ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭގޮތް ހެދުމާގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ، ލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ލޯކް ސިއު ފޫކް އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. މި ބައްދަލު ކުރއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭގޮތް ހެދުމަށް އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރައްވައިފައެވެ.
މިނިސްޓްރީން ބުނީ ވަރަށް އަވަހަށް އެކަމުގެ އެގްރިމެންޓުގައި ސޮއިކުރާނެކަމަށެވެ.
އަދި ރާއްޖޭގެ އެއްގަމުގެ ދަތުރުފަތުރާއި އޭވިއޭޝަން ދާއިރާގައި ރާއްޖެއަށް އިތުރަށ އެހީތެރިވުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މިގެ އިތުރުން މެލޭޝިއާގައި ދިވެހި ދަރިވަރުން ހަދާ އޭވިއޭޝަން ދާއިރާއާ ގުޅުންހުރި ކޯސްތަކަކީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ ފެންވަރުގެ ކޯސްތަކަކަށް ހެދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އަދި މެލޭޝިއަން އޭވިއޭޝަަން އެކެޑެމީގައި އޭޓީސީ ޓްރެއިނިން ފުރުސަތުތައް ދިވެހީންނަށް ހޯއްދަވައިދޭނެކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވިކަމަށް މިނިސްޓްރީން ބުންޏެވެ.