އަނގޮޅިތީމާއި ކުރިނބީގައި ފެނާ ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި

ހދ. ކުރިނބި އަދި ރ. އަނގޮޅިތީމުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ހަވާލުކުރުން --- ފޮޓޯ: ޕްލޭނިން

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުރިނބި އަދި ރ. އަނގޮޅިތީމުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި ދެ ރަށުގެ ފެނާ ނަރުދަމާ ނިޒާމް ގާއިމުކުރަން ހަވާލުކޮށްފައި ވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ވިތް ވޯޓާ އިންޖިނިއަރިންގ ސާވިސަސް އެފްޒެޑްއީ އާއެވެ.

އެކަމަށްޓަކައި މިއަދު ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.

އަޒްރޯވާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކަންޓްރީ މެނޭޖަރު ހިވާޖް މަހިންދުރަ މަދޫސަންކާ ކަރުނަ ރަތުނޭއެވެ.

ދެ ރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ނިންމަން ދީފައި ވަނީ 685 ދުވަހުގެ މުއްދަތެކެވެ. ކުރިނބީ މަޝްރޫއުގެ އަގަކީ 19،757،340 ރުފިޔާއެވެ. އަނގޮޅިތީމު މަޝްރޫއުގެ އަގަކީ 19،577،034 ރުފިޔާއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ރަށުގެ ފެނާ ނަރުދަމާގެ ނިޒާމް ފަރުމާ ކުރުމާއި، ފެނާއި ނަރުދަމާގެ ވިއުގަ އެޅުމުގެ އިތުރުން، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމު ކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.

comment ކޮމެންޓް