ބޮޑު އަލިފާން: މީހުން ހުސްކުރި ގެއަކުން ބޮޑެތި ވައްކަންތަކެއް!

މާލޭގައި ހިނގި ބިޔަ އަލިފާނުގެ ހާދިސާ: ގެއަކުން ވަނީ ވައްކަން ކޮށްފައި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރޭ ހެންވޭރު އަބަދަށްފެހިމަގުގައި ހުރި ގުދަނެއް ގޮވައި، ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގެ ގެތަކުން މީހުން ހުސްކޮށްފައި ވަނިކޮށް އެއިން ގެއަކުން ވައްކަން ކޮށްފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައެވެ.

ރޭ ހެންވޭރުގައި ގުދަނެއް ގޮވައި، އަލިފާންގަނޑު ފެތުރިގަތް ވަގުތު އެ ސަރަހައްދުގެ ގިނަ ގެތަކުން މީހުން ހުސްކުރިއެވެ. އަލިފާންގަނޑު ޖުމްލަ ހަތް އިމާރާތަކަށް ފެތުރުނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މީހުން ހުސްކޮށްފައި ވަނިކޮށް އެ ސަރަހައްދުގައި ހުރި އިމާރާތެއްގެ ހަތްވަނަ އަދި އަށްވަނަ ފަންގިފިލާއަކުން ވައްކަން ކުރިކަމުގެ މައްސަލަ މިއަދު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ހަތް ވަނަ ފަންގިފިލާއިން 700 ޑޮަލަރު (10،794 ރުފިޔާ) އާއި އެޕަލް ބްރޭންގެ ގަޑިއަކާއި އިއާޕޮޑެއް ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އަށްވަނަ ފަންގިފިލާއިން 37،200 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިގެން ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަވެސް ދަނީ މިހާރު އިތުރަށް ތަހުގީގުކުރަމުންނެވެ.

ރޭ ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ކަލާފާނު ސުކޫލުގައި އިމަޖެންސީ ސެންޓަރެއް ގައިމު ކޮށްފައެވެ. އިމަޖެންސީ ސެންޓަރަށް 400 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ދީ، އިތުރު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އެންޑީއެމްއޭއިން ބުންޏެވެ.

comment ކޮމެންޓް