ހަފްތާއިން ސޯޝަލް މީޑިއާ: ބްލޮންޑް ކެންޑަލް އާއި އަދީބުގެ މައާފް!

ކޮންމެ ދުވަހަކު އާ ވާހަކައެކެވެ. ސޯޝަލް މީޑިއާގެ ދުނިޔެއަކުން ހުރިހާ އެންމެން ވަނީ އެއް އާއިލާއަކަށް ހަދައިދީފަ އެވެ. އެ އާއިލާގެ ތެރޭގައި ލައްކަ ވާހަކަ ދައްކާއިރު އޭގެ ތެރެއިން ވައިގައި ހިފައި ވާހަކަތައް ވަރަށް ވެސް މަދެވެ. މި އޮތީ މި ހަފްތާ ދިވެހި ޓްވިޓާގައި އެންމެ ފޯރި ނެގި ވާހަކަތަކެވެ. ވީކެންޑްގެ މަޖަލުގެ ތެރޭގައި ތިބެ މިވާހަކަތަކުގެ ފޯރި އަލުން އާކޮށްލަމާ ހިނގާށެވެ.

އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވާހަކަފުޅު ދައްކަވަނީ ---

އަދީބުގެ މައާފު, ބަލައެއް ނުގަނެވުނު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި މައްސަލައިގައި އެމަނިކުފާނު ވަނީ ދާދި ފަހުން މައާފަށް އެދިވަޑައިގެންފަ އެވެ.

ފިއްލަވައިގެން ރާއްޖެ ދޫކޮށް ވަޑައިގެންނެވުނީތީ އެހެންމެހާ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގައި ބޭއްވި ޝަރީއަތުގަ އެވެ.

ކޮންމެއަކަސް އެމަނިކުފާނު މި ދިއްކޮށްލެއްވި ޒައިތޫނު ފަތްކޮޅު އާންމުންނަށް ބަލައިގަނެވޭ ގޮތެއް ނުވި އެވެ. ބައެއް ފަރާތްތަކުން ބުނީ އަދީބު މައާފަށް އެދިވަޑައިގަންނަވަން ޖެހޭނީ ޖަލުގައި އޮންނަވައިގެން ކަމަށެވެ. އަނެއްބައި ފަރާތްތަކުން ވަނީ އެ މައްސަލައާ ގުޅުވައިގެން އެކި ކަހަލަ ސުވާލުތައް އުފައްދާފަ އެވެ.

ނަމަލް ކައިވެނި ބައްލަވައިގެންނެވީ ލަންކާގެ ވިޔަފާރިވެރިއެއް ކަމަށްވާ ތިލަކް ވީރަސިންހަގެ އަންހެން ދަރިފުޅާ ---

ނަމަލްގެ ކައިވެންޏަށް މަރުދިނީ ރާއްޖޭގެ ލީޑަރުން!

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި އެ ގައުމުގެ ޕާލިމަންޓް މެންބަރު ނަމަލް ރާޖަޕަކްސަ ވަނީ ދާދި ފަހުން ކައިވެނިބައްލަވައިގެންފަ އެވެ.

އުމުރުފުޅުން 33 އަހަރުގެ ނަމަލް ކައިވެނި ބައްލަވައިގެންނެވީ ލަންކާގެ ވިޔަފާރިވެރިއެއް ކަމަށްވާ ތިލަކް ވީރަސިންހަގެ އަންހެން ދަރިފުޅު ލިމްނީ ވިރާސިންހާ އެވެ.

އެ ކައިވެންޏަށް ލަންކާގެ އެކި ސަރަހައްދުތަކުން ވަނީ މަރުހަބާ އާއި ތަހުނިޔާ ކިޔާފަ އެވެ. ނަމަވެސް ބަލާ ބެލުމުގައި އެ ދެމަފިރިކަނބަލުންނަށް އެންމެ ހޫނު މަރުހަބާއެއް ކީ ރާއްޖެއިންނެވެ. އަދި ހާއްސަކޮށް ރާއްޖޭގެ ސިޔާސީ ބޭފުޅުންނެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ކައިވެންޏަށް މަރުހަބާ ދަންނަވާފަ އެވެ.

