ނަރުދަމާގެ ހާލަތު ބަލަން އެމްޑަބްލިއުއެސްސީއިން ދޮރުން ދޮރަށް ހިނގަނީ

އެމްޑަބްލިއުއެސްސީގެ އިމާރާތް -- ސަން ފައިލް ފޮޓޯ

ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުން އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމަށް މާލެ ސިޓީގައި ދެ މަސް ދުވަހުގެ ސާވޭ އެއް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ސާވޭ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަށެވެ.

މާލެ، ހުޅުމާލެ، އަދި ވިލިމާލެ ހިމެނޭގޮތުން ކުރިއަށް ގެންދާ ސާވޭގައި ކޮމާޝަލް ބަދިގެތަކުގައި އޮއިލް ޓްރެޕް ހުރިތޯ ފާސްކުރުމާއި ވިޔަފާރީގެ ކަންކަމަށް ބޭނުންކުރާ ބަދިގެތައް ދެނެގަތުމާއި، އަދި އިމާރާތްތަކުގެ ދިޔަދޮވިތައް ގުޅާފައިވާ ގޮތް ބަލާނެ އެވެ.

އަދި ދޮރުން ދޮރަށް ހިނގައި، ގޭގެ ނަރުދަމާ ނިޒާމަށް މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތަކާ މެދުގައި ހޭލުންތެރި ކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެ ކުންފުނިން ބުނީ މި ސާވޭގައި އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރާނެ ކަމަށެވެ.

އަދި ސާވޭ ކުރިއަށް ގެންދާނީ އެކުންފުނީގެ މުވައްޒަފުން ކަމަށާއި ސާވޭ ކުރާ ފަރާތްތައް އަބަދުވެސް ތިބޭނީ ކުންފުނީގެ މުވައްޒަފެއްކަން އަންގައިދޭ ކާޑުގެ އިތުރުން ސާވޭ ކުރާ ފަރާތެއްކަން އެނގޭނެ ގޮތަށް ކުންފުނީގެ ނިޝާން ޖަހާފައިވާ ފާހެއް އަޅައިގެން ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ފުޅާކޮށް، އިތުރަށް ތަރައްގީކޮށް ވީހާވެސް ގާތުން ލުއިފަސޭހަކަމާއެކު ހިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

comment ކޮމެންޓް