ދަގަނޑޭގެ ފަސް ގޯލާ އެކު ގްރީން މޮޅުވި އިރު ޓީސީ އެއްވަރުވެއްޖެ

ގްރީން ސްޓްރީޓާއި ފޯކައިދޫ ކުރިން ކުޅުނު މެޗެއްގެ ތެރެއިން --- ޑީޕީއެލް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުތަކުގައި، ގްރީން ސްޓްރީޓް 2-8 ގެ ބޮޑު ނަތީޖާ އަކުން ޔުނައިޓެޑް ވިކްޓަރީ ބަލިކުރި އިރު އެންމެ ފަހުގެ ޗެމްޕިއަނ ޓީސީ ސްޕޯޓްސް ކުލަބާއި މިނިވަން ޗެމްޕިއަންޝިޕުގެ ރަނަރަޕް ހޯދި ފޯކައިދޫ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވި ގްރީން ވަނީ އެ މެޗުން ލިބުނު މޮޅާ އެކު ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ. އެ ޓީމަށް ފުރަތަމަ ބުރުގެ އަށް މެޗުން ލިބުނީ 15 ޕޮއިންޓެވެ. އެއް ވަނައިގައި އޮތް މާޒިޔާ އަށް މެޗުން ލިބުނީ 18 ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް އަށް ފުރަތަމަ ބުރުން ދެ ވަނަ ލިބޭނީ ލީގުގައި މާދަމާރޭ ދަ ގްރާންޑޭ އާއި އީގަލްސް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ގްރީން ސްޓްރީޓުގެ ކޯޗު އަލީ ސުޒެއިން --- ޑީޕީއެލް

މިފަހަރުގެ ލީގަށް އެންމެ ރަނގަޅަށް ތައްޔާރުވި ޓީމުތަކުގެ ތެރޭގައި ހިމެނޭ ގްރީނުން މެޗަށް ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. އެ މެޗުގެ ތަފާތަކަށް ވެގެން ދިޔަ އަލީ އަޝްފާގް ދަގަނޑޭ ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކައި އޭނަގެ ފެންވަރު އަނެއްކާވެސް ދައްކާލައިފަ އެވެ. އެގޮތުން އޭނާ ވަނީ މިއަދުގެ މެޗުގައި ފަސް ގޯލު ޖަހައި އަނެއް ތިން ގޯލު ޖެހުމުގައި ވެސް މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

މެޗު ފެށިގެން އެންމެ ދެ މިނަޓުގެ ތެރޭގައި ދަގަނޑޭ ވަނީ ގްރީނަށް ލީޑު ނަގައިދީފަ އެވެ. އަދި އޭގެ އިރަކޮޅެއް ފަހުން މުހައްމަދު ރިޝްވާން ވަނީ އެ ޓީމަށް ލީޑު ފުޅާ ކޮށްފަ އެވެ. ލިބުނު ފުރުސަތެއްގެ ފައިދާ ނަގައި ޔޫވީގެ އަހްމަދު ނާޝިދު (ނާއްޓޭ) ވަނީ އެ ހާފުގެ މެދަކާ ހަމައިން ގޯލެއް ޖަހައި ޔޫވީއަށް ފަރަގު ކުޑަ ކޮށްދީފަ އެވެ.

ނަމަވެސް ގްރީންގެ ވަރުގަދަ ކުޅުމާ އެކު ޔޫވީގެ ޑިފެންސަށް ކެތް ނުކުރެވި ގޯލުތައް ބަރި ބަރިއަށް ވަދެގެން ދިޔަ އެވެ. ދަގަނޑޭ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެ ގޯލު ޖަހައި އޭނަގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން ދިޔައީ ވެސް ގްރީންގެ ގޯލަކާ އެކު އެވެ. ރިހާމް އަބްދުލް ޣަނީ ( ބޮބީ) ގެ އެ ގޯލާ އެކު އަނެއްކާ ވެސް ގްރީނަށް ގޯލު ހުޅުވިގެން ދިޔަ އިރު އޭގެ އިރަކޮޅެއްް ފަހުން ދަގަނޑޭ ވަނީ އިތުރު ގޯލެއް ޖަހައިފި އެވެ. ލިބުނު ފުރުސަތެއްގައި މިރާހް މުހައްމަދު ޔޫވީއަށް ގޯލެއް އިތުރު ކުރި ނަމަވެސް މެޗު ނިމުމުގެ ކުރިން ގްރީނުން އިތުރު ދެ ގޯލ ޖެހި އެވެ. މިއީ ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ފަހުން އެ ޓީމު މިހާތަނަށް ހޯދި އެންމެ ބޮޑު މޮޅެވެ.

މީގެ އިތުރުން ވޭތުވ ދިޔަ އަހަރުގެ ޗެމްޕިއަން ޓީސީއާއި ފޯކައިދޫ މިރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.

މި މެޗުން އެއްވަރުވުމުން ލީގުގެ ތިން ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު ޓީސީ އަށް ވަނީ ގެއްލިފަ އެވެ. ލީގުގެ ހަތަރު ވަނައިގައި ޓީސީ އޮތީ އަށް މެޗުން ލިބުނު 13 ޕޮއިންޓާ އެކު އެވެ. ފުރަތަމަ ބުރު ނިމޭއިރު ޓީސީ އޮންނަ މަގާމެއް އެނގޭނީ ލީގުގައި މާދަމާރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރަން ޖެހޭ މެޗުންނެވެ.

މިރޭގެ މެޗަށް ޓީސީން ނުކުތް އިރު އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު އާތިފް (އާތީ) ވަނީ އިސްތިއުފާ ދީފަ އެވެ. އަދި ކީޕަރަކަށް ހުރި މުހައްމަދު އިމްރާން (އިންމަ) ވެސް ވަނީ މުސާރަ ނުދިނުމުގެ މައްސަލައިގައި އެ ކުލަބު ދޫކޮށްލައިފަ އެވެ.

މިރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޓީސީންނެވެ. ޓީސީގެ އިބްރާހިމް އައިސަމް އެ ޓީމަށް ލީޑު ނަގައިދިން އިރު އިދިކޮޅު ފޯކައިދޫން ވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފަ އެވެ. ޖުމްލަކޮށް ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނު އެ މެޗުގައި ފޯކައިދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެވަނަ ހާފުގައި އެ ޓީމުގެ މިސްރުގެ ވިންގް މުސްތަފާ ސެޑިކް އެވެ.

ފުރަތަމަ ބުރު ނިމުނުއިރު ފޯކައިދޫ އަށް އަށް މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކީ އެ ޓީމު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ ވަރުގަދަ ޓީމުތަކާ އަބަދު އެއްވަރުކޮށްލައިގެން ފަރުޖައްސާލެވެން ނެތް ކަމަށާއި ލީގު ތާވަލުގެ ކުރިއަށް އަރާނަމަ މިހެން ލިބޭ މެޗުތަކުގައި މޮޅުވާން ވެސް ޖެހޭ ކަމަށެވެ.

comment ކޮމެންޓް