އަދި އެ ކައިވެނި ޕާޓިއަށް ރާއްޖޭގެ ސިޔާސީ ގިނަ ބޭފުޅުންތަކެއް ދަތުރު ހައްދަވައިގެން ލަންކާއަށް ވަޑައިގެން އެ ކައިވެނީގެ ހަފްލާގައި ބައިވެރިވެ ވަޑައިގަތެވެ. ކޮންމެއަކަސް މިދިޔަ އަންގާރަ ދުވަހުގެރޭ ނަމާލްބޭއްވި ޕާޓީގައި ވަނީ ދިވެހި ރާއްޖޭގެ ސިޔާސީ ކުލަތައް ހިފާފައެެވެ.

މޮޅު ނޫސްވެރިންނަށް ސާބަސް!

ދިވެހި ނޫސްވެރިކަމުގެ އެކި ރޮނގުތަކުން ރާއްޖޭގައި ތިބި އެންމެ މޮޅު ފަރާތްތަކަށް މި ހަފްތާގައި ވަނީ އެވޯޑު ދީފަ އެވެ. އެވޯޑު ކާމިޔާބު ކުރި ފަރާތްތަކަށް ވަނީ ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން މަރުހަބާގެ ފަތިވަރުތައް އަމުނާލާފަ އެވެ.

މިއަހަރުގެ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ލިބިފައިވަނީ ސަން އޮންލައިންގެ ނަޖާހު މަސްއޫދަށެވެ. އޭނާއަށް މަރުހަބާ އެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމަށް ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގެ ތެރެއިން: އުންމީދީ ނޫސްވެރިޔާގެ އެވޯޑު ލިބުނީ ސަން އޮންލައިންގެ ނޫސްވެރިޔާ ނަޖާހު މަސްއޫދުއަށް - ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިފަހަރު އަރުވައިފަ އެވެ. އެ މަނިކުފާނުގެ އިތުރުން އެ އެވޯޑު ދެ ބޭފުޅަކަށް އެރުވި އެވެ. އެއީ؛

  1. މަޑުލު މުހައްމަދު ވަހީދު
  2. އިބްރާހިމް އުމަރު މަނިކް

ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ފަރާތަކުގެ އަގު ވަޒަން ކުރުމަށް އަރުވާ ރަން ގަލަން 12 ބޭފުޅަކަށް ލިބިލެއްވިއިރު، އަލިމަސް ގަލަން ނުވަ ބޭފުޅަކަށް ވަނީ ލިބިލައްވައިފަ އެވެ.

ކެންޑަލް ޖެނާ އިސްތަށިގަނޑު ބްލޮންޑް ކޮށްފައި ---- ފޮޓޯ : ނިއުޔޯކް ޓައިމްސް


ކެންޑަލް ޖެނާ މިހާރު ބްލޮންޑް، ވަރަށް ކަމުދޭ

ރިއެލިޓީ ޓީވީ ތަރި އަދި ސުޕަމޮޑެލް ކެންޑަލް ޖެނާ އަކީ އަބަދުވެސް މީހުންގެ ސަމާލުކަން ހުއްޓިފައި ހުންނަ ފަންނާނެކެވެ. ކެންޑަލް ލާ ހެދުމުން ފެށިގެން އޭނާގެ ނިޔަފަތީގެ ކުލައަކީ އާންމުންގެ ފާޑުކިޔުން ރައްދުވާ ކަންތައްތަކެވެ. މިފަހަރުވެސް މިއޮތީ އާ ކަމެކެވެ.

ކެންޑަލް ވަނީ މި ހަފްތާގައި އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ކުލަ ބްލޮންޑުކޮށްލާފަ އެވެ. އެއާއެކު ހުރިހާ އެންމެން ޝުއޫރުތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލި ކަހަލަ އެވެ. ހުރިހާ އެންމެނަށްވެސް އޭނާގެ އާ ލުކް ވަރަށް ކަމު ގޮސްފި އެވެ.

އެއްބަޔަކު އޭނާގެ އިސްތަށިގަނޑާ ހެދި ޖެލަސްވެގެން ތެޅިގަތް އިރު، އަނެއްބަޔަކު އޭނާގެ ރީތިކަމަށް ތައުރީފުކުރަނީ އެވެ. އިތުރު ބަޔަކު ބުނާގޮތުގައި ކެންޑަލްގެ އިސްތަށިގަނޑު ބްލޮންޑް ކުރީމައި އޭނާގެ ދައްތަ ކްލޯއީ ކާޑޭޝިއަންއާ ވަރަށް ވައްތަރެވެ.

comment ކޮމެންޓް