ކޮންމެ ސަރުކާރެއް އޮތަސް ރާއްޖޭގެ ތަރައްގީއަށް އެހީވާނަން: ޗައިނާ

ޗައިނާގެ ޚާރިޖީ ވަޒީރާއެކު ފޮރިން މިނިސްޓަރު ޝާހިދު--- ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮންމެ ސަރުކާރެއް އޮތަސް ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތްތެރިވެދޭނެކަމަށް ޗައިނާއިން ބުނެފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ދަތުރު ވަރަށް ކާމިޔާބު ކަމަށެވެ.

ޝާހިދު ވަނީ އެ ދަތުރުގައި ަޗއިނާގެ ހާރިޖީ ވަޒީރު އާ ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވަނީ ބާއްވައިފަ އެވެ.

" ޚާރިޖީ ވަޒީރު އަޅުގަނޑަށް ޔަގީންކޮށްދެއްވި ރާއްޖެއާ ޗައިނާގެ ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއްކަށް. ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިޔަސް ޗައިނާ ސަރުކާރާ ޗައިނާ ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުން ރާއްޖޭގެ ތަރައްގީއަށް ދިވެހި ރައްޔިތުންގެ ތަރައްގީއަށް ކުރާ ކޮންމެ ކަމަކަށް ހިފެހެއްޓުމެއް ނެތި ލިބެމުންދާނެ ކަމަުގެ ޔަގީންކަން ދެއްވި،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރަކީ ދިވެހި ރައްޔިތުްނގެ ވިންދާ އެއްގޮތަށް ހުރިހާ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނެ ކުރާނެ ސަރުކާރެއް ކަމުގެ ޔަގީންކަންވެސް ހާރިޖީ ވަޒީރަށް ދެންނެވި ކަމަށެވެ.

ޝާހިދު ވިދާޅުވީ އެ ދަތުރުގައި، ރާއްޖޭގައި މަޝްރޫއުތައް ހިންގަމުންދާ ކުންފުނިތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައި މިހާރު މަޑުޖެހިފައިވާ މަޝްރޫއުތައް އަވަސްކޮށް ދިނުމަށްވެސް އެދި ވަޑައިގެންނެވި ކަމަށެވެ.

ދިވެހިންނަށް ޗައިނާއިން ފަސޭހައިން ވިސާ ލިބޭނެގޮތް ހެދުމަށް ވެސް އެ ދަތުރުގައި ވަނީ މަޝްވަރާކޮށްފައެވެ. ޝާހޮދު ވިދާޅުވީ މިހާރުވެސް ޗައިނާގެ ރައްޔިތުންނަށް މިހާރުވެސް ފަސޭހަ ކަމާއެކު ރާއްޖެއަށް ޒިޔާރަތް ކުރެވޭ ކަމަށާއި ނަމަވެސް ދިވެހިންނަށް ޖެހެނީ ޗައިނާ އެމްބަސީން ވިސާ ނަގައިގެން އެގައުމަށް ޒިޔާރަތްކުރަން ކަމަށެވެ.

ޝާހިދު ވިދާޅުވީ ދިވެހިންނަށް ފަސޭހައިން ވިސާ ދިނުމަށް ޗައިނާއިން ދިރާސާތަކެއް ކުރި ކަމަށް ޚާރިޖީ ވަޒީރު ދެންނެވި ކަމަށާއި އަދި އެކަން ވަރަށް އަވަހަށް ހަަމެޖެހޭނެ ކަަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަންނަ މަހު ޗައިނާގައި ހުޅުވާ އާ އެއާޕޯޓާއެކު މޯލްޑިވިއަންގެ އިތުރު ފްލައިޓެއް ބޭއްވުުމުގެ ފުރުސަތު މިހާރު ހަަމަޖެހިފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި އިތުރު ފްލައިޓްތައް ބޭއްވުމަށްވެސް މަޝްވަރާކުރެވުނު ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އަމާޒަކީ 2023 ވަނަ އަހަރު އަންނަންވާއިރަށް ޗައިނާއިން އަހަރަކު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށެވެ.

comment ކޮމެންޓް