ދުމުގެ ސަބަބުން އިންޑޮނޭޝިއާގެ އުޑުމަތި ރަތް ކުލައަށް

އިންޑޮނޭޝިއާގައި ދުން ބޯވުމުގެ ސަބަބުން އުޑުމަތި ރަތް ކުލައަށް ބަދަލުވެފައި -- ފޮޓޯ: ވުލަންދަރީ

ޖަކާޓާ (ސެޕްޓެމްބަރު 24): އިންޑޮނޭޝިއާގެ ޖާމްބީ ޕްރޮވިންސުގައި ދުން ބޯވުމުގެ ސަބަބުން އެސަރަހައްދުގެ އުޑުމަތި ރަތް ކުލައިން ދިއްލާލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޖާމްބީ ޕްރޮވިންސުގެ މެކަރު ސާރީ ވިލެޖުގެ އުޑުމަތި ރަތްވެފައި ވަނިކޮށް ފޮޓޯތަކެއް ނެގުމަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރި އެކާ ވުލަންދަރީ ބުނި ގޮތުގައި އޭނާ އެފޮޓޯތައް ނެގީ މެންދުރު ވަގުތުގަ އެވެ. އަދި އެއީ އާދަޔާ ހިލާފަށް ދުން ބޯވެފައި އޮތް ދުވަހެއް ކަމަށާއި އޭގެ ސަބަބުން ލޮލާއި ކަރު ތެރެއަށް ވެސް އުނދަގޫވި ކަމަށް އޭނާ ބުންޏެވެ.

ވުލަންދަރީ ފޭސްބުކުގައި ހިއްސާ ކުރި ފޮޓޯތައް މިހާރު ވަނީ 34،000 ފަހަރު ޝެއާކޮށްފަ އެވެ. ނަމަވެސް ބައެއް މީހުން ވަނީ އެއީ އަސްލު ފޮޓޯތަކެއް ކަމާ މެދު ޝައްކު އުފައްދާފައި ކަމަށް ވުލަންދަރީ ބުންޏެވެ.

"ނަމަވެސް މިއީ ހަގީގަތެއް. އެއީ އަހަރެންގެ ފޯނުން ނެގި އަސްލު ފޮޓޯ އާއި ވީޑިއޯ،" ވުލަންދަރީ ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ މެންދުުރު އިންޑޮނޭޝިއާގެ ޕްރޮވިންސެއްގެ އުޑުމަތި ރަތްވެފައި -- ފޮޓޯ: ވުލަންދަރީ

އަދި ޓުވިޓާ މެދުވެރިކޮށް ވެސް އިންޑޮނޭޝިއާގެ މީހަކު ވަނީ އެގައުމުގެ އުޑުމަތި ރަތްވެފައިވާ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.

"މިއީ މާސް އެއް ނޫން. މިއީ ޖާމްބީ. އަހަރެމެން އިންސާނުން ބޭނުންވަނީ ސާފު ވައި، ދުމެއް ނޫން،" ވީޑިއޯ ހިއްސާ ކުރި ފަރާތުން ލިޔެފައިވެ އެވެ.

އިންޑޮނޭޝިއާގެ މީޓީއޮރޮލޮޖިކަލް އޭޖެންސީން ބުނި ގޮތުގައި ޖާމްބީ ޕްރޮވިންސުގައި ދުން ބޯވެފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ވެސް ދައްކަ އެވެ.

އަދި އެގައުމުގެ އެސްޓްރޮނޮމަރު މަރުފިން ސުޑިބްޔޯ ވިދާޅުވި ގޮތުގައި އުޑުމަތި އެގޮތަށް ރަތް ވަނީ ދުމުގައި ހުންނަ އެތިކޮޅުތަކެއް ސަބަބުންނެވެ. އަދި އެ އެތިކޮޅުތަކުގެ ސަބަބުން ނޫ ކުލައިގެ ލައިޓު ބޮޑަށް ފިލްޓާ ކުރެވި، އޮރެންޖު ނުވަތަ ރަތް ކުލައިގެ ލައިޓް ބޮޑަށް ފެތުރޭތީ އެވެ.

އިންޑޮނޭޝިއާގައި ކޮންމެ އަހަރަކު ވެސް ހޫނު މޫސުމުގައި ޖަންގަލިތަކުގައި ރޯވުމުގެ ސަބަބުން އެގައުމާއި އަވަށްޓެރި ގައުމުތަކަށް ދުން ފެތުރެ އެވެ. ނަމަވެސް މިއީ ފާއިތުވި ހަތަރު އަހަރު ތެރޭ އެމައްސަލަ އެހާވަރަށް ގޯސްވި ފުރަތަމަ ފަހަރެވެ.

އޭގެ ތެރެއިން ބައެއް އަލިފާންގަނޑުތައް ރޯކުރަނީ ދަނޑުވެރިކަން ކުރަން ބޭނުންވާ ބައެއް މީހުންނާއި ބޮޑެތި ކުންފުނިތަކުންނެވެ. ނަމަވެސް އެއަލިފާންގަނޑުތައް ބައެއް ފަހަރު ކޮންޓްރޯލު ނުކުރެވި، ބޮޑެތި ސަރަހައްދުތަކަށް ފެތުރެ އެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ އަލިފާންގަނޑުތައް ނިއްވާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް މިހާރު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް