ޗައިނާގެ ފްލައިޓުތަކާއި ޓޫރިޒަމް އިންވެސްޓްމެންޓު ބޭނުން: ޝާހިދު

ފޮރިން މިނިސްޓަރު ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ އެކު -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއް ކަމުން، ޗައިނާއިންވެސް ގިނަ ފްލައިޓުތަކާއި ޓޫރިޒަމް އިންވެސްޓްމެންޓް ބޭނުންވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާ ތެރޭގައި ފޮރިން މިނިސްޓަރު ޝާހިދު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ޝާހިދު ވަނީ ޗައިނާ ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އެ ދަތުރުފުޅުގައި ޗައިނާގެ ޝިންހުއާ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރި މަންޒިލެއް ކަމަށާއި، އެކި ގައުމުތަކުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަންނަ އިރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިން ކަމަށެވެ.

"މިއަދު ރާއްޖެ އަންނަ ފަތުރުވެރިންގެ ތިންބައި ކުޅަ އެއްބައި ހިއްސާކުރަނީ ޗައިނާއިން. ކަނެކްޓިވިޓީއަކީ [ދަތުރުފަތުރުގެ ގުޅުމަކީ] ފަތުރުވެރިންގެ އަދަދާއި މީހުންނާ މީހުންގެ ގުޅުން އިތުރުކުރެވޭނެ ހަމައެކަނި ގޮތް،" ޝާހިދު ވިދާޅުވިއެވެ.

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޗައިނާގެ 172،834 ފަތުރުވެރިން އައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ރިކޯޑުތަކުން ދައްކައެވެ. އަދި 2018 ވަނަ އަހަރު ރާއްޖެ އައި ޗައިނާ ފަތުރުވެރިންގެ އަދަދަކީ 283،116 އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ޗައިނާއަށް ދަތުރުތައް ބާއްވާކަން ފާހަގަކުރައްވަމުން، ޝާހިދު ވިދާޅުވީ ޗައިނާއިންވެސް ގިނަ އެއާލައިންތައް ރާއްޖެއަށް ދަތުރު ފަށައި، ގިނަ ފްލައިޓުތަކެއް ރާއްޖެ އައުމަށް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ ޗައިނާގެ ތަފާތު ސިޓީތަކުން ރާއްޖެއަށް ކަނެކްޝަންސް އަންނަން. ޗައިނާގެ އިތުރު ފްލައިޓުތައް ރާއްޖެ އައުމަށް ބޭނުންވޭ،" ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއާ ޗައިނާއާ ދެމެދު މިހާރު ދަތުރުކުރާ އެއާލައިންތަކުގެ ތެރޭގައި މޯލްޑިވިއަންގެ އިތުރުން ޗައިނާ އީސްޓަން، ޗައިނާ ސަދަން އަދި ބެއިޖިންގް ކެޕިޓަލް އެއާލައިންސް ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޗައިނާގެ އިންވެސްޓަރުންގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރަންވެސް ރާއްޖެއިން އެދެއެވެ.

"އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި އިންވެސްޓުކުރާނެ ޗައިނާ އިންވެސްޓަރުން ހޯދަމުން. އެއީ، ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންނަށް ބޭނުންވާނެ ފަދަ ޕްރޮޑަކްޓުތަކެއް މިތަނުގައި ގާއިމުކުރެވޭނެތީ،"

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އެކުގައި ކުރިއަށްދާން ކަމަށެވެ.

މިއަދުގެ ސަރުކާރާ ޗައިނާއާ ގުޅުން ގޯސްވަމުންދާ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ދަނޑިވަޅުގައި ފޮރިން މިނިސްޓަރު ޗައިނާއަށް ދަތުރުފުޅެއް ކުރެއްވި އިރު، އެ ދަތުރުފުޅުގައި ވަނީ ރާއްޖެއާ ޗައިނާއާ ތިން ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވިދާޅުވީ ރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތަސް ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން އެހީތެރިވާނެ ކަމަށެވެ.

comment ކޮމެންޓް