މާލޭ ޖަލު އެނެކްސްގައި ތިބި ގައިދީން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް އަންގައިފި

މާލޭ ޖަލު

މާލޭ ޖަލު އެނެކްސްގައި ތިބި ގައިދީން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އަންގައިފިއެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާލޭ ޖަލު އެނެކްސްގެ ހާލަތު ބެލުމަށްފަހު މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އެތަން ބަންދު ކުރަން އެ ކޮމިޝަނުން އެންގުމުން އެ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭ ޖަލު އެނެކްސް ބަންދު ކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން އެ ކޮމިޝަނަށް މައުލޫމާތު ދިން ކަމަށެވެ. ނަމަވެސް އިއްޔެ އެ ކޮމިޝަނުން މާލޭ ޖަލު އެނެކްސްއަށް ޒިޔާރަތްކުރުމުން އެތަނުގައި 25 ގައިދީއަކާއި ބަންދު މީހެއް ބަންދު ކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

މީގެއިތުރުން އެތަނުގެ ތެރޭގައި ބާވެފައިވާ ދަގަނޑާއި ކުދި ހިލަ ގޯންޏާއި ވެލި ގޯންޏާއި އަދި ގޮޅިތަކުގައި ހިރަފުސް ބޯވެފައި ހުރުމުގެ އިތުރުން ގޮޅިތައް ސާފުތާހިރު ނޫންކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވުނު ކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.

އެހެންކަމުން އެ މައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލައި، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެގޮތުން އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން މަސައްކަތްކޮށް ހައްލެއް ލިބިފައިނުވާތީ، މިއަދުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މާލޭ ޖަލު އެނެކްސްގައި ތިބި ގައިދީންނާއި ބަންދު މީހުން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށާއި އަދި އެތަނުގައި އެއްވެސް ގައިދީއެއް އަދި ބަންދު މީހެއް ވެސް ބަންދު ނުކުރުމަށް އެ ކޮމިޝަނުން ވަނީ ކަރެކްޝަންސް އަށް އަންގާފައެވެ.

comment ކޮމެންޓް