އަންނަ އަހަރު ބާއްވާ އޭއެފްސީގެ އުމުރުން 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 13-0ގެ ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވެެއްޖެ އެވެ.
އޭޝިއާ ބައްރުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ އީރާނާ ދެކޮޅަށް ރޭ ކުޅުނު މެޗުން ރާއްޖޭގެ ޒުވާން ޓީމު ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި އިރު ރާއްޖެއާ އެއް ގުރޫޕެއްގައި ދެން އޮތީ ވެސް ވަރުގަދަ ދެ ޓީމެވެ. އެއީ ފަލަސްތީނާއި އަފްގާނިސްތާނެވެ. އެ ދެ ޓީމު ރޭ ކުޅުނު މެޗު 2-2ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފަ އެވެ. ރޭގެ މެޗުގެ ނަތީޖާތަކާ އެކު ގުރޫޕް "ސީ"ގެ އެއްވަނާގައި މިވަގުތު އޮންނާނީ އީރާނެވެ. ދެވަނާގައި ފަލަސްތީން އޮތް އިރު އަފްގާނިސްތާނުގެ ދަށުން ރާއްޖެ އޮތީ ފުލުގަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ރާއްޖެ ކޮޅަށް އީރާނުން ވަނީ ހަތް ގޯލު ޖަހައިފަ އެވެ. ދެވަނަ ހާފުގައި އިތުރު ހަ ގޯލު ރާއްޖެ ކޮޅަށް އީރާނުން ޖެހި އިރު މީގެ ދެ އަހަރު ކުރިން މި މުބާރާތުގެ ކޮލިފައިންގައި ކުޅުނު މެޗުތަކުން ވެސް ރާއްޖެ ވަނީ ބޮޑެތި ނަތީޖާތަކަކުން ބަލިވެފަ އެވެ.
އެފަހަރުގެ މުބާރާތުގައި ސީރިއާ އަތުން ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު 0-6 އިން ބަލިވި އިރު ތަޖިކިސްތާން އަތުން ރާއްޖެ ބަލިވީ 0-14 އިންނެވެ. އަދި އޯމާން އަތުން 0-8 އިން ވެސް އެ ފަހަރުގެ ކޮލިފައިންގައި ބަލިވި އެވެ.
އޭރު ޓީމުގެ ކޯޗަކަށް ހުރި އިބްރާހިމް ހަލީމް (ޖަޑާ)ގެ ބަދަލުގައި މިފަހަރުގެ މުބާރާތަށް ޓީމާ ހަވާލުވީ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
ނިޒާމްބެގެ މައިގަނޑު ޓާގެޓަކީ މި ޓީމު 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުކުރުމާއި އެދެމެދުން އަންނަ ސަރަހައްދީ މުބާރާތްތަކުން ރަނގަޅު ނަތީޖާ ނެރުމެވެ.
އެގޮތުން މިދިޔަ މަހު ގަތަރުގައި އޮތް މުބާރަތާ ކުރިމަތިލީ ނިޒާމްބެ ހަވާލުވިތާ ދެ ހަފުތާ ފަހުންނެވެ. އެ މުބާރާތުގައި ވެސް ރާއްޖޭގެ ޒުވާން ޓީމު ވަނީ ބޮޑެތި ނަތީޖާތަކަކުން ބަލިވެފަ އެވެ. ނިޒާމްބެ އޭރު ވެސް ބުނީ ކުރު މުއްދަތެއް އޮތުމުން މާބޮޑު ކަންތައްތަކެއް ހާސިލްނުކުރެވޭނެ ކަމަށާއި އެކަމަކު މިއޮތް ދުވަސްކޮޅުގައި ވެސް ވީ އެންމެ ރަނގަޅަކަށް ތައްޔާރުވެ ކުރިއަށް އޮތް މުބާރާތްތަކުން ނެގެން އޮތް ފައިދާއެއް ނަގާނެ ކަމަށެވެ.