ވެހިކަލްތަކުގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކުރުން އާންމުވަނީ

ކާރެއްގެ ބިއްލޫރިގަނޑު ތަޅާލާފައި---- ފޮޓޯ: ފޭސްބުކް/ ޝާދު

ވެހިކަލްތަކުގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކުރުން އާންމުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މިހާރަކަށް އައިސް ކާރާއި ޕިކަޕްތަކުގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކޮށްގެން ހުށަހެޅޭ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.

ނަމަވެސް އެގޮތަށް ހުށަހަޅާފައިވާ އެފަދަ މައްސަލަތަކުގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އެފަދަ މައްސަލަތަކުގައި މީގެ ކުރިންވެސް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަތައް މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފޭސްބުކްގައި އެކަމާ ގުޅޭ ގޮތުން މީހަކު މިދިޔަ އަންގާރަ ދުވަހު ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭވެސް ދެ ކާރެއްގެ ބިއްލޫރިގަނޑު ތަޅާލި ކަމަށާއި އަދި އެހެނިހެން ކާރުތަކުގެ ބިއްލޫރިގަނޑުވެސް ތަޅާލައިގެން ވައްކަން ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޓެކްސީ ސެންޓަރެއްގެ މީހަކު ބުނީ މިދިޔަ ހަފްތާއިން ފެށިގެން މިހާތަނަށް ފަސް ކާރަށް އެގޮތަށް ގެއްލުން ދީފައިވާ ކަމަށެވެ. އެގޮތުން ރޭވެސް ދަރުބާރުގެ ސަރަހައްދުގައި ޕާކްކޮށްފައި ތިން ޓެކްސީއެއްގެ ބިއްލޫރި ގަނޑު ތަޅާލައިފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު ބުނެފައި ޓެކްސީ ޑްރައިވަރުން ކައިރީގައި ނުބަހައްޓާށޭ އެއްގޮތަކަށްވެސް އެއްޗެއް. މިހާރު އެނގޭ އެގޮތަށް ވައްކަންކުރަމުން ދާކަން،" ކުރިން ޓެކްސީ ސެންޓަރުން ވާހަކަ ދެއްކިމީހާ ބުންޏެވެ.

މާލޭގައި ދުއްވާ ގިނަ ވެހިކަލްތައް ގިނަ ފަހަރު ޕާކްކޮށްފައި އޮންނަނީ މަގުގައެވެ.

comment ކޮމެންޓް