އާއިލީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަހާސިންތާ ފަށައިފި

އާއިލީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --

އާއިލީ ޢަދުލުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލުހޯދުމަށް ޓަކައި "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް"ގެ ނަމުގައި މަހާސިންތާއެއް ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ އެ މަހާސިންތާ އަކީ ޖުޑީޝަލް އެކެޑަމީ އާއި ޔުނިސެފް މޯލްޑިވްސް އާއި ފެމިލީ ކޯޓާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން ބާއްވާ މަހާސިންތާއެކެވެ.

އެ މަހާސިންތާގައި ކީނޯޓް ލެކްޗާ ދެއްވާނީ ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޖަސްޓިސް މުހައްމަދު އީމާން އަލީ އާއި، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ރެޒިޑެންޓް ކޯޑިނޭޓަރު ޑރ. މުނީރު ސަފީލްދީން އާއި ޕާކިސްތާނުގެ ކެރިއާ ޖަޖް އަދި ފެޑެރަލް ޖުޑީޝަލް އެކެޑަމީގެ ޑިރެކްޓަރު ފާހާރު ޒަމާން، އަދި ތުރުކީގެ ފަސްޓް ކްލާސް ޖަޖް ޒޭނެޕް ކުރްނާޒެވެ.

އެ މަހާސިންތާގައި ކޯޓުތަކާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ކަމާގުޅުން ހުރި މިނިސްޓްރީތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭ ގޮތުން މުޅިއެކު 10 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެ އެވެ. އޭގެ އިތުރުން، އާއިލީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ސަރުކާރުން ހުށަހަޅާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުމުގެ ސެޝަނެއް ވެސް ބާއްވާނެ އެވެ.

މަހާސިންތާ ފެށުމުގެ ގޮތުން ބަނޑޮހުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަހާސިންތާގެ ބޭނުމަކީ އާއިލީ އަދުލުގެ ނިޒާމުގައި ފަސޭހައިން އަދުލުއިންސާފަށް ވާސިލު ވެވޭނެ ގޮތްތައް ކަށަވަރު ކުރުމާއި އާއިލީ އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާއި އަންހެނުންނާއި ގެވެށިއަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންގެ ހައްގުތައް ރައްކާތެރިކުރާނެ ގޮތްތައް ހޯދުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވަނީ އާއިލީ އަދުލުގެ ނިޒާމަށް ޒަމާނާ އެއްވަރަކަށް އަންނަން ޖެހޭ ބަދަލުތައް އައިސްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމުގެ ސަބަބުން އާއިލީ މައްސަލަތަކަށް އިންސާފު ހޯދަން ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ދުސްތޫރީ އޮނިގަނޑަށާއި އިޖްތިމާއީ ހާލަތަށް އައި ބަދަލާ ނުބައްދަލު ގާނޫނީ އޮނގަނޑެއްގެ ތެރެއިން އާއިލީ މައްލަސަތަކަށް އިންސާފު ލިބުމަކީ ދަތި އުނދަގޫ ކަމެއް،" ޑރ. ނަޒީރު ވިދާޅުވި އެވެ.

އިލީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަހާސިންތާ ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ އިޖްތިމާއީ ނިޒާމަށް އައިސްފައިވާ ބަދަލާ އެކު އާއިލީ އަދުލުގެ ނިޒާމު ތަންފީޒު ކުރަން ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުން ކަމަށް ޑރ. ނަޒީރު ވިދާޅުވި އެވެ.

"މި ސިމްޕޯޒިއަމް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، މި ރާއްޖޭގެ އިޖްތިމާއީ ނިޒާމަށް މިހާރު އައިސްފައިވާ ބަދަލާ އެކު، އާއިލީ އަދުލުގެ ނިޒާމު ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތަކާއި އުނދަގޫތައް ދެނެގަނެ އެކަަންކަމުގެ ގާނޫނީ އަދި އިދާރީ ހައްލުތައް ހޯދުން." ޑރ. ނަޒީރު ވިދާޅުވި އެވެ.

comment ކޮމެންޓް