އައްޑޫގައި އެކްސިޑެންޓެއް ހިނގައި އެކަކު އައިސީޔޫގައި، ދެން ތިބި މީހުން ފިލައިފި

އައްޑޫ ސިޓީގައި މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދު ފުލުހުން ބަންދު ކޮށްފައި ----

މިއަދު އިރު އޮއްސެނިކޮށް އައްޑޫ ސިޓީ މަރަދޫގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު އަނެއް ސައިކަލް ދުއްވި މީހުން ފިލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސ. މަރަދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓު ހިނގައިގެން ރިޕޯޓު ކޮށްފައިވަނީ 17:55 ގައި ކަމަށާއި އެތަނުން އެއް ސައިކަލު ދުއްވަން ތިބި މީހުން އެ ސަރަހައްދު ދޫކޮށް ފިލާފައިވާ ކަމަށެވެ.

އަދި އަނެއް ސައިކަލު ދުއްވި މީހާއަށް ލިބިފައިވާ އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީގައި މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދު ފުލުހުން ބަންދު ކޮށްފައި ----

އެކަމާއި ގުޅިގެން އައްޑޫ ރީޖަނަލް ހޮސްޕިޓަލަށް ގުޅުމުން ބުނީ، އެތަނުން މީޑިއާއަށް މައުލޫމާތު ދެއްވާ ފަރާތް މިވަގުތުވީ މާލޭގައި ކަމަށާއި އެހެން ކަމުން އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އެހެން ކަމުން އަނިޔާ ލިބުނު މީހާއަށް ލިބުނު އަނިޔާގެ ތަފްސީލު ލިބޭ ގޮތެއް ނުވިއެވެ.

comment ކޮމެންޓް