ތައިލޭންޑުގެ ވެރިރަށްވެސް ބަދަލު ކުރަން ވިސްނަނީ

ތައިލޭންޑުގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެގައުމުގެ ވެރިރަށް ބަދަލު ކުރުމާ މެދު ދަނީ ވިސްނަމުން -- ފޮޓޯ: އޭއެފްޕީ

ބޭންކޮކް (ސެޕްޓެމްބަރު 30): ތައިލޭންޑުގެ ވެރިރަށަކީ ބޭންކޮކް ނޫން އެހެން ސިޓީއަކަށް ހަދަން ސަރުކާރުން ވިސްނަމުންދާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޮޗާ ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ވެރިރަށް ބަދަލުކޮށްފައިވާ މިޔަންމާ އާއި މިހާރު ވެރިރަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ އިންޑޮނޭޝިއާއާ އެއްގޮތަށް ތައިލޭންޑުގެ ވެރިރަށް ބަދަލު ކުރަނީ ބޭންކޮކަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

އިންޑޮނޭޝިއާގެ ޖަކާޓާއާ އެއްގޮތަށް ބޭންކޮކަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އާބާދީ އިތުރުވެ ތޮއްޖެހުމާއި ވައި ތަޣައްޔަރުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި ޓްރެފިކް ތޮއްޖެހުން ހިމެނެ އެވެ.

ބޮޑުވަޒީރު ޗަން އޮޗާ ވިދާޅުވި ގޮތުގައި ވެރިރަށް ބަދަލު ކުރުމަށް އޮތީ ދެ ގޮތެކެވެ. އެއީ ބޭންކޮކާ މާދުރު ނޫން އަދި މާ އަގުބޮޑު ނޫން ސިޓީއަކަށް ވެރިރަށް ބަދަލު ކުރުން ނުވަތަ ބޭންކޮކްގެ ސިޓީ ސެންޓަރު ނޫން އެހެން ސަރަހައްދަކަށް ސަރުކާރުގެ އޮފީސްތައް ބަދަލު ކުރުމެވެ. އޭގެ ސަބަބުން ބޭންކޮކްގެ އެތެރޭގެ ޓްރެފިކަށް ލުޔެއް ލިބޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

އަދި އެފަދަ ބަދަލެއް ގެނައުމުން އަންނާނެ އިޖުތިމާއީ އަދި އިގުތިސާދީ ބަދަލުތައް ދިރާސާ ކުރަން ޖެހޭ ކަން ޗަން އޮޗާ ފާހަގަ ކުރެއްވި އެވެ.

މީގެ ކުރިން ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާވެސް ވަނީ ވެރިރަށް ބަދަލު ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އޭރު ވިސްނާފައި އޮތީ ބޭންކޮކާ 100 ކިލޯމީޓަރު ދުރުގައި އޮންނަ ނަކޮން ނަޔޮކްއަށް ވެރިރަށް ބަދަލު ކުރުމަށެވެ.

ޓްރެފިކްގެ މައްސަލަ އެންމެ ބޮޑު ސިޓީތަކާ ބެހޭ ގޮތުން މިދިޔަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ބޭންކޮކަކީ ދުނިޔެއިން އަށްވަނައަށް އެންމެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ބޮޑު ގައުމެވެ. އެ ލިސްޓުގެ ހަތް ވަނައިގައި ޖަކާޓާ އޮތް އިރު އެއް ވަނައިގައި އޮތީ މުމްބާއީ އެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވި ގޮތުގައި އެގައުމުގެ ވެރިރަށް ބަދަލު ކުރަނީ ބޯނިއޯގެ ކަލިމަންޓަންއަށެވެ.

ޖަކާޓާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ވާރޭ ވެހިލާއިރަށް ފެންބޮޑުވުމާއި އެރަށުގެ ގިނަ ސަރަހައްދުތަކުގެ ބިންގަނޑަށް އަންނަ ބަދަލުތަކާއެކު ވަރަށް ބޮޑަށް ގަބައިގެން އަޑިއަށް ދާންފަށާފައި ވުމުގެ އިތުރުން މީހުން ބައިބޯވެ ތޮއްޖެހުމުގެ މައްސަލަ ހިމެނެއެވެ.

comment ކޮމެންޓް