އަހަރެމެންގެ ތެރޭގައިވާ ބައެއް ސިއްހީ މައްސަލަތަކަކީ މީހުންގެ މެދުގައި ނުދެކެވޭ ވާހަކަތަކެކެވެ. ގިނަފަހަރަށް ހީވެފައި އޮންނަނީ އެއީ "ލަދުވެތި" ކަމެއްގެ ގޮތުގައެވެ. ފަހަރެއްގައި އެ ވާހަކައެއް ހިއްސާކުރުމުން މީހުން މާ ބޮޑަށް "ޖަޖްމެންޓަލް" ވެދާނެތީ އެވެ. ނޫނީ ބައެއް ހާލަތްތަކުގައި އަސްލު ކަން ހިނގާގޮތް ރަނގަޅަށް ނޭނގޭތީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ސިއްހީ މައުލޫމާތެއް ހޯދައި ލިބިގަތުމުގައި ފަސްޖެހޭނެ ކަމެއް ނެތެވެ.
"ސަން"އިން މި ފަށާ މުޅީން އާ ސިލްސިލާއެއް ކަމުގައިވާ "ދިވެހީންގެ ސިއްހަތު" މިއީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)އާއި ގުޅިގެން، ދިވެހިންގެ ތެރޭގައި އާންމު ބައެއް ސިއްހީ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުމަށް ގެންނަ ސިއްހީ ސީރީޒެކެވެ.
ތަފާތު އެކި މައުޟޫތަކަށް ކޮންމެ ހަފްތާއަކުވެސް އެއްފަހަރު އާޓިކަލްއެއް ގެނެސްދޭން މަސައްކަތް ފަށައިގަންނައިރު، މި ކަމާއި ބެހޭގޮތުން ކުރެވޭ ސުވާލުތަކަށް ޖަވާބުދޭނީ ކަމާއި ބެހޭ ހާއްސަ ބޭފުޅުންނެވެ.
މިގޮތުން މި ހަފްތާގައި މި ބަލާލަނީ ދިވެހި އަންހެނުންގެ މެދުގައި މިއަދު ވަރަށް ބޮޑަށް އާންމުވެފައިވާ ބައްޔެއް ކަމުގައިވާ ޕޮލިސިސްޓިކް އޯވަރިއަން ޑިޒީސް، ނުވަތަ ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމް "ޕީސީއޯއެސް"އާ ބެހޭގޮތުންނެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ އަންހެނުންގެ ހާއްސަ ޑޮކްޓަރު ޑރ. އާއިޝަތު ޝިބާނާ އަހުމަދެވެ.
1. ޕީސީއޯއެސްއަކީ ކޮބާ؟
ޕީސީއޯއެސް އަކީ ޕޮލިސިސްޓިކް އޯވަރިއަން ޑިޒީސް، ނުވަތަ ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމް. އެއީ ހޯމޯނަލް އިންބެލެންސްއެއްގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކެއް. ކުރިއާ އަޅާ ބަލާއިރު ގިނަ ފަހަރަށް މިހާރު އަހަރެމެންގެ ކެއުންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ވަރަށް ތަފާތު. އެހެންވީމަ ބަރުދަން އިތުރުވެ ހޯމޯނަލް އިމްބެލެންސެއް އައުމުގެ ފުރުސަތު ބޮޑުވޭ. މިއާ ގުޅިގެން ހަށިގަނޑުގައި ފިރިހެން ހޯމޯން ގިނަވުމާއި ޕީރިއަޑް މައްސަލަ ޖެހުމާއި އޯވަރީ (ބިސްރަވަ) ތެރޭގައި ހުްނނަ ބައެއް މެޗުއާ ނުވާ ކުދިކުދި ސިސްޓުތަކެއް ހުރީމަ އެއަށް މި ކިޔަނީ ޕޮލިސިސްޓިކްއޭ.
2. ޕީސީއޯއެސް ހުންނަކަން ދެނެގަނެވެނީ ކިހިނެއް؟
ގިނަފަހަރަށް ޑޮކްޓަރަކާއި ހަމައަށް މި އަންނަނީ ޕީރިއަޑް ވެގެން ދިގުލައިގެން ނޫނީ ޕީރިއަޑް މައްސަލައެއް ޖެހިގެން. އެއަށްފަހު، އިންވެސްޓިގޭޝަންސް ހެދުމަށްފަހު ނޫނީ ކްލިނިކަލީވެސް ބައެއްފަހަރު އެބަދެނެގަނެވޭ. ބައެއް ކުދިން ތިބޭނެ ހިކިކޮށް ތިއްބަސް ހޯމޯނަލް އިމްބެލެންސް ހުންނަ ކުދިން. ދެން ކަރުދަށާއި ކިހިލިފަތްދޮށް އާދަޔާ ޚިލާފަށް ކަޅުކޮށް ހުރުމާއި، އުރަމައްޗާއި ބަނޑު އަދި ގައިގައި ތަންކޮޅެއް ވަރުގަދަކޮށް އިސްތަށި ފެޅުމަކީވެސް ބައެއް ފަހަރު ފެންނަ ކަމެއް. މި ހުރިހާ އަލާމާތްތަކެއް ހުރިހާ ޕޭޝަންޓުންގެ ހުންނާކަށް ނުޖެހޭ.
