މެންޓަލް ހެލްތު ހަފްތާ ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް

އައިޖީއެމްއެޗް --- ސަން ފައިލް ފޮޓޯ

ދުނިޔޭގައި ނަފްސާނީ ބަލިތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަ ކުރާ "ވޯލްޑް މެންޓަލް ހެލްތު ވީކް" ރާއްޖޭގައި ފާހަގަ ކުރުމަށް އައިޖީއެމް ހޮސްޕިޓަލުން ގިނަ ހަރަކާތްތަކެއް ރާވައިފި އެވެ.

އެ ހޮސްޕިޓަލުގެ ސެންޓާ ފޯ މެންޓަލް ހެލްތު ޑިޕާޓްމަންޓުން ނަފްސާނީ ބަލިތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އެގޮތުން އާންމުންނަށް ހުޅުވާލައިގެން ނަފްސާނީ ބަލިތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އަދި "އަ ވޯކް ފޯ މެންޓަލް ވެލްބީން"ގެ ނަމުގައި ހިނގާލުމެއް ބޭއްވުމުގެ އިތުރުން، ނަފްސާނީ ބަލިތަކާ ގުޅޭ ކުރެހުމުގެ މައުރަޒެއް ވެސް ކުރިއަށް ގެންދަނީ ވަނީ ނިންމައިފަ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ނަފްސާނީ ބަލިތަކުގެ ދުވަހަކީ 10 އޮކްޓޫބަރެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ މަގްސަދުގައި އައިޖީއެމްއެޗްގައި ހާއްސަ ޑިޕާޓްމަންޓެއް ހުޅުވީ މިދިޔަ މާޗު މަހު އެވެ. ނަފްސާނީ ބަލިތަކަށް ހާއްސަކޮށް މަރުކަޒެއް ހުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދެކެވެ.

އެ ސެންޓަރުގެ ތަސައްވުރަކީ ސެންޓަރުގެ ހުރިހާ ނަފްސާނީ ސިއްހަތުގެ ފަރުވާތަކަކީ ފެންވަރު ރަނގަޅު އަދި މުޖުތަމައުއަށް ލިބިގެންދާނެ ހިދުމަތަކަށް ހެދުމެވެ. އަދި ނަފްސާނީ ބަލި މީހުންނަށް ތަފާތު ކުރުން ނޯންނަ މާހައުލެއްގައި ދެވޭ ފަރުވާ އަކީ ދުނިޔޭގެ ފެންވަރުގެ ފަރުވާއަކަށްވުން ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް