ލިވަޕޫލް ރެކޯޑް ދެމެހެއްޓި އިރު ޔުނައިޓެޑް ބަލިވެއްޖެ

ލިވަޕޫލުން މިރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހުމަށްފަހު: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ލިވަޕޫލް --- ފޮޓޯ// އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން މިރޭ ކުޅުނު މެޗުންވެސް މޮޅުވެ އެ ޓީމުން ދަމަހައްޓަމުން އަންނަ އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަށް އިތުރު ބޮޅެއް އިތުރުކުރި އިރު ވެސްޓްހަމް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ސްޓެމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލުން ޗެލްސީ ބަލިކުރީ 1-2 ގެ ނަތީޖާ އަކުންނެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު ލިވަޕޫލް ވަނީ އެއްވަނައިގައި ހަމަޖެހިލައިފަ އެވެ. ޒުވާން ސްކޮޑަކާއެކު ސީޒަނާއި ކުރިމަތިލި ޗެލްސީންވެސް ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗުން ލިބުނު ބައްޔާއެކު އެ ޓީމު ވަނީ ތާވަލުގެ 11 ވަނައަށް ވެއްޓިފައެވެ.

ލިވަޕޫލުން މިރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހުމަށްފަހު: އެ މެޗު 1-2 އިން ކާމިޔާބު ކުރީ ލިވަޕޫލް --- ފޮޓޯ// އޭޕީ

މިރޭގެ މެޗަށް ލިވަޕޫލުން ވަރުގަދަ ސްކޮޑަކާއެކު ނުކުތް އިރު މެޗުގެ 14 ވަނަ މިނެޓުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމަކުން އެ ޓީމު ވަނީ ގޯލު ޖަހައިފައެވެ. އޭރިއާ ކުރިމަތިން ލިބުނު އެ ހިލޭ ޖެހުން ފުރަތަމަ ޖަހަން ދިޔަ މުހައްމަދު ސަލާހު އެ ބޯޅަ ގޯލަށް ޖެހުމުގެ ބަދަލުގައި ފަހަތަށް ދަމާލުމުން ބޯޅަ ބާރު ސްޕީޑުގައި ގޯލުގެ ތެރެއަށް ފޮނުވާލީ ލިވަޕޫލްގެ ފަހަތަށް ކުޅެމުން އަންނަ އެލެކްސެންޑަރާ އާނޯލްޑެވެ.

އާނޯލްޑްގެ ގޯލާއެކު ޗެލްސީން ކުޅުން ރަނގަޅުކޮށް ލިވަޕޫލްގެ ޑިފެންސަށް ބާރު ބޮޑު ކުރިއެވެ. ކައިރި ކައިރީގައި ހުސްކޮށް ދެ ފުރުސަތެއް ލިބުނު އިރު ފަހު ފުރުސަތުގައި އެ ޓީމުން ވަނީ ގޯލެއް ޖަހައިފައެވެ. ނަމަވެސް ޗެލްސީގެ ކެޕްޓަން ސީޒާ އަޒްޕްލިކުއެޓާ ޖެހި އެ ގޯލު އޮފްސައިޑެއް ކަމަށްވާ ރެފްރީ ވަނީ ވީއޭއާރު ބެލުމަށްފަހު ނިންމާފައެވެ.

އެއާއެކު ޖެހިގެން އައި ބޯޅައިން ލިބުނު ހިލޭ ޖެހުމެއްގެ ފައިދާ ނަގައި ލިވަޕޫލުން ވަނީ އަނެއްކާވެސް އެ ޓީމުގެ ލީޑު ބޮޑު ކޮށްފައެވެ. އެންޑީ ރޮބާޓްސަން ހިލޭ ޖެހުން އޭރިއާ ތެރެއަށް ނަގައިދިން އިރު އެ ބޯޅަ ބޮލުން ޖަހައި ގޯލަށް އަމާޒު ކޮށްލީ ރޮބާޓޯ ފިރްމީނިއޯއެވެ.

މެޗުގައި ލިވަޕޫލަށް އިތުރު ގޯލުތަކަށް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ދެވަނަ ހާފުގައި ޗެލްސީއަށް ފަރަގު ކުޑަކޮށްދިނީ އެ ޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ އެންގޯލޯ ކާންޓޭއެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާލާއިރު 10 ކުޅުންތެރިންނާ އެކު ކުޅުނު އާސެނަލުން ވަނީ ފަހަތުން އަރައި އެސްޓޮން ވިލާ ބަލިކޮށްފައެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު އެސްޓޮން ވިލާއިން އެ މެޗުގައި ލީޑު ނަގައި މޮޅަށް ކުޅުނު އިރު ދެ ރީނދޫ ކާޑު ހަމަވެގެން އާސެނަލްގެ ޑިފެންޑަރު މެއިޓްލެންޑް ނައިލަސްއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

އާސެނަލާއި އެސްޓޮން ވިލާ މިރޭ ކުޅުނު މެޗުގެ ތެރެއިން ---

އެއް ކުޅުންތެރިއަކު މަދުކޮށް ދެވަނަ ހާފާއި އާސެނަލް ކުރިމަތިލީ ނަމަވެސް އެ ހާފު ފެށުނުތަނާހެން ލިބުނު ޕެނަލްޓީއެއްގެ ފައިދާ ނަގައި އާސެނަލުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އާސެނަލްގެ ގޯލާއެކު ކޮށްޓި ގޮތަށް އެސްޓޮން ވިލާއިން އަނެއްކާވެސް ލީޑު ނެގިއެވެ. އެއާއެކު އާސެނަލް އަލުން އަނބުރާ އިތުރު ހިތްވަރަކާއެކު ކުޅެ މެޗުގެ 81 ވަނަ މިނަޓުގައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ގޯލާ އެކު އެސްޓޮން ވިލާ ޕްރެޝަރަށް ވެއްޓި އާސެނަލަށް ފުރުސަތު ލިބުމުން އެ ޓީމު މޮޅު ކޮށްދިނުމަށް ގޯލު ޖެހީ އެރިކް އޮބަމަޔެންގެވެ.

މީގެ އިތުރުން ޕްރިމިއާ ލީގު އެންމެ ގިނަ ފަހަރަށް ކާމިޔާބުކުރި ޔުނައިޓެޑް ވަނީ މިރޭ ކުޅުނު މެޗުންވެސް ބަލިވެ ތާވަލުގެ އަށްވަނައަށް ވެއްޓިފައެވެ. ވެސްޓްހަމާއި ދެކޮޅަށް އެ ޓީމުން މިރޭ ކުޅުނު މެޗުން ބަލިވެފައި ވަނީ 0-2 ގެ ނަތީޖާ އަކުންނެވެ.

comment ކޮމެންޓް