އަނިޔާކުރި ފުލުހުން ޑީމޯޓް ކުރަން ނިންމުމުން ސީޕީ އެދިލެއްވީ މުރާޖައާ ކުރަން

މާޗް 29، 2019، ފުލުހުންގެ މުއައްސަސާ އަށް 86 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާރާމާރީ ހިންގައި މީހަކަށް އަނިޔާކުރި މައްސަލައިގައި ސަސްޕެންޑް ކުރި ހަތް ފުލުހުން ޑީމޯޓް ކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމުމުން، އެ ނިންމުން އިތުރަށް މުރާޖައާ ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ހުށަހަޅުއްވައިފި އެވެ.

އަނިޔާކުރި މައްސަލައިގައި ސަސްޕެންޑުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހަތް ފުލުހެކެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މައްސަލަ ތަހުގީގު ކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ބޯޑުން ނިންމާފައި ވަނީ ތުހުމަތު ކުރެވޭ ހަތް ފުލުހުން ޑީމޯޓްކޮށް، ވަޒީފާ އަދާކުރާ ޑިޕާޓްމަންޓު ބަދަލުކޮށް، އަހުލާހީ ކުލަ އާއި މެޑަލް އަތުލުމަށެވެ.

ނަމަވެސް ސީޕީ ހަމީދު ވަނީ މި މަހުގެ 11 ވަނަ ދުވަހު ބޯޑުގެ ނިންމުން އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ. ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ކަނޑައެޅާ ގަވާއިދުގައިވާ ގޮތުން، ބޯޑުގެ ނިންމުމެއް އިސްތިއުނާފަށް ހުށަހެޅުމުގެ ބާރު ޕޮލިސް ކޮމިޝަނަރަށް ލިބިގެންވެއެވެ.

ފުލުހުން ބުނީ ސީޕީ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުއްވީ ބޯޑުގެ ނިންމުން އިތުރަށް ބަލާ މުރާޖައާ ކޮށްދިނުމަށް އެދިއެވެ. އެހެންކަމުން މައްސަލަ މިހާރު އޮތީ ފުލުހުންގެ އިސްތިއުނާފު ކޮމިޓީގައި ކަމަށެވެ.

ހަމަ އެ ގަވާއިދުގައިވާ ގޮތުން މުވައްޒަފެއްގެ މައްޗަށް ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާ އަދަބެއް އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ކޮމެޓީން އެ މައްސަލައެއް ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑުން އަދަބު ކަނޑައަޅާފައި ވަނީ ރަނގަޅަށްކަމަށް ފެންނަނަމަ، އެ އަދަބެއް ދެމެހެއްޓުމުގެ ބާރު، އަދި އަބަދު ކަނޑައެޅުމުގައި އިތުރަށް ބަލަންޖެހޭ ކަމެއް ވާކަމަށް ފެންނަނަމަ، އެ މައްސަލައެއް އަލުން ބެލުމަށް އެންގުމުގެ ބާރު އިސްތިއުނާފު ކޮމެޓީއަށް ލިބިގެންވެއެވެ.

މުވައްޒަފެއްގެ މައްޗަށް ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާފައިވާ އަދަބެއްގެ ބަދަލުގައި އެ ނޫން އެހެން އަދަބެއް ކަނޑައެޅުމުގެ ބާރު އިސްތިއުނާފް ކޮމެޓީއަށް ލިބިގެންނުވެއެވެ.

އަނިޔާ ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ފުލުހުންގެ ސަސްޕެންޝަން މުއްދަތު މިހާރު ހަމަވެފައި ވީނަމަވެސް، އެ ފުލުހުން ވަޒީފާއަށް ނެރެފައެއް ނުވެއެވެ. އަދި މައްސަލައިގައި ގޮތެއް ނިމެންދެން އެ ފުލުހުން ވަޒީފާއަށް ނުނެރޭނެ ކަމަށް ފުލުހުން ބުންޏެވެ.

ހަމައެއާއެކު ހަތް ފުލުހުންގެ މައްޗަށް ކުރި ޖިނާއީ ތަހުގީގު ފުރިހަމަކޮށް، އެ މައްސަލަ މިހާރު ވަނީ ޕީޖީގެ ޑިއުޓީ ޕްރޮސެކިއުޝަން އަށް ފޮނުވައިފައެވެ.

ޑިއުޓީ ޕްރޮސެކިއުޝަން އަކީ މައްސަލަ ޕީޖީ އަށް ފޮނުވުމުގެ ކުރިން، އެ މައްސަލައަކާ މެދު ތަހުގީގީ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު މައުލޫމާތު ބަދަލުކޮށް، ލަފާ ދިނުމެވެ. އެއީ ޕީޖީއަށް މައްސަލައެއް ފޮނުވުމުގެ ފުރަތަމަ މަރުހަލާއެވެ.

މައްސަލައިގައި ޑޮކްޓަރުގެ ރިޕޯޓެއް ބޭނުންވާ ކަމަށް ޕީޖީ އިން މައުލޫމާތު ދީފައި ވާތީ، އެ ރިޕޯޓު ލިބުމުން މައްސަލަ ޕީޖީއާ ހަވާލު ކުރާނެ ކަމަށާއި، މިހާރު މައްސަލައިގައި ފުލުހުންގެ ބައިތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޖުލައި މަހު ހިންގި އޮޕަރޭޝަނެއްގައި މ.އުޖާލާގެ ފުލުހުން ބަަލައި ފާސްކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އަދި ބަލާ ފާސްކޮށް އެގޭތެރެއިން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތެރެއިން ބަޔަކު އަނިޔާ ކުރީ އެ ބިދޭސީ މީހާއަށެވެ. އެކަން ފަޅާ އެރީ ފުލުހުން އެ އަމަލު ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން އެވެ. އަދި އެކަން ކުރި ފުލުހުން ވަނީ އެ ވީޑިއޯ ކުރި ކަމަށް ތުުމަތުވާ ބަޔަކު ދިރިއުޅޭ ގެއަކަށް ވަދެ، ބިރުވެސް ދައްކައިފަ އެވެ.

އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހައްޔަރު ކުރި އެވެ. އަދި އެގެއިން 461 ގްރާމް މަސްތުވާތަކެތި ހޯދި ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް