ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ދަތުރުތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ދެން ބާކީ އޮތީ މިލިއަނެއްހާ ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފި އެވެ.
އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ދައުލަތުގެ ބަޖެޓުގައި ދަތުރުތަކަށް ކަނޑައަޅާފައިވަނީ 142.1 މިލިއަން ރުފިޔާއެވެ. މިހާތަނަށް 141.3 މިލިއަން ރުފިޔާ ވަނީ އެ ބަޖެޓުން ހަރަދުކޮށްފަ އެވެ.
މި ތަފާސް ހިސާބުތައް ދައްކާގޮތުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 9.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު 7.1 ބިލިއަން ރުފިޔާ ވަނީ މިހާތަނަށް ހަރަދުކޮށްފަ އެވެ. ރިކަރަންޓު ހަރަދަށް 19.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު 14.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 2.69 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.
އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ޕީއެސްއައިޕީގެ މަޝްރޫއުތައް 7.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިހާތަނަށް ހޭދަކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ.