މިދިޔަ އަހަރު، 2018 ވަނަ އަހަރު އިސްކަންދަރު ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ރާއްޖޭގެ ކާމިޔާބު ޓީޓީ ކުޅުންތެރިޔާ އާއިޝަތު ރަފާ ނާޒިމް ހޯދައިފި އެވެ.
މިރޭ އިސްކަންދު ސްކޫލްގައި ބޭއްވި އެ ސްކޫލުގެ 2018 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ރަފާއަށް އިނާމު ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ރަފާ ވަނީ މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނި އިނގިރޭސި މާއްދާއިން ދުނިޔޭގެ ގަދަ 10 އެއްގައި ވެސް ހިމެނިފަ އެވެ.
އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަމާއިި އެކްޓިވިޓީސް ކެޕްޓަންކަން ކޮށްފައިވާ ރަފާ ވަނީ އެ ސްކޫލުގެ ޑެޕިއުޓީ ބޭންޑު ލީޑަރުކަންކޮށް ފާއިތުވި ދެ އަހަރު ކިޔެވުމަށް އެންމެ ރަނގަޅު ބޭންޑްސްމަންގެ މަގާމު ވެސް ހޯދައިފަ އެވެ.
ރަފާ ވަނީ ކިޔެވުމުގެ އިތުރުން ކުޅިވަރުގެ މައިދާނުގައި ވެސް ރަން ވަނަތަކެއް ރާއްޖެއަށް ހޯދައިދީފަ އެވެ.
ރަފާ އަކީ އުމުރުން 13 އަހަރުގައި ގައުމީ ޓޭބަލް ޓެނިސް މުބާރާތުން އެއްވަނަ ހޯދާފައިވާ، ގައުމީ މުބާރާތްތަކާއި ބައިނަލްއަގުވާމީ މުބާރާތްތަކުން ރަން ވަނަތަކެއް ހޯދާފައިވާ ދަރިވަރެކެވެ. އެގޮތުން ނިމިދިޔަ އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް އިން ރަފާ ވަނީ ޓީޓީ ސިންގަލްސް އިން ރިހި މެޑަލް ހޯދައިފަ އެވެ. ޓީޓީ އަންހެން ކެޓަގަރީގެ ޓީމް އިވެންޓް އިން ރަފާ އާއި ދީމާގެ ޕެއާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ.
ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ސްކޫލު ދަރިވަރުންނަށްދޭ ކަލާސް އެވޯޑުވެސް ރަފާ ވަނީ ހޯދައިފަ އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން ރަފާ ބުނީ ސްކޫލަކީ