ޒިޔާދާގެ މައްސަލަ ކުރިއަށް ނުދާތީ ދުންޔާ ކަންބޮޑުވުން ފާޅުކުރައްވައިފި

ދުންޔާ މައުމޫން --- ފޮޓޯ/ ދުންޔާ މައުމޫން ފޭސްބުކް ޕޭޖު

ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް 2015 ވަނަ އަހަރުގެ ޑިސެމްބަރު 28ގައި މަރުވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ދިގުދެމިގެން ދާތީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ އޭނާގެ ފިރިމީހާ އެ ރަށު ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ކުރިއެވެ.

ޝާހުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާއާއި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ޝާހުގެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ހުކުމްކޮށްފައި ވަނީ ޝާހުގެ މައްޗަށް އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އޭގެ ފަހުން ފަސް މަހެއްހާ ދުވަސް ވެފައިވާއިރު، އަދިވެސް އެ މައްސަލަ އޮތީ އިސްތިއުނާފު މަރުހަލާގައެވެ.

އެކަމާ ގުޅިގެން ދުންޔާ ވިދާޅުވީ މި ސަރުކާރަކީ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ސަރުކާރެއް ކަމަށް ބުނި ނަމަވެސް، ޒިޔާދާގެ މައްސަލަ ކުރިއަށްދާތަން ނުފެނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މައްސަލައާ ގުޅިގެން ޒިޔާދާގެ އާއިލާއިން ތިބީ އިންސާފު ލިބޭނެ ކަމުގެ އުންމީދުގައި ކަމަށާއި، އެހެންކަމުން މައްސަލަ އަވަސް ކޮށްދެއްވުމަށް ދުންޔާ ގޮވާލެއްވިއެވެ.

ދުންޔާ ވިދާޅުވީ މިފަދަ މައްސަލަތައް ލަސްވާނަމަ، އޭގެން މުޖުތަމައުއަށް ގޯސް މެސެޖެއް ދެވޭ ކަމަށެވެ.

"އަންހެނުނަށް އަނިޔާ ދީފަ ފިރިން ވިޔަސް އަދި އާއިލާގެ މެމްބަރުން ވިޔަސް އެކަމުން ސަލާމަތް ވެވޭނެ ކަމަށް މެސެޖެއް މި ދެވެނީ. މުޖުތަމައުގައި އުޅޭނީ އެކި ކަހަލަ މީހުން. މިފަދަ މައްސަލަތަކަށް އަހަންމިއްޔަތުކަން ނުދެވޭނަމަ މިކަހަލަ ކަންކަން ކުރާ މީހުންނަށް އިތުރަށް ހިތްވަރު ލިބޭނެ،" ދުންޔާ ވިދާޅުވިއެވެ.

އަދި މިފަދަ މައްސަލަތަކުގައި ޝަރީއަތް އަވަސްކޮށް، ބޮޑެތި އަދަބުތައް ދެވުމަކީ ކުށް ކުރާ ފަރާތްތައް ޖެހިލުންވާނެ ކަމެއް ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ ވާހަކަ އަބަދުވެސް ދައްކަން ޖެހޭ ކަމަށާއި، އެއް ދުވަހު ދައްކާލުމަށްފަހު ހުއްޓާލުމުން އަދި މައްސަލަ ނުނިމޭނެ ކަންވެސް ދުންޔާ ފާހަގަކުރެއްވިއެވެ.

"ޒިޔާދާއަށް އިންސާފު ލިބެން ޖެހޭ. ޒިޔާދާގެ މައްސަލަ އަވަސް ކޮށްދިނުމަށް ގޮވާލަން. ކައިވެނީގެ ތެރޭގައި ލިބޭ އަނިޔާތައް ބަލަންޖެހޭ. ހާއްސަކޮށް ސަރުކާރުން،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތަކަށް މިހާރު މުޖުތަމައު ވަރަށް ބޮޑަށް ހޭލުންތެރިވަމުން އަންނަ ކަމަށާއި، ނަމަވެސް އަދިވެސް ގިނަ ކަންތައްތަކެއް ކުރަން ހުރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަންހެނުންނަށް ކުރާ އަނިޔާ މުޅިން ހުއްޓުވަން ޖެހޭ ކަމަށާއި، ނަމަވެސް އަނިޔާ މަދުކުރެވުމަކީވެސް ކާމިޔާބެއް ކަމަށެވެ.

ޒިޔާދާގެ މަރާ ގުޅިގެން ޝާހު ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ކުރިން ވިދާޅުވެފައި ވަނީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު، ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައި ވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ.

ޝަތީހު ވިދާޅުވެފައިވާ ގޮތުން ޒިޔާދާގެ އުޅަނބޮށީގެ 10 ސެންޓި މީޓަރު މަތިން ކަނާތުގެ ކުރިމަތީގައި ދެ ސެންޓިމީޓަރު މަތިން ލޭ ގަނޑުވެފައި ހުރި ކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ ފާހަގަ ކުރެވިފައެވެ.

އޭގެ އިތުރުން ވާތުގެ ކުޑަހުޅުން ތިން ސެންޓިމީޓަރަށް ލޭ ގަނޑުވެފައި ހުރި އިރު ބޮލުގެ ހަންގަނޑުގައި ލޭ ގަނޑުވެފައި ހުރި ތަނެއް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޒިޔާދާ މަރުވުމުގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދައްކައިފައެވެ. އަދި މާލޭގައި ހުންނަ ޑރ. ޔަގާނެގީ ކްލިނިކަށްވެސް ދެއްކިއެވެ. އޭނާ މަރުވީ އެފަހުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

comment ކޮމެންޓް