ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލި މައްސަލަ އަދި ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ބޭސްފަރުވާއަށް ފޮނުވުމުން ލުތުފީ ފިލީ 2010 ވަނަ އަހުރު އެވެ. ނުވަ ވަރަކަށް އަހަރު ފިލައިގެން އުޅުމަށް ފަހު ލަންކާގައި ދިން އީސްޓާ ބޮމުގެ ހަމަލާތަކަށް ފަހު ލުތުފީ ވަނީ އަމިއްލައަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެފަ އެވެ.
ލުތުފީ ލަންކާ އެމްބަސީއާ އަމިއްލައަށް ހަވާލުވީ މެއި މަހު އެވެ. ފުލުހުންގެ ބެލުމުގެ ދަށުން އޭނާ މާލެ ގެނައީ އޭގެ ދެ މަހެއްހާ އަދި ހަމަ އެ ރޭ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސަސްއާ އޭނާ ހަވާލުކޮށް، ފިލި މައްސަލައިގެ ތަހުގީގު ފެށި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން "ސަން" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ އަދި ވެސް އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.
އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، އެންމެ ފުރަތަމަ ހުކުމް ކުރީ ލުތުފީ މެރުމަށެވެ. އެހެން ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ އަދަބު ލުއިކޮށްދެއްވައި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވައިފަ އެވެ.
އެ ހުކުމުން ތަންފީޒުކުރަން ބާކީ ހަތަރު ވަރަކަށް އަހަރު އަދި އެބައޮތެވެ.