މައްސަލަ ތަހުގީގުނުކޮށް ދެ ބިދޭސީން ޑީޕޯޓްކޮށްލި މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މިދިޔަ ހުކުރު ދުވަހު ރާއްޖެއިން ޑީޕޯޓްކޮށްލި ދެ ބިދޭސީން --

ރާއްޖޭގައި ޖިނާއީ ކުށްތަކެއް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވުނު ދެ ބިދޭސީންގެ މައްސަލަ ތަހުގީގު ނުކޮށް، އެދެމީހުން ޑީޕޯޓް ކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ ސަމާލުކަމަށް ގެނެސްފި އެވެ.

މި މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައި ވަނީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.

މިދިޔަ ހުކުރު ދުވަހު ރާއްޖެއިން ޑީޕޯޓް ކޮށްފައި ވަނީ ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓުކޮށް އަދި ހުއްދަނެތި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން ދިޔަ ބިދޭސީ މީހަކާއި މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ ބިދޭސީއެކެވެ. ޑިޕޯޓް ކޮށްލީ ބަންގްލަދޭޝްގެ ދެމީހުންނެވެ.

މެމްބަރު އުޝާމް ވިދާޅުވީ ޖިނާއީ ކުށްތަކެއް ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ފަރާތެއްގެ މައްސަލަ ތަހްގީގްނުކޮށް ޑީޕޯޓްކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"އަޅުގަނޑު މިއަދު ވާނީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ ސަމާލުކަމަށް މިކަން ގެނެސް, މިކަން ބަލައިދިނުމަށް އެދިފައި،" މެމްބަރު ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ރާއްޖޭގައި ވަޒީފާ އަދާކުރަން 200،000 އެއްހާ ބިދޭސީން އެތެރެވެފައިވާ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ބުނެފައި ވާއިރު، އޭގެތެރެއިން 63،000 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުން އެވެ.

comment ކޮމެންޓް