ސަންޗޭޒްގެ ޑެބިއު މެޗުގައި ގޯލަކާއި ރަތް ކާޑެއް، އިންޓަ އަދިވެސް އެއްވަނައިގައި!

އިޓާލިއަން ލީގުގައި ރޭ ސަމްޕްޑޯރިއާއާއި ދެކޮޅަށް އިންޓަ މިލާން ކުޅުނު މެޗުގައި ސަންޗެޒްއަށް ރަތް ކާޑު ދައްކަނީ --- ފޮޓޯ// ކްރިސް މައިސަން

ކުރިން އޮތް ފޯރިއާއި ވާދަވެރިކަން އަލުން އަނބުރާ އާރާސްތުކުރަމުން އަންނަ އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާން ކުޅުނު މެޗަށް ޑެބިއުޓެންޓެއްގެ ގޮތުގައި ކުޅެން ނުކުތް އެލެކްސިސް ސަންޗޭޒް ގޯލެއް ޖެހި އިރު، އޭގެ އިރަކޮޅެއް ފަހުން އޭނާއަށް ދެ ކާޑު ހަމަވެ ރަތް ކާޑު ދައްކައިފި އެވެ.

ރަށުން ބޭރުގައި ރޭ ސަމްޕްޑޯރިއާއާ ދެކޮޅަށް އިންޓަ ކުޅުނު މެޗުން އެ ޓީމުން މޮޅުވީ 1-3 ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު އިންޓައިން ތާވަލުގެ އެއްވަނަައިގައި އޮތީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް 18 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ވިއްދާފައި އޮތީ 16 ޕޮއިންޓާ އެކު އެވެ.

އިޓާލިއަން ލީގުގައި ރޭ ސަމްޕްޑޯރިއާއާއި ދެކޮޅަށް އިންޓަ މިލާން ކުޅުނު މެޗުގައި ސަންޗޭޒް ގޯލު ޖެހުމަށްފަހު ސެލަބްރޭޓް ކުރަނީ ---- ފޮޓޯ// ކްރިސް މައިސަން

ރޭގެ މެޗުގައި އިންޓައިން މި ސީޒަނުގައި ފޯވާޑަކަށް ބޭނުން ކުރަމުން އައި ރޮމެލޫ ލުކާކޫއާ ނުލައި ފެށި އިރު އެ ޓީމަށް އަލަށް ގުޅުނު ސަންޗޭޒްއަށް ވަނީ ފުރުސަތު ދީފަ އެވެ. މެޗުގެ ބޮޑެތި ސުރުހީތަކުން ޖާގަ ހޯދި ސަންޗޭޒް އެ މެޗުގައި ގޯލެއް ޖަހެ އިރު އޭނާއަށް ވަނީ ދެ ރީންދޫ ކާޑު ހަމަވެގެން ރަތް ކާޑެއް ވެސް ދައްކާފަ އެވެ. ކުރިން އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ބާސެލޯނާއަށް ވެސް ކުޅުނު ސަންޗޭޒްގެ ކުޅުމާ ދޭތެރޭ ފަހަކަށް އައިސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ރޭގެ މެޗު ފެށިގެން ވެސް އިންޓައިން ދިޔައީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އިންޓަ އިންނެވެ. ސަންޗޭޒް އޭރިއާ ބޭރުން ޖެހި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ސްޓެފީނޯ ސެންސީގެ ގައިގައި ޖެހިފަ އެވެ. އެހެން ކަމުން އެ ގޯލު ސަންޗޭޒް އަށް ނުލިބުނު ނަމަވެސް އޭގެ އިރަކޮޅެއް ފަހުން ސަންޗެޒް ވަނީ އިތުރު ގޯލެއް ޖަހައި އޭނަގެ ނަން ސްކޯ ޝީޓަށް އަރުވާފަ އެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފު ކުރީ ކޮޅު ސަންޗޭޒްއަށް ވަނީ ދެ ރީންދޫ ކާޑު ހަމަވެގެން ރަތް ކާޑު ދައްކާފަ އެވެ. ފަހު ރީންދޫ ކާޑު އޭނާއަށް ދެއްކީ އޭރިޔާ ތެރެއިން ޑައިވް ކުރީ ކަމަށް ނިންމާފަ އެވެ. އެ މެޗުގައި އިންޓައިން ޖެހި ފަހު ގޯލު އެ ޓީމަށް ޖަހައިދިނީ ޖަކުން ޖަންކްޓޯ އެވެ. ސަމްޕްޑޯރިއާއިން މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ރޮބާޓޯ ގަގްލިއާޑިނީ އެވެ.

މީގެ އިތުރުން އެންމެ ފަހުން ލީގުގެ ޗެމްޕިއަންކަން ހޯދި ޔުވެންޓަސް ވެސް ރޭ ވަނީ މެޗެއް ކުޅެފަ އެވެ. އެ ޓީމުން ރޭ ސްޕަލްއާ ދެކޮޅަށް ކުޅުނު އެ މެޗުން މޮޅުވީ 0-2 ގެ ނަތީޖާ އަކުންނެވެ.

އެ މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ މިރަލެމް ޕިޔަނިޗްއާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޔުވެންޓަސް ވެސް މި ސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން އަދި ބަލިވެފައެއް ނުވެ އެވެ. އެ ޓީމުން ވަނީ ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެފަ އެވެ.

comment ކޮމެންޓް