ހެންވޭރު އަލިފާން އެއީ ޓެރަރިޒަމުގެ އަމަލެއް ކަމަށް އަދި ނުބެލެވޭ: ފުލުހުން

މިދިޔަ ހުކުރު ދުވަހުގެ ރޭ އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކީ، ޓެރެރިޒަމްގެ އަމަލެއް ކަމަށް މިހާތަނަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

އަލިފާނުގެ ހާދިސާއަކީ، ރޭވިގެން ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ތަހުގީގު ކުރިއަށް ދަނީ ހުރިހާ "އެންގަލް" އަކުން ބަލައިގެން ކަމަށާއި މިހާތަނަށް ހޯދި ހޯދުން ތަކުން އެއްވެސް ވަރަކަށް އެއީ ޓެރެރިޒަމްގެ އަމަލެއް ކަމަށް ނުބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ތަހުގީގު މި ގެންދަނީ ހުރިހާ ޕޮސިބިލިޓީއެއް ބަލައިގެން، ހުރިހާ އެންގެލް އަކުން ބަލައިގެން، އެކަމުގެ ޔަގީންކަން ދެން. އަލިފާނުގެ ހާދިސާ ހިނގީ އެކްސިޑެންޓަލީ ދިމާވި ކަމަކުންތޯ، ގަސްތުގައި މީހަކު ރޯކޮށްލައިގެންތޯ، މިހުރިހާ އެންގަލް އަކުން ބަލަމުން ގެންދާނަން،" ހަސަން ޝީފާއު ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެންނަށް ސީދާ އެ މައުލޫމާތުގެ މައްޗަށް [ޓެރެރިޒަމްގެ އަމަލެއް ކަމަށް] އެއްވެސް ކަންތައްކަތެއް މިވަގުތާ ހަމައަށް ފާހަގަ ކުރެވިފައި ނެތް،"

ޝިފާއު ވިދާޅުވީ، މިއީ ތަހުގީގުގެ ކުރީކޮޅުކަމުން އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައިނުވާ ކަމަށެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން އެއްވެސް ކަހަލަ މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން މީސް މީޑިއާގައި ހިއްސާ ކުރުމުގެ ބަދަލުގައި ސީދާ ފުލުހުންނާ ހިއްސާ ކުރުމަށް ޝިފާއު އިލްތިމާސް ކުރެއްވި އެވެ.

"އެހެން ނޫން ކަމުގައި ވާނަމަ އެކަމުގެ އެންމެ ރަނގަޅު މައުލޫމަތެއް ނެތި ރައްޔިތުންގެ މެދުގައި އޭގެ ބިރުވެރިކަން އުފެދޭ ކަހަލަ ކަންތައްތަކެއް ދިމާވެ ދާނެ،" ޝިފާއު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ 30 އެއްހާ ގެއަށް އަސަރުކޮށް، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހި އަކަކު ވަނީ މަރުވެފައެވެ. ހާލުގައި ޖެހުނު އެންމެނަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

comment ކޮމެންޓް