މަތީ ވަޒީފާތަކަށް ދިވެހިން ގެންނަން ތަމްރީން ދޭނަން: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭގެ އިވެންޓުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ޓުއަރިޒަމް

ޓޫރިޒަމް ދާއިރާގައި މަތީ، އަދި މެދުފަންތީގެ ވަޒީފާތަކަށް ދިވެހިން ނެރުމުގައި ސްކިލް ގެޕެއް އެބަ އޮތް ކަމަށާއި އެކަން ހައްލު ކުރަން ދިވެހިންނަށް ތަމްރީން ދީ އެފަދަ ވަޒީފާތަކަށް ދިވެހިން ތައްޔާރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ޖޮބްފެއާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު މިރޭ ވިދާޅުވީ ވޯލްޑް ބޭންކުގެ އެހީގައި ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ދިވެހިންގެ ނިސްބަތާއި އެ ދެ ދާއިރާގައި ދިވެހިންނަށް ހުރި ވަޒީފާގެ ފުރުސަތުތައް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ދެ ދާއިރާގައި ދިވެހިންނަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށް ސްކިލް ޑިވެލޮޕްމެންޓް ސެންޓަރުތައް ގާއިމް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ދިވެހިންގެ ހިއުމަން ރިސޯސް ކަންތައް ހަރުދަނާކޮށް ވަޒީފާތައް އިތުރުކުރުމަށް މިނިސްޓްރީތަކާ އެކު ގިނަ މަސައްކަތްތަކެއް ކުރަމުން. އިންޑަސްޓްރީތަކަށް ބޭނުންވާ ދިވެހިން ތަމްރީނުކޮށް ރަނގަޅު އާމްދަނީއެއް ހޯދޭނެ ގޮތް ހެދުމަށް ކަންތައް ކުރަމުން،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާގެ މާހައުލަށް ނިކުތުމަށް ދިވެހިންނަށް ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

"ސިޔާސަތުތައް ރޭވިފައިހުރި ގޮތުން ވެސް މައްސަލަތައް އެބަހުރި. އަޅުގަނޑުމެން މިދަނީ ސިޔާސަތުތައް މުރާޖައާކޮށް ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި، އެކަމަށް ސަރުކާރެއްގެ ފަރާތުން ހައްލު ކޮށްދެވޭނީ ކޮންކަމެއް ތޯ ބަލަމުން،" ފައްޔާޒު ވިދާޅުވި އެވެ.

"ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއް ޓޫރިޒަމްގެ ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިކަމަށް ބުނާ ވާހަކަ. ހާއްސަކޮށް އިސް މަގާމުތަކުގައި ދިވެހިންނަށް ފުރުސަތު ނެތް ވާހަކަ އަބަދުވެސް އިވޭ،" މިނިސްޓަރު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އެފަދަ ވަޒީފާތަކާ ގުޅޭ ދިރާސާއެއް ކުރަމުންދާ ކަމަށެވެ.

މިހާ ހިސާބަށް އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތް އެއް މައްސަލައަކީ ސިޔާސަތުތައް ހުރިގޮތުގެ އިތުރުން ހާއްސަކޮށް މަތީ ފަންތި ނުވަތަ މެދުފަންތީގެ ވަޒީފާތަކަށް ދިވެހިން ނެރުމުގައި އެބައުޅޭ ކޮންމެވެސް ވަރަކަށް ސްކިލް ގެޕެއް. އެ ވަޒީފާ އަދާކުރަން ބޭނުންވާ ބައެއް ހުނަރުތައް އަޅުގަނޑުމެންނަކަށެއް ނެތް ހުނަރުތައް އަޅުގަނޑުމެންނަކަށް ނެތް ހޯދައިދެވިފައެއް،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މެދުފަންތި އާއި މަތީފަންތީގެ ޓޫރިޒަމްގެ ވަޒީފާތަކަށް ދިވެހިން ނެރުމަށާއި ބޭރުގެ ރޭޝިއޯ ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

މިނިސްޓަރު ފައްޔާރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ހުރި ވަޒީފާތަކާ ގުޅޭ މައުލޫމާތު ހިމެނޭ ޕޯޓަލް އެއް އެކުލަވަލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަންނަ މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"އެ ޕޯޓަލް ގާއިމްކުރުމަށް ފަހު އިންޓަނެޓް މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެން ވަޒީފާތަކާ ބެހޭ މައުލޫމާތު ބަލާލެވޭނެ. އެ ޖޮބް ޕޯޓަލް ގާއިމް ކުރުމަށްފަހު ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އޭގައި ރެޖިސްޓްރީ ވުމުގެ ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވީ ވަޒީފާ އަދާކުރާ މީހުން ތިބިކަމަށް ސަރުކާރުން ބަލާނީ އެ ޕޯޓަލްގައި ރެޖިސްޓްރީ ވުމުން ކަމަށެވެ.

"ބޭރު މަސައްކަތްތެރިން ގެނައުމަށް ވަޒީފާ ދޭ ފަރާތްތަކުން ފުރަތަމަ ޖެހޭނީ އެ ޖޮބް ޕޯޓަލްގައި ރެޖިސްޓްރީ ވާން. ޖޮބް ޕޯޓަލްގައި ރެޖިސްޓްރީ ވުމަށް ފަހުގައި އެ ވަޒީފާއަށް އެކަށޭނަ ދިވެއްސަކު ނެތްކަމަށް ވަންޏާ އެ ވަޒީފާއަށް ބިދޭސީ އަކަށް ކޯޓާ ދޫކުރާނީ،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ވަޒީފާ ބޭނުންވެ، ވަޒީފާ ނެތް މީހުންނާ ގުޅޭ ސާފު މައުލޫމަތު ސަރުކާރުގައި ވެސް ނެތް ކަމަށާއި ނަމަވެސް ޕޯޓަލް އެކުލަވާލެވުމުން އެ މައުލޫމާތުވެސް ލިބޭނެ ކަމަށެވެ. އަދި ދިވެހިންނަށް ތަމްރީނު ބޭނުންވާ ދާއިރާތައް ދެނެގަނެ އެ ތަމްރީނު ދެވޭނެ މަގު ފަހިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް