ޙޫޘީން ސައޫދީއާ ދެކޮޅަށް އެއްގަމުން ހިންގި އަސްކަރީ އޮޕަރޭޝަންގެ ފުޓޭޖް ދައްކާލައިފި

ހޫޘީން ދެއްކި ފުޓޭޖްގެ ފޮޓޯއެއް

ސަންޢާ (ސެޕްޓެމްބަރު 29) : ސައޫދީ އަރަބިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެގައުމަށްވަދެ ސައޫދީ ލަޝްކަރުތަކުގައި ހިމެނޭ ދެ ހާސް ސިފައިން ހައްޔަރުކޮށް 500 ވަރަކަށް ސިފައިން މަރާލާފައިވާ ކަމަށް ބުނެ ޔަމަންގެ ހޫޘީން ދިން ބަޔާންތަކާ ގުޅޭ ވީޑީއޯ ފުޓޭޖް އެޖަމާއަތުން ނެރެފި އެވެ.

ފުޓޭޖްތައް ދައްކާލައްވަމުން ހޫތީންގެ ތަރުޖަމާން ކާނަލް ޔަހްޔާ ސަރީއު ވިދާޅުވީ ހޫޘީންގެ ޚާއްސަ ފައުޖަކުން ސައޫދީ ސަރަހައްދީ ރޮނގު ހުރަސްކޮށް އެގައުމަށް ވަދެ އެ އޮޕަރޭޝަން ހިންގީ އެތައް ހަފްތާއަކުން ކަމަށާއި އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ ސައޫދީ ސިފައިންނާއި މަރާލި ސައޫދީ ސިފައިންގެ ނަންތައް ވެސް ވަރަށް އަވަހަށް ނެރޭނެ ކަމުގަ އެވެ.

މަރާލި ސައޫދީ ސިފައިންނާއި އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ ސައޫދީ ސިފައިންގެ ތެރޭގައި ސައޫދީ ސިފައިންގެ މަތީ ރޭންކްތަކުގެ އޮފިސަރުން ވެސް ހިމެނޭ ކަމަށާ އޭގެއިތުރުން ސައޫދީ ސިފައިން ތެރޭގައި ހިމެނޭ އެކި ގައުމު ތަކުގެ ކުލީ ސިފައިން ވެސް ގިނަ އަދަދަކަށް ހިމެނޭ ކަމަށް ޔަހްޔާ ސަރީއު ވިދާޅުވި އެވެ.

ސަރީއު ވިދާޅުވީ ޔަމަނާއި ސައޫދީ ގުޅިފައިވާ ނަޖްރާންގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ސައޫދީ އަށް ވަރުގަދަ ހަމަލާތަކެއް ހޫޘީން ދެމުންގެންދާތާ އެތައް ހަފްތާއެއް ވެފައިވާ ކަމަށާއި މަރުވެފައިވާ ސައޫދީ އެތައް ސިފައިންގެ ހަށިތައް ހޫޘީ ޖަމާއަތުގެ އަތްދަށުގައިވާ ކަމުގަ އެވެ.

ޔަމަނުގެ ވެރިރަށް ސަންއާ ކޮށްޓްރޯލްކުރުމުގެ އިތުރުން ޔަމަންގެ އުތުރުގެ ގިނަ ސަރަހައްދުތަކެއް ކޮންޓްރޯލްކުރާ ހޫތީން ދާދި ފަހުން ވަނީ ސައޫދީ ތެލުގެ ބޮޑު ދެމަރުކަޒަކަށް ވަރުގަދަ ހަމަލާތަކެއްދީ އެދެމަރުކަޒު ވަރަށް ބޮޑަށް ހަލާކުކޮށްލާފަ އެވެ. އެއާއެކު ސައޫދީ އުފައްދާ ތެލުގެ މިންވަރުވަނީ ދެބައިކުޅަ އެއްބައަށް ދަށަށްގޮސްފަ އެވެ.

ސައޫދީ ސަރަހައްދީ ރޮނގު ހުރަސްކޮށް އެގައުމަށްވަދެ ސައޫދީ ލަޝްކަރުތަކުގައި ހިމެނޭ ދެހާސް ސިފައިން ހައްޔަރުކޮށް އަދި ފައްސަތޭކަ އެއްހާ ސިފައިންނެއް މަރާލިކަން ހޫޘީން އިއްލާންކޮށް އޭގެ ފުޓޭޖް ދައްކާފައި މިވަނީ ސައޫދީން ޔަމަނާ ދެކޮޅަށް ފަށާފައިޥާ ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމަށް ސައޫދީ ސިފައިންނަށް އެގައުމުން އެންގިކަމުގެ ޚަބަރުތަކެއް ފެތުރިފައިވާ ވަގުތެއްގަ އެވެ. ހަމަލާތައް ހުއްޓާލިކަން ސައޫދީ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ހޫޘީން ސައޫދީ ތެލުގެ މަރުކަޒުތަކަށް ދިން ޙަމަލާތަކުގެ ރައްދުގައި ސައޫދީން މިހާތަނަށް ހޫޘީންނަށް އެއްވެސް ހަމަލާ ދީފައެއް ނުވެ އެވެ.

ސައޫދީ ތެލުގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ޒިންމާ ހޫޘީން އުފުލާފައިވީ ނަމަވެސް އެކަމުގެ ޒިންމާ ސައޫދީ އާއި ސައޫދީ އަށް ވާގިވެރިވާ އެމެރިކާއިން އަޅުވާފައި ވަނީ އީރާނުގެ ބޮލުގަ އެވެ. ސައޫދީ އެކަމުގެ ތުހުމަތު އީރާނުގެ މައްޗަށް ކުރިނަމަވެސް އީރާނަށް ވެސް ބަދަލުހިފުމުގެ އެއްވެސް ހަމަލާއެއް ސައޫދީން ދީފައެއް ނުވެ އެވެ.

ސަރަހައްދީ ރޮނގު ހުރަސްކޮށް ސައޫދީ އަށްވަދެ އެގައުމުގެ އެތައް ހާސް ސިފައިން ހައްޔަރުކޮށް އަދި އެތަށް ސަތޭކަ ސިފައިންނެއް މަރާލި ވަރުގަދަ އޮޕަރޭޝަނަކީ ސައޫދީ ބިމުގެ ސަރަހައްދަށް ބޭނުންއިރަކު ވަދެ ހަމަލާތައް ދިނުމުގެ ގާބިލްކަން ހޫތީންނަށް ލިބިގެންވާ މިންވަރު ހާމަކޮށް ދިންކަމެއްކަމަށް ހޫތީންގެ ތަރުޖަމާން ކާނަލް ޔަހްޔާ ސަރީއު ވިދާޅުވި އެވެ. (ނޫސް އެޖެންސީތައް)

comment ކޮމެންޓް