ބީއެމްއެލް، އެސްޓީއޯގައި ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފި

ގައުމީ ބޭންކް، ބީއެމްއެލް އާއި ސަރުކާރު ވިޔަފާރި ކުންފުނި އެސްޓީއޯގެ މުވައްޒިފުންނަށް ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމެއް ހިންގައިފި އެވެ.

ޖެންޑާ މިނިސްޓްރީ އިން ހިންގި މިޕްރޮގްރާމްގެ މަގަސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުސަތުތައް ތަނަވަސްކޮށްދީ، ވަޒީފާގެ މާހައުލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ރަޙުމަތްތެރި ތަންތަނުގެ ގޮތުގައި ހެދުމެވެ.

ބީއެމްއެލްގައި އިއްޔެ ބޭއްވި މި ޕްރޮގްރާމްގައި އަށް އަންހެނުން މުވައްޒަފަކާއި ހަތް ފިރިހެން މުވައްޒަފަކާއެކު، ޖުމުލަ 15 މުވައްޒަފުން ބައިވެރިވެފައިވެ އެވެ. އަދި އެސްޓީއޯގައި ބޭއްވި ޕްރޮގޮރާމްގައި އެކުންފުނީގެ 11 އަންހެން މުވައްޒަފަކާއި 9 ފިރިހެން މުވައްޒަފަކާއެކު ޖުމުލަ 20 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ދެ ކުންފުނީގެ ޖުމްލަ 35 މުވައްޒިފަކު ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމްގައި މައުލޫމާތު ދިން ބައިތަކުގެ ތެރޭގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަމާއި، ނުކުޅެދުންތެރިކަމާއެކު ވެސް އެ ފަރާތްތަކަށް ކުރެވިދާނެ މަސައްކަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރުމުގައި މެނޭޖްމަންޓަށް އަދާކުރެވިދާނެ ދައުރު ހިމެނެ އެވެ.

މީގެ އިތުރުން، މި މަސް ތެރޭ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އާއި އެމްޕީއެލްގެ މުވައްޒިފުންނަށް ވެސް މި ޕްރޮގްރާމް ވަނީ ބާއްވާފަ އެވެ.

comment ކޮމެންޓް