަމާހެދި އޭނާ ވަނީ އަމިއްލަ ނަފްސަށްވެސް ފިލަން ބޭނުންވެފައެވެ. ކުރީގެ ހަނދާންތައް އާވަމުން ދިޔުމުގެ ސަބަބުން އެ ސިކުނޑިވަނީ ވަރުބަލިވެފައެވެ. ހައްތަހާ ހަށިގަނޑުގެ ހަކަތަ ދައްވަނީއެވެ. އޭނާގެ ހަށިގަނޑާއި ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ކުރަން އުނދަގޫވިއެވެ. ނަވީންއާއި އިބާ މަތިން ހަނދާންވަނީއެވެ. މާ ބޮޑަށެވެ. ޔާސިރު އޭނާ ބަންދުކޮށްގެން ގެންދިޔަ ރޭ މަތިން ހަނދާންއާވިއެވެ. އެމީހުން އޭނާއަށް ދިން އަނިޔާތައް މަތިން ހަނދާންވިއެވެ.

ޔާސިރު މާހިރާގާތަށް ދިޔައީ ދަންވަރުގެ ވަގުތެއްގައެވެ. ނަވީންމެންގެ ފުލް ކޮންޓްރޯލް މި ވަގުތު އޮތީ އޭނާ އަތުގައި ކަމުން އޭނާ ބޭނުންވީ އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނަގާށެވެ. ނަވީން މެން ގެ އަތުގައި ކޮންމެވެސް ވަރެއްގެ ހެއްކެތްވެސް ހުރެދާނެތާއެވެ. އެ ހެކިވެސް އޭނާ ނައްތައިލާނީ މާހިރާ މެދުވެރިކޮށެވެ. މާހިރާ މަރާލަން ކިތަންމެ ބޭނުންވިނަމަވެސް މިވަގުތު އޭނާއަށް ފައިދާ ބޮޑުވާނީ އެހަށް މާހިރާ ސަލާމަތުން ބެހެއްޓުމުންކަން އޭނާއަށް އެނގެއެވެ.

"ކަލޭގެ ލޯބިވާ ދަރި ކަލޭ ހޯދަން ހަމަ އަތް ފުނާ އަޅަނީ... ހެހެ. އެކަމަކު އޭނައަކަށް ކަލެއެއް ނުފެންނާނެ..." މާހިރާ ކަނުގައި އިން އިރު އިނީ ކަކުލުގައި އަތް އަޅުވާލައިގެންނެވެ. އޭރު އެ ފަކީރު ބިރުން ރޫރޫ އަޅަމުން ދިޔައެވެ. އެހާ ދާދި ގާތުން ޔާސިރު ފެނުމާއެކު ދެންމެ ވާހަކަ ދެއްކި ގޮތުން އޭނާގެ ނަފްސަށް އިތުރު ބިރުވެރިކަމެއް އަތް ގަދަ ކުރިއެވެ. ބައެއްފަހަރު ހަޤީގަތް ވެސް އޮޅޭ ހިސާބަށް ވެސް ދެއެވެ. ޔާސިރު ފެންނަން ނެތަސް ޔާސިރު ކުރިމަތީގައި ހުންނަހެންވެސް މާހިރާއަށް ހީވެއެވެ. އެހެންކަމުން އެކަނި އިނދެވެސް ބައެއްފަހަރު ސަލާމަތް ވާން ތެޅިގަނެވެއެވެ.

"އަތް ފައި އެއްސުމުގެ ބޭނުމެއްވެސް ނެތްތާ... ތިއިން ހާލަތުން އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅޭނެތާ؟" ޔާސިރު މާހިރާގެ ފައިގައި އައްސާފައިވާ ޗޭނުގަނޑަށް ބަލާލަމުން ބުނެލިއެވެ.

"ނޫން..." މާހިރާއަށް ދެ ކަންފަތުގައި އަތް އަޅާލެވުނެވެ. ހީވަނީ އޭނާއަށް އަޑުތަކެއްއިވި އުނދަގޫ ކުރަނީހެންނެވެ. ޔާސިރު ގެ ހިނިގަނޑާއެކު މާހިރާގެ މޫނުމައްޗަށް އަނދިރިވާގޮތް ވިއެވެ. ސިކުނޑި މާބޮޑަށް ވަރުބަލިވީ ކަންނޭގެއެވެ. އޯގާތެރިކަމާއި ކުލުނުގެ ކުޑަމިންވަރެއްވެސް ޔާސިރުގެ ކިބައިގައި ނެތީހެއްޔެވެ؟. އެއީ ކޮންފަދަ ހިތްހަރު ނުބައި އިންސާނެއްހެއްޔެވެ؟

ފުލުހުންގެ އެހީތެރިކަން އެނެމް ފުރިހަމަ ގޮތުގައި ހޯދަން ނަވީންމެންނަށް އުނދަގޫވަނީ މާހިރާވަނީ މަރުވެފައިކަމަށް ނިންމާފައިވާތީއެވެ. ގިނަ ކަންތައްތައް އެކަނި ކުރަން ޖެހޭ މައިގަނޑު ސަބަބަކީވެސް އެއީއެވެ.

