އިއާދަކުރަނެވި ހަކަތައާ ގުޅޭ ދިރާސާއެއް ކުރަން ސްޓެލްކޯއިން ބަޔަކާ ހަވާލުކޮށްފި

އިއާދަކުރެނެވި ހަކަތައާ ގުޅޭ ފީސިބިލިޓީ ދިރާސާއެއް ކުރަން ސްޓެލްކޯއިން، ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޓެލްކޯ

އިއާދަކުރަނިވި ހަކަތައާ ގުޅޭ ފީސިބިލިޓީ ދިރާސާއެއް ކުރަން ސްޓެލްކޯއިން، ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީވައިޖީ ސަންރީ ކޯ ލިމިޓެޑްއާއެކު ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ސޮއިކުރެއްވިއިރު ސީވައިޖީގެ ފަރާތުން ސޮއިކުރެއްވީ ނާއިބު ރައީސް ވޫ ޑިއަންފެންގްއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުގުނީ ވިދާޅުވީ މިއީ 50 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަގުސަދުގައި ކުރާ މަސައްކަތެއް ކަމަށެވެ.

އެގޮތުން ރާއްޖޭގައި އިރުގެ އަލިން ހަކަތަ އުފެއްދުމަށް ބޭނުންވާ ތަކެތި ސީވައިޖީ ކުންފުނިން ސަޕްލައިކޮށްދޭނެ ކަމަށެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން 100 ޕަސެންޓް ކަރަންޓް ދިނުމަށް ސާމްޕަލް ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަޝްރޫއު އއ. އުކުޅަހުގައި ހިންގާ ގޮތަށް ސްޓެލްކޯގައި ވަނީ ނިންމައިފައެވެ.

"މި ބޭފުޅުންގެ ޓީމް ވަޑައިގެން ރަށް އިތުރަށް ސާވޭކޮށް ބެޓެރީ ސިސްޓަމާ ސޯލާއާ އެއްކޮށް ވޯކްކޮށްގެން ދެވޭނީ ކިހިނެއްތޯ އެ ބޭފުޅުން ސްޓަޑީ ކުރައްވާނެ. އެއަށްފަހު އެ ބޭފުޅުން ދެއްވާނެ އަޅުގަނޑުމެން އެންމެ ބޭނުންވާނެ އިކުއިޕްމަންޓްތައް،" މުގުނީ ވިދާޅުވިއެވެ.

އެ އިކުއިޕްމަންޓްތައް އިންސްޓޯލްކުރުމުގައި ކުދި ވިޔަފާރިތަކަށްވެސް ހުޅުވާލާނެކަމަށް މުގުނީ ވިދާޅުވިއެވެ.

comment ކޮމެންޓް