ދެކުނު އޭޝިއާގެ ލީޑިންގް ސްޕާ ބްރޭންޑްގެ އެވޯޑު ސަން އަކުއާ ސްޕާއަށް

ސަން އަކުއާ ވިލުރީފްގެ ސަން އަކުއާ ސްޕާ -- ފޮޓޯ/ ސަން އަކުއާ ވިލުރީފް

ދެކުނު އޭޝިއާގެ ލީޑިންގް ވެލްނެސް އެންޑް ސްޕާ ބްރޭންޑުގެ އެވޯޑު، ސަން އަކުއާ ސްޕާއަށް ލިބިއްޖެ އެވެ.

މިދިޔަ ހަފްތާ ބަންދުގައި ސްރީލަންކާގެ ގޯލްގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) 2019 ބޭއްވި އިރު، މި އެވޯޑު ހަފްލާގައި ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށް ވަނީ އެވޯޑު ދީފައެވެ.

ސަން އަކުއާ ސްޕާއަކީ ސަން ސިޔާމް ރިސޯޓު ކަލެކްޝަންގައި ހިމެނޭ "ސަން އަކުއާ" ބްރޭންޑުގެ ދަށުން ހިންގާ ސަން އަކުއާ ވިލުރީފް އަދި ސަން އަކުއާ އިރުވެލި ރިސޯޓުގައި ހިންގާ ސްޕާގެ ބްރޭންޑެވެ.

މީގެ އިތުރުން ސާޓާ 2019 ގައި ރާއްޖޭގެ ލީޑިންގް ފެމިލީ ރިސޯޓުގެ އެވޯޑު، ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސްއަށް ލިބުނެވެ.

ސަން އަކުއާ ސްޕާ ބްރޭންޑަށާއި، ވިލުރީފާއި އިރުވެލީގައި ހުްނަ ސަން އަކުއާ ސްޕާއަށް މީގެ ކުރިން ވަނީ ތަފާތު އެވޯޑުތައް ލިބިފައެވެ. އޭގެ ތެރޭގައި ވޯލްޑް ޓްރެވަލް އެވޯޑްސްއާއި ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑްސްގެ އެކި އެވޯޑުތައް ހިމެނެއެވެ.

ސަން އަކުއާ ވިލުރީފްގެ ސަން އަކުއާ ސްޕާގައި ހަ ޕްރައިވެޓް ޓްރީޓްމަންޓް ޕެވިލިއަން ހުރެއެވެ. އަދި ހައިޑްރޮތެރަޕީއާއި އާޔުރްވެދިކް ޓްރީޓްމަންޓްތަކާއި ތަފާތު ތެރަޕީތައް އެތަނުން ލިބޭނެއެވެ.

މީގެ އިތުރުން ސަން އަކުއާ އިރުވެލީގެ ސްޕާގައި ހަތް އޯވާވޯޓާ ޓްރީޓްމަންޓް ޕެވިލިއަން ހުރެއެވެ. އަދި ތަފާތު ޓްރީޓްމަންޓުތަކުގެ ހިދުމަތްތައްވެސް އެތަނުން ލިބެއެވެ.

އަދި ސަން ސިޔާމް އިރުފުއްޓަކީވެސް ވޯލްޑް ޓްރެވަލް އެވޯޑްސް ފަދަ ޝަރަފުވެރި އެތައް އެވޯޑެއް ލިބިފައިވާ ޕްރޮޕަޓީއެކެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2019 ގައި އެންމެ ގިނަ އެވޯޑު ލިބުނީ ދިވެހިރާއްޖެއަށާއި، ރާއްޖޭގެ ޕްރޮޕަޓީތަކަށެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްއަކީ ހައިރައިޒްއިން އިންތިޒާމުކޮށްގެން، 2016 ވަނަ އަހަރުން ފެށިގެން ދެމުން ގެންދާ އެވޯޑެކެވެ.

comment ކޮމެންޓް