މެޗަށް ހާޒިރު ނުވުމުން 40،000 ރުފިޔާއިން ވިކްޓަރީ ޖޫރިމަނާ ކޮށްފި

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ސީނިއާ ޓީމް ކުޅުންތެރިން --- ޑީޕީއެލް

މިދިޔަ ބުރާސްފަތި ދުވަހު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޓީމް ވިކްޓަރީ ހާޒިރު ނުވުމުން 40،000 ރުފިޔާއިން އެކުލަބު ޖޫރިމަނާ ކުރުމަށް އެފްއޭއެމުން ނިންމައިފި އެވެ.

ވޭތުވެ ދިޔަ ސީޒަނުގެ ދެ މެޗަށް ވެސް ކުޅުންތެރިން ހާޒިރު ނުވުމުން އަދަބު ދީފައިވާ ވިކްޓަރީ މިވަގުތު އޮތީ ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފަ އެވެ. އެކުލަބުގެ ކޯޗަކާއި ހަވާލުވެ ހުރި މުހައްމަދު އާދަމްގެ އިސްތިއުފާއާ އެކު މުޅި ޓީމުގައި ވެސް ތިން ކީޕަރުންނާ އެކު ހިމެނެނީ 10 ކުޅުންތެރިންނެވެ. އެހެން ކަމުން ކުރިއަށް އޮތް މެޗުތަކަށް ވެސް އެ ޓީމު ހާޒިރު ވުމަކީ މިވަގުތުގެ ހާލަތަށް ބަލާ އިރު ވަރަށް ނާދިރު ކަމެކެވެ.

ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ކުލަބުތަކުގެ ތެރޭގައި ހިމެނޭ ވިކްޓްރީއަށް މިފަހަރުގެ ލީގުގައި ބައިވެރި ވެވުނީ ވެސް ކިރިޔާ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލައިގައި ސަސްޕެންޝަނެއް އަތުވެދާނެ ކަމުގެ ބިރު ހީވެފައި އޮތް ވިކްޓްރީއަށް އެ ފައިސާ ދައްކައި ޙަލާސް ކުރެވުނީ އެންމެ ފަހު ދުވަހަށް ވެފައި އޮއްވަ އެވެ.

އެހެން ނަމަވެސް އައު ކޯޗަކާއި ޒުވާން ކުޅުންތެރިންތަކަކާ އެކު ވިކްޓަރީން ލީގާއި ކުރިމަތިލީ ވަރުގަދަ އަޒުމެއްގަ އެވެ. އެހެނަސް ކަންތައް ދިމާވީ ދިމާ އިދިކޮޅަށެވެ. ޓީމުގެ މެނޭޖްމެންޓާއިި ކޯޗާއި ގުޅުން ކެނޑި ފަހަރަކު ކުޅުންތެރިޔަކު ގެއްލެމުން ގެއްލެމުން ގޮސް މެޗެއް ކުޅެލެވޭ ވަރު ވެސް ހަމަ ނުވީ އެވެ.

މިދިޔަ ހަފްތާ އެ ޓީމުގެ ކޯޗު ވަނީ އިސްތިއުފާ ދީފަ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ޓީމުގެ މެނޭޖްމެންޓުގެ ފަރާތުން އެއްބާރުލުން ނުލިބޭ ނަމަ އިސްތިއުފާ ދޭނެ ކަމަށް ބުނެފަ އެވެ.

އަދި އެއާ އެކު ދެން ފެނުނީ މި މަހުގެ 19 ވަނަ ދުވަހު ގްރީން ސްޓްރީޓާ ދެކޮޅަށް އެ ޓީމު ކުޅެން އޮތް މެޗަށް ދަނޑަށް ހާޒިރު ނުވި ތަނެވެ. އެހެން ކަމުން އެފްއޭއެމުން މިހާރު ވަނީ ވިކްޓަރީއަށް އެކަމުގެ ސަބަބުން ބޮޑު އަދަބެއް ވެސް ދީފަ އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިކްޓަރީން މިދިޔަ ބުރާސްފަތި ދުވަހު ކޫލެން އޮތް މެޗަށް ހާޒިރު ވެފައި ނުވާތީ ދިވެހި ޕްރިމިއާ ލީގުގެ ގަވާއިދުގެ 11.4 ވަނަ މާއްދާއަށް ރިއާޔައް ކޮށް އެ ކުލަބު 40،000 (ސާޅީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އަދި އެ ދުވަހުގެ މެޗަށް ހާޒިރުވި ގްރީން ސްޓްރީޓަށް ބަދަލުވައި ތިން ޕޮއިންޓާ އެކު ފައިދާ ދެ ގޯލު ވެސް ލިބޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ވިކްޓްރީ އިސްވެ ވަނީ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް މަސައްކަތްކޮށްފަ އެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބޭއްވުމަށް މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުނުވީ ފީފާ އިން އެންގުމުންނެވެ. ކްލަބްތަކަށް އެފްއޭއެމުން ފައިސާ ދޭ ގޮތަށް މި ސީޒަނުގައި ހަމަޖެއްސިއިރު، ވިކްޓްރީ އަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް އެ ޓީމުގެ ބައެއް އޮފިޝަލުން ބުނެ އެވެ.

comment ކޮމެންޓް