ދިވެހިންނަށް ހާއްސަކުރާ 500 ވަޒީފާގެ މައުލޫމާތު ދެނީ

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބޭޢްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ފަރުކޮޅުފުށީގައި ބާއްވާ ޖޮބްފެއާގައި ދިވެހިންނަށް ހާއްސަކުރާ 500 ވަޒީފާއާ ބެހޭ މައުލޫމާތު ހިއްސާ ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހު ފަރުކޮޅުފުށީގައި ކުރިއަށްގެންދާ ޓޫރިޒަމް ޖޮބްފެއާއަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ ވަޒީފާތަކާ ބެހޭ މައުލޫމާތު ހިއްސާކުރާނެ ހަރަކާތެއް ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ބޮޑެތި ރިސޯޓު ގްރޫޕުތައް ވަނީ މީގައި ބައިވެރިވެފައި. ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު މި ތިން ދުވަސްތެރޭ ފަރުކޮޅުފުށީގައި ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

"ވަޒީފާގެ ފުރުސަތުގެ އިތުރުން އިންޓާންޝިޕް ފުރުސަތުތައްވެސް ރިސޯޓުތަކުން ދެމުން ގެންދާނެ. އަދި އަޅުގަނޑުމެންނަށް 10 ފުލީ ޕެއިޑް ސްކޯލާޝިޕްގެ ފުރުސަތުވެސް މި ފެއާގެ ތެރެއިން ވަނީ ހުށަހަޅާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ޖޮބްފެއާ ހުޅުވައިދެއްވާނީ އެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި، ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމެވެ. ތިން ދުވަހަށް ކުރިއަށްގެންދާ ޖޮބްފެއާއަށް ޒިޔާރަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ކޮންމެ 30 މިނެޓަކުން މާލެއިން ލޯންޗު ދަތުރުގެ ހިދުމަތް ހިލޭ އޮންނާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޖޮބްފެއާ ކުރިއަށްދާއިރު ކޮންމެ ދުވަހަކު ހަވީރު ލޯކަލް އާޓިސްޓުންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު އޮންނާނެކަމަށާއި ރޭގަނޑު ކުރިއަށްދާނީ ރާއްޖޭގެ މަޝްހޫރު ބޭންޑުތަކުގެ ހަރަކާތްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ރެއަކުވެސް 10 ޖަހާއިރު "ރިސޯޓު މުވައްޒަފެއްގެ ދިރިއުޅުމުގެ" ވާހަކަ ކިޔައިދޭ ސެޝަންއެއް އޮންނާނެ ކަމަށާއި އެ ސެޝަންގައި ރިސޯޓު މުވައްޒަފެއްގެ ކާމިޔާބީ ހިއްސާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތިން ރޭ ތަފާތު ތިން މީހެއްގެ ވާހަކަ ގެނެސްދޭނެ. ފުރަތަމަ ރޭ ގެނެސްދޭނީ ނައިބު ރައީސް ފައިސަލް ނަސީމްގެ ސަކްސެސް ސްޓޯރީ،" މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތައް މާދަމާ ފަށާނެއެވެ. 18 އަތޮޅުން ބައިވެރިވާ ކެނޯ ހަރަކާތް ވ. އަތޮޅުން ފަށާއިރު ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ނިންމާލުމަށް އަންނަ މަހުގެ ދެވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ހާއްސަ ގާލާއެއް ބާއްވާނެއެވެ.

comment ކޮމެންޓް