އާއިލާއާ ބެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅަނީ

ހަތަރު ދުވަހުގެ ނިޔަލަށް ބަންޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިޔަ "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް" ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

އާއިލާއާ ބެހޭ ގާނޫނާއި ގަވާއިދުތަކަށް ބޮޑެތި ބަދަލު ތަކެއް ގެންނަން ޖެހޭ ކަމަށް އާއިލީ އަދުލުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލުހޯދުމަށް ޓަކައި ކުރިއަށް ގެންދިޔަ ސިމްޕޯޒިއަމްގެ ބައިވެރިން ފާހަގަކޮށްފި އެވެ.

ޖުޑީޝަލް އެކެޑަމީ އާއި ޔުނިސެފް މޯލްޑިވްސް އާއި ފެމިލީ ކޯޓާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން ހަތަރު ދުވަހުގެ ނިޔަލަށް ބަންޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިޔަ އެ ސިމްޕޯޒިއަމްގެ ބައިވެރިން ވަނީ ރިޕޯޓެއް ތައްޔާރު ކޮށްފަ އެވެ. އަދި އެ ރިޕޯޓް ވަނީ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ނިންމާފަ އެވެ.

އެގޮތުން މަހާސިންތާގެ ބައިވެރިން ހުށަހެޅި ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ޓެކްނިކަލް ކޮމެޓީގެ އެހީތެރިކަމާއި އެކު ރިޕޯޓް ތައްޔާރު ކުރުމަށް ހަމަޖެހިފައިވަނީ ސިމްޕޯޒިއަމްގެ ރެޕެޓުއާ، ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އެވެ.

ހަތަރު ދުވަހުގެ ނިޔަލަށް ބަންޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިޔަ "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް" ނިންމުމުގެ ރަސްމިއްޔާތުގައި ސިމްޕޯޒިއަމްގެ ރެޕެޓުއާ، ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

މަހާސިންތާ ނިންމުމަށް އިއްޔެ ހަވީރު ބަންޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ސަމީރު ވިދާޅުވީ، ސިމްޕޯޒިއަމްގެ ބައިވެރިންގެ ފަރާތުން ހުށަހެޅި ކަންކަން ބަހާލާފައިވަނީ ހަތަރު ބަޔަކަށް ކަމަށެވެ.

"ފުރަތަމަ ކަމެއްގެ ގޮތުން ހުރިހާ ފަރާތްތަކަކުން ވެސް ވަނީ އާއިލާއާ ބެހޭ ގާނޫނާއި ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަން ފާހަގަކޮށްފައި،" ސަމީރު ވިދާޅުވި އެވެ.

ގާނޫނުތަކެއް ހެދިފައި ހުރި ނަމަވެސް ގާނޫނަށް އަހުލުވެރިވެފައި ނުވުމާއި ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ގެންގުޅޭ އިޖުރާއީ އުސޫލުތައް އެއްގޮތް ނުވުމުގެ ސަބަބުން އެއް އިދާރާ އާއި އަނެއް އިދާރާއާ ދެމެދު އޮންނަން ޖެހޭ ގުޅުން ނެތުމުގެ ސަބަބުން މައްސަލަތަކެއް ދިމާވާ ކަން ސަމީރު ފާހަގަ ކުރުއްވި އެވެ.

ހަތަރު ދުވަހުގެ ނިޔަލަށް ބަންޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިޔަ "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް" ނިންމުމުގެ ރަސްމިއްޔާތުގެ ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ދެއްވާފައި ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

އިންސާނީ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ބަޖެޓްގެ ދަތިކަން ހުރުމުން ދިމާވާ ދަތިތަކުގެ އިތުރުން ހަތަރު ވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ، އަދުލު އިންސާފާއި ހަމައަށް ވާސިލްވުމަށް ހުރި ދަތިތައް ކަމަށް ސަމީރު ވިދާޅުވި އެވެ.

ގާނޫނީ ގޮތުން ދިމާވާ ދަތިތައް ހައްލު ކުރުމަށް އާއިލާއާ ބެހޭ ގާނޫނާއި ގަވާއިދުތަކުގައި ހުރި އުނިކަންތައްތައް ފާހަގަކޮށް އިސްލާހު ކުރުމަށްފަހު އާ ގާނޫނުއް އެކުލަވާލުމަށް ހުރިހާ ފަރާތްތަކަކުން ވެސް ހުށަހަޅާފައިވާކަން ސަމީރު ފާހަގަކުރެއްވި އެވެ.

"އަދި އެގޮތަށް ގާނޫނުތައް ހެދޭއިރު އިސްލާމީ ޝަރީއާގެ އިލްމުވެރިންގެ މެދުގައި ހިލާފް އުފެދިފައިވާ އާއިލީ މައްސަލަތައް ފާހަގަ ކުރުމަށް ހުށަހަޅާފައިވޭ،" ސަމީރު ވިދާޅުވި އެވެ.

އާއިލީ މައްސަލަތަކަކީ މީހުންގެ ޒާތީ މައްސަލަހަތުތަކާއި ގުޅުންހުރި މައްސަލަތަކަށް ވާތީ، އާއިލީ އަދުލުގެ ނިޒާމްގައި އަމަލުކުރެވެމުންދާ އެންމެހައި އުސޫލުތަކަކީ ގާނޫނަކުން ބާރުލިބިގެން ހެދިފައި އޮންނަން ޖެހޭ އުސޫލުތަކަކަށް ވާންޖެހޭނެ ކަމަށް ބައެއް ބައިވެރިން ފާހަގަ ކުރި ކަމަށް ސަމީރު ވިދާޅުވި އެވެ.

އެ މަހާސިންތާގައި ކީނޯޓް ލެކްޗާ ދެއްވާފައިވަނީ ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޖަސްޓިސް މުހައްމަދު އީމާން އަލީ އާއި، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ރެޒިޑެންޓް ކޯޑިނޭޓަރު ޑރ. މުނީރު ސަފީލްދީން އާއި ޕާކިސްތާނުގެ ކެރިއާ ޖަޖް އަދި ފެޑެރަލް ޖުޑީޝަލް އެކެޑަމީގެ ޑިރެކްޓަރު ފާހާރު ޒަމާންގެ އިތުރުން ތުރުކީގެ ފަސްޓް ކްލާސް ޖަޖް ޒޭނެޕް ކުރްނާޒެވެ.

comment ކޮމެންޓް