ކެމިކަލް ގުދަންތައް މީހުން ނޫޅޭ ސަރަހައްދަށް ބަދަލު ކުރަން ޕްލޭނެއް އެކުލަވާލަނީ

މިރޭ ބޭއްވި ކުއްލި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ކެމިކަލް ގުދަންތައް މީހުން ދިރި ނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރުމަށް ޕްލޭނެއް އެކުލަވާލަން ސަރުކާރުން ނިންމައިފި އެވެ.

އެގޮތަށް ނިންމާފަައި ވަނީ މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ބޭއްވި ކުއްލި ކެބިނެޓް ބައްދަލު ވުމުގަ އެވެ.

"މިހާރު މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ކެމިކަލް ފަދަ ނުރައްކާތެރި ތަކެތި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ބަދަލުކުރުމުގެ ކަންކަން ކުރިޔަށްގެންދަވާނެ ޕްލޭނެއް އެކުލަވާލެއްވުމަށް ވެސް ވަޒީރުންގެ މަޖުލީހުން ވަނީ ނިންމަވާފަ" މިރޭ ބޭއްވި ކުއްލި ކެބިނެޓް ބައްދަލުވުމާ ގުޅިގެން ރައީސް އޮފީހުން ބުންޏެވެ.

ކެމިކަލް ގުދަންތައް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލު ކުރުމަށް ނިންމާފައިވާއިރު މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހ.ތިލަފުށީ ގޭގެ ތިރީގައި ހުރި ކެމިކަލް ގުދަނުގެ އިތުރުން ހަމަ އެސަރަހައްދުގައި ހުރި ތިން ކެމިކަލް ގުދަނެއްގައި ރޯވި އެވެ.

މިރޭ ކެބިނެޓް ބައްދަލުވުމުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ފަދަ އެހެން ހާދިސާއެއް ހިނގާ ނުދިއުމަށް އަޅަން ޖެހޭ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން މިރޭ ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން އެހީވުމަށްވެސް ވަނީ ނިންމާފަ އެވެ.

"ހާލުގައި ޖެހުނު މީހުންނަށް މާލީގޮތުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްގެންދެވުމަށް ނިންމެވި." ރައީސް އޮފީހުން ބުންޏެވެ.

މިރެ އަލިފާނުގެ ހާދިސާގައި ހަ ގެއެއްގައި ރޯވެ ގިނަ ބަޔަކު ހާލުގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

comment ކޮމެންޓް