*****

ދެރޭ މަތިން ޔާސިރުގެ އަމަލުތަކަށް ފާރަލައިގެން އެންމެ ފަހުން ޔާސިރު އެ ދާތަނެއްވެސް ހޯދިއްޖެއެވެ. ކޮންމެ ގޮތެއްވެސް ހެޔޮ ކަމަށް ނިންމާ އެމީހުން އެތަނަށް ގޮސް ފުލުހުންނަން ގުޅަން ނިންމިއެވެ. ޔާސިރުގެ ފަހަތުން ފާރަލަމުން ދިޔައީ ނަވީންއާއި ރާފިހްއެވެ. އާހިލްއާއި އަލޫކް ވީ އާހިލްގެ އެކުވެރި ފުލުހާއި ބައްދަލުކުރަން ގޮހެވެ. ކޮންމެވެސް ގޮތެއް ފެނޭތޯއެވެ. އެމީހުން ޔާސިރު އުޅޭ ނޫޅޭ ގޮތްވެސް ބެލިއެވެ. ގިނަ ފަހަރު ޔާސިރު މިހާރު ބޭރަށް ގޮސް ހަދަނީވެސް ޓެކްސީގައެވެ. ކޮންމެ ދުވަހަކުވެސް ވަކި ހިސާބަކުން އެމީހުންނަނށް ޔާސިރު ގެއްލެނީއެވެ. އެހެންނަމަވެސް މި ފަހަރު މިއޮތީ ކާމިޔާބުވެފައެވެ.

ނަވީންއާއި ރާފިހް ޔާސިރު އެތެރެއަށް ވަތް ތަނަށް ވަންނަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެތެރޭން ހުރީ ތަޅުލާފައިކަމުން އެ މީހުންނަށް އެތެރެއަށް ވަދެވޭ ގޮތެއްނުވިއެވެ. ތަޅު ހަލާކުކޮށްލާނަމަ އަޑު ގަދަ ވެދާނެތީ އެމީހުން މަޑުކުރީއެވެ. އެހެން ތިއްބާ ޔާސިރު ނުކުމެއްޖެއެވެ. އޭރު އަތުގައި ސިނގިރެޓެއް ރޯކޮށްފައި އޮތެވެ. އެއްފަރާތުގައި މަޑުކޮށްލައިގެން އޭނާ ހުރެފައި ސިނގިރެޓް ބޮއި ނިންމާލައިގެން އޭނާ ކޮންމެވެސް މީހަކަށް ގުޅިއެވެ.

"އާނ... އަހަރެން މި ދަނީ އިނގޭ... މި ނައްޓާލަނީ" ސިނގިރެޓް އެއްލާލަމުން ޔާސިރު ދުރަށް ހިނގައިގަތެވެ.

"އޭތް... ނަވީން... އޭނަ ދިޔަ ދީގެން ނުވާނެ. މިފަހަރު ޖެހޭނެ މަންމަ ވީ ތަނެއް ހޯދަން..." ރާފިހް ބުނެލިއެވެ.

"ޔާސިރު" ކުއްލިއަކަށް ނަވީން އެމީހުން ނިވާވެގެން ތިބި ގާތަކުގެ ފުރަގަހުން ނުކުމެ ޔާސިރުއަށް ގޮވާލައިފިއެވެ.

"ކަލޭ އެންމެ ފަހުން މިތަންވެސް ހޯދީތަ؟" ޔާސިރު އެއްބުމަ އަރުވާލަމުން ސުވާލުކޮށްލިއެވެ.

"މަންމަ ވީ މި ތަނުގައި ކަން ތި މޫނުމަތިން ފެނުނު ކުލަވަރުތަކުންވެސް ޔަގީން ކުރެވިއްޖެ..." ނަވީން ބުނެލިއެވެ.

"ހެހެ... އެތެރެއަށް ވަންނަން ބޭނުންތަ... މިތަނުގެ މިއަށްވުރެ އެތެރެއަކަށް ކަލޭމެންނަކަށް ނުވަދެވޭނެ... އަހަރެން ގެ މީހުން ބައިވަރު" ޔާސިރު ބޮޑާވެލިއެވެ.

"އަހަންނަކަށް ކަލޭގެ އެއްވެސް މީހަކު ނުފެނޭ... މުޅި މިތަން މިއޮތީ ހުސްކޮށެއްނު... " ނަވީންވެސް ގޮތް ދޫކުރާކަށް ބޭނުމެއްނުވިއެވެ.

"ޒައިދު..." ޔާސިރު ކުއްލިއަކަށް ބުނެލުމާއެކު އެކި ދިމަ ދިމާލުން މީހުން ނުކުންނަން ފަށައިފިއެވެ. ގައިގަނޑަކަށް ފަސް މީހުން ތިއްބެވެ. މުޅިންވެސް ބޯ އެކި ޒާތް ޒައިތަށް ދިގު ކޮށްފައި ތިބި ޒުވާނުންތަކެކެވެ. އެތަނުންވެސް އެންމެ ބޮޑަށް ނަވީންއަށް އަޅައިގަތީ ޒައިދުއެވެ. އެއީ އިބާގެ ކުރީގެ ފިރިމީހާއެވެ. އޭނާ މިތަނުގައި ކީ ކުރަނީހެއްޔެވެ؟.

(ނުނިމޭ...)

https://sun.mv/126708

comment ކޮމެންޓް