ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް، ފިލި މައްސަލައިގައި ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފު ވުމުން ތިން މަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ސުޕްރީމް ކޯޓްގެ އަމުރަކަށް ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، އަދީބު ފިލަން މަސައްކަތް ކުރިނިކޮށް، އިންޑީއާގެ ޓުޓްކޮރިން އިން އެ ގައުމުގެ ފުލުހުން ވަނީ އަދީބު ހިފަހައްޓައި އަނބުރާ ރާއްޖެއަށް ފޮނުވާލައިފަ އެވެ.
މި މައްސަލައިގައި ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ކުށުގެ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކޮށްފައިވަނީ، މިދިޔަ މަހު 27 ވަނަ ދުވަ އެވެ.
މި މައްސަލައިގައި މިއަދު ފުރަތަމަ އަޑުއެހުން ބޭއްވި އިރު، ދައުލަތުގެ ފަރާތުން ދައުވާ ސާފު ކޮށްދެއްވަމުން، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ނައުފަލް ވިދާޅުވީ، އަދީބު ފިލި މައްސަލައިގައި ދައުވާ ކުރަނީ، ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާއި ދެވަނަ ނަމްބަރު އަދި (ނ) ގެ ދަށުން ކަމަށެވެ.
ގާނުނުލް އުގޫބާތުގެ 533 ވަނަ މައްދާ: ގާނޫނު ހިންގުމަށް ހުރަސް އެޅުން
(ހ) އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލުތައް ކުރާ މީހާ އެ ކުރަނީ ކުށެކެވެ؛
1 - ތިމާއަށް އެނގިހުރެ ގާނޫނުގެ ބާރު ހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް، އަންނަނިވި ގޮތްގޮތުން ކުރެ ގޮތަކުން، ހުރަސް އެޅުމާއި އެކަމަށް ދަތިކުރުމާއި، އެކަމުގެ މަގްސަދު ހާސިލުވިޔަ ނުދިނުން؛
(2) (i) މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސް ކުރިމަތިކުރުވައިގެން، ނުވަތަ ރަސްމީ ވާޖިބަކާ ހިލާފުވެގެން، ނުވަތަ އެނޫންވެސް ހުއްދަ ނޫން އަލެއް ކޮށްގެން؛
(ނ) - މި ކުށަކީ ޖުނުހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް.
ނައުފަލް ވިދާޅުވީ، މި ކުށަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށްވުމުން، ދައުވާ ސާބިތުވެއްޖެ ނަމަ، އަދީބަށް އަންނަނީ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. އަދި ކުށަށް އިއުތިރާފު ވެއްޖެ ނަމަ، އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ނައުފަލް ޝަރީއަތުގައި ފާހަގަ ކުރެއްވި އެވެ.
ގާނުނުލް އުގޫބާތުގައިވާ ގޮތުން، ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ، ހަތަރު މަހާއި 24 ދުވަހެވެ. ނަމަވެސް ގާޒީ ބޭނުން ވެއްޖެ ނަމަ، އެންމެ ބޮޑު އަދަބުގެ ގޮތުގައި އެއް އަހަރު ކަނޑައެޅިދާނެ އެވެ. ގާނޫނު އޮންނަ ގޮތުން އެންމެ ކުޑަ އަދަބަކީ، އެއް މަހާއި ހަ ދުވަހެވެ.
އަދީބު ފިލުމަށް ފަހު، މިދިޔަ މަހު ހަތަރު ވަނަ ދުވަހު، މާލެ ގެނެސް ބޭއްވި ބަންދުގެ މަޖިލީހަށް ގެންދިޔުމުން ވެސް އޭނާ ވަނީ ކުށަށް އިއުތިރާފުވެ، މާފަށް އެދިފަ އެވެ. ފިލަން މަސައްކަތް ކުރީ، ފުރާނައަށް ނުރައްކާވުމުން މަޖުބޫރު ވެގެން ކަމަށާއި އެފަދަ ކަމެއް ތަކުރާރުނުކުރާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
މިއަދު އަޑުއެހުމުގައި އެވާހަކަތައް ތަކުރާރު ކުރައްވަމުން އަދީބު ވިދާޅުވީ، ދައުވާއަށް މިއަދުވެސް އިންކާރު ނުކުރާ ކަމަށެވެ. އެހެން ނަމަވެސް، ގާޒީ ހުކުމް ކުރައްވާ އިރު، އޭނާގެ ސިއްހީ ހާލަތައް ރިއާޔަތް ކުުރުމަށް އަދީބު އެދިވަޑައިގަތެވެ. އެގޮތުން އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ މެޑިކަލް ރިޕޯޓު ޕީޖީއަށާއި ގާޒީއަށް އަރުވާފަ އެވެ.
މައްސަލަ ބައްލަވާ ގާޒީ، އިސްލާމާއިލް އަލީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާގޮތުން އަދީބު ކުށަށް އިއުތިރާފް ވެފައިވާތީ، އަވަސް ނިޔާއެއް ކަނޑައެޅުމަށްޓަކައި ދެންނަ އަންނަ އަޑުއެހުމެއް ފަސް ދުވަސް ތެރޭގައި ބާއްވަވާނެ ކަމަށެވެ.
އަދީބު ހިފެހެއްޓުމަށްފަހު، އިންޑިއާގެ ސަލާމަތީ ބާރުތަކުން އެނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ދިވެހި ފުލުހުންނާ ހަވާލުކުރުމުން ކްރިމިނަލް ކޯޓްގެ އަމުރަކަށް ފުލުހުން އޭނާ ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ މާލެ ގެނެސް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ކްރިމިނަލް ކޯޓުން ނިންމީ، އަދީބު ހައްޔަރު ކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޭރުން ކަމަށް ވާތީ އެއީ އިޖުރާއަތްތަކާ ހިލާފަށް ހިންގާފައިވާ އަމަލެއް ކަމަށްވާތީ އަދީބު ދޫކޮށްލުމަށެވެ. އެހެން ނަމަވެސް، ފަހުން ކޯޓު އަމުރެއް ހޯދައިގެން ހަމަ އެ ދުވަހު އަދީބު ހައްޔަރު ކުރި އެވެ.
މިހާރު އަދީބު ފިލި މައްސަލައިގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ހަމައެކަނި މައްސަލައަކީ ސްޕްރީމް ކޯޓުގައި އޮތް ޅ. މާބިންހުރާގެ މައްސަލައެވެ. އެއީ މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި އިސްތިއުނާފް މައްސަލަ އެވެ. މިދިޔަ މަހު ހަ ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. ނަމަވަސް މިހާރު ކަރެކްޝަންސް އިން ވަނީ އޭނާ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.