3. ޕީސީއޯއެސްއަށް ފަރުވާއެއް އެބައޮއްތަ؟
ޕީސީއޯއެސްއަކަށް އަދި ފަރުވާއެއް ނެތް. އެހެންނަމަވެސް މިއީ ކޮންޓްރޯލް ކުރެވިދާނެ ކަމެއް. މިގޮތުން ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ އުމުރާއި އިސްކޮޅަށް ބަލައި ބަރުދަން ހުންނަންޖެހޭ މިންވަރުގައި ހިފެހެއްޓުން.
4. ޕީސީއޯއެސްއިން ރައްކާތެރިވުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބާ؟
ދިރިއުޅުމަށާއި ކެއުން ބުއިމަށް ބަދަލު ގެނެސް ބަރުދަން ހުންނަންޖެހޭ މިންވަރުގައި ބެހެއްޓުމަކީ ކުރެވިދާނެ ވަރަށް މުހިންމު ކަމެއް. މިއީ ބަލިވެއިނުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެއް.
5. ޕީސީއޯއެސް ހުރެއްޖެނަމަ ދެން ދަރިއަކު ނުލިބޭނެތަ؟
ނޫން. ޕީސީއޯއެސް ހުއްޓަސް ދަރިން ލިބިދާނެ. ފަރުވާކޮށްގެންނާއި ބަރުދަން ހުންނަންޖެހޭ މިންވަރުގައި ހުންނަ އިރު ބަނޑުބޮޑުވުމުގެ ފުރުސަތު ބޮޑުވޭ.
6. ޕީސީއޯއެސް ހުންނަނަމަ ދެން ނުކުންނަ ނަތީޖާތަކަކީ ކޮބާ؟
ބޮޑަށް ދިމާވަނީ ޕީރިއަޑްގެ މައްސަލަ. ޕީރިއަޑް ނުވުމާއި، ޕީރިއަޑް މާ ދިގުލައިގެން ދިއުމާއި، އަނބިފިރިކަމުގެ ގުޅުން ނުހިންގުމާއި އޭގެ ސަބަބުން އަންނަ ބައެއްކަހަލަ ފްރަސްޓްރޭޝަންއާއި، ކުދިން ހޯދަން އުނދަގޫވުމާއި، އަދި ބައެއްފަހަރު މޫނުމަތީގައި ބިހިނެގުމާއި، ބޮލުން އިސްތަށި ފޭބުމާއި، ބަރުދަން ލުއިކުރަން އުނދަގޫވުމަކީވެސް މި ފަރާތްތަކަށް ދިމާވާ ވަރަށް ބޮޑު ޗެލެންޖެއް. އޭގެ އިތުރަށް މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމާއި ލޭ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުވޭ.
7. ޕީސީއޯއެސް ހުންނަ ކުދިން ފޮލޯކުރަން ވަކި ހާއްސަ ޑައެޓެއް އޮވޭތަ؟
ވަކި ހާއްސަ ޑައެޓެއް ނޯވޭ. އެކަމަކު ކާބޯހައިޑްރޭޓްސްގެ އިންޓޭކް މަދުކޮށް ބަރުދަން ރަނގަޅު ވަރެއްގައި ހިފަހައްޓަން ޖެހޭނީ. ބައެއް ފަހަރު ހިތަށް އަރާފާނެ ވަރަށް ހިކިކޮށް ތިބޭ ކުދިންގެވެސް ޕީސީއޯއެސް ހުރެދާނެ ބާއޭ. ހަމަ ހިކިކުދިންގެވެސް ޕީސީއޯއެސް ހުރެދާނެ.
8. ޕީސީއޯއެސް ހުންނަ ކުދިން، ޕީރިއަޑްވުމުން އޯވާރބްލީޑްވެ، މާ ބޮޑަށް ތަދުވޭ، އެ ކުދިންގެ ތަދުތައް ލުއިކުރަން ކުރެވޭނީ ކޮންކަމެއް؟
ޕީސީއޯއެސްގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޑޮކްޓަރެއްގެ އިރުޝާދުގެ މަތިން ފަރުވާ ހޯދުން މުހިންމު. ޕީރިއަޑްވާއިރު މާ ބޮޑަށް ތަދުވާނަމަ ހޫނުފެން ހަމެއް ބޭނުންކުރުމުން ނޫނީ ކަސްރަތުކުރުމުންވެސް ތަދު ކުޑަކުރެވިދާނެ.
9. އާއިލާގެ މެންބަރެއް، ނުވަތަ އަނބިމީހާގެ ޕީސީއޯއެސް ހުންނަނަމަ ވެދެވޭނެ އެހީއަކީ ކޮބާ؟
ބުނެލަން ބޭނުމީ ޕޮލިސިސްޓިކް ޕޭޝަންޓަކާއި އެކީ ޑޮކްޓަރަށް ދައްކަން ފިރިމީހާވެސް އައިމައޭ އެނގޭނީ މިއީ ކޮންކަހަލަ ކަމެއްކަން. ދެން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރުދިނުމަށް އާއިލާގެ އެހީ ވަރަށް މުހިންމު.
10. ވިހެއުމަށްފަހުގައިވެސް ޕީސީއޯއެސް ދިމާވެދާނެތަ؟
ދިމާވެދާނެ. ޕީސީއޯއެސް ނުހުންނަ މީހަކު ބަރުދަން އިތުރުވެގެންވެސް ދިމާވެދާނެ. ނޫނީ ބަނޑުބޮޑުވެ، ވިހެއުމަށްފަހުވެސް ޑައިގްނޯޒްވެދާނެ.