އިނގިރޭސި ލީގު ކަޕް (އީއެފްއެލް) ގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީއާއި ލިވަޕޫލް ފަސޭހަ ކަމާ އެކު ކުރި ހޯދި އިރު މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން އެއްވަރުވެގެން ޖެހި ޕެނަލްޓީން މޮޅުވެއްޖެ އެވެ.
އީއެފްއެލް އަކީ ކުޅޭ ކޮންމެ މެޗަކުން ވެސް ނަތީޖާ ނެރެން ޖެހޭ މެޗަކަށްވާ އިރު މެޗުތައް ކުޅޭނީ ނޮކް އައުޓް އުސޫލަށެވެ. ދަށް ޑިވިޝަނުގެ ޓީމުތަކާއި ބޮޑެތި ޓީމުތައް ވާދަ ކުރާ މި މުބާރާތުގައި މިހާތަނަށް ވާދަވެރި ބޮޑެތި މެޗުތަކެއް ކުޅުނު އިރު ރޭ ޗެލްސީ ކުޅުނު މެޗުން އެ ޓީމު ގްރިމްސްބީ ޓައުން ބަލިކުރީ 1-7 ގެ ނަތީޖާ އަކުންނެވެ. އަދި މިފަހަރުގެ އިނގިރޭސި ލީގުގައި އެންމެ މަތިން ޕޮއިންޓް ހޯދަމުން އަންނަ ލިވަޕޫލް މިލްޓޮން ކެއިނެސް ޑޮން އަތުން މޮޅުވީ 0-2 ގެ ނަތީޖާ އަކުންނެވެ.
ފަހަކަށް އައިސް ބޮޑެތި ޓީމުތައް އަތުން ނަތީޖާ ނުނެރެވި ހާލަތު ގޯސްވެފައި އޮތް ޔުނައިޓެޑުން ރޭ ރޮޗްޑޭލާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެފަ އެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން ޔުނައިޓެޑަށް ކުރި ލިބުނީ 3-5 ޕެނަލްޓީންނެވެ.
ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ޗެލްސީން މިފަހަރުގެ ސީޒަނާއި ކުރިމަތިލީ ބޮޑެތި އުންމީދުތަކާ އެކު އެވެ. ކުޅުންތެރިން ނުގެނެވޭ ގޮތަށް ސަސްޕެންޑް ވުމާއި ޓީމުގައި ތިބި މުހިއްމު ބައެއް ކުޅުންތެރިން ޓީމު ދޫކޮށްލުމާ ގުޅިގެން ޗެލްސީއަށް ދިމާވެފައި އޮތީ އުނދަގޫ ހާލަތެކެވެ. ނަމަވެސް އެ ޓީމަށް އަލަށް ހަވާލުވި ކޯޗު ފުރޭންކް ލަމްޕާޑް ގެ ކޯޗު ކަމުގައި އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ރޭ އެ ޓީމުން އީއެފްއެލްގައި ކުޅުނު މެޗުގައި ވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ފެންވަރު ދައްކާލައިފަ އެވެ. އެ މެޗުގެ ފުރަތަ ހަތް މިނަޓުގެ ތެރޭގައި ވެސް ޗެލްސީން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ރޮސް ބާކްލީ އާއި މިޗީ ބަޓްޝުއާއީގެ އެ ދެ ގޯލާ އެކު އިދިކޮޅު ޓީމުން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ.
އެގޮތުން 19 ވަނަ މިނަޓުގައި އިދިކޮޅު ޓީމުން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ޓީމުން ގޯލު ޖަހައި އުންމީދު އައު ކުރި ނަމަވެސް އެ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއެއްގެ ފައިދާ ނަގައި ޗެލްސީން ވަނީ ލީޑު ފުލާ ކޮށްފަ އެވެ.
ދެވަނަ ހާފުގައި ޗެލްސީން ވަރުގަދަ ކުޅުމެއް ދެއްކި އިރު އިދިކޮޅު ޓީމުގެ ޑިފެންސް އޮތީ ޕްރެޝަރަށް ވެއްޓިފަ އެވެ. އެކަމުގައި ފައިދާ ނަގައި ޗެލްސީން އެ ހާފުގައި އިތުރު ހަތަރު ގޯލު ޖެހި އެވެ.
އެންމެ ފަހުން ޔޫރޮޕުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލުން ރޭ ކުޅުނު މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް އެ ޓީމުން ވަނީ މޮޅެއް ހޯދައިފަ އެވެ. މިފަހަރުގެ އިނގިރޭސި ލީގުގައި 100 ޕަސެންޓު މޮޅު ދަމަހައްޓަމުން އަންނަ ލިވަޕޫލަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ޖޭމްސް މިލްނާއާއި ކީ-ޖަނާ ހޮއެވާ އެވެ.
އިނގިރޭސި ފުޓުބޯޅައިގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފާހަގަވެފައި އޮތް ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ތިން ވަނަ ޑިވިޝަނުގައި ވާދަ ކުރަމުން އަން ރޮޗްޑޭލާ ދެކޮޅަށް އެ ޓީމުން ކުޅުނު މެޗު 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ޔުނައިޓެޑް ވަނީ ކުރި ހޯދައިފަ އެވެ.
ޕެނަލްޓީގައި ޔުނައިޓެޑްގެ ހުރިހާ ކުޅުންތެރިން ޖެހި ޕެނަލްޓީ ކާމިޔާބުވި އިރު އިދިކޮޅު ޓީމުން ޖެހި ދެ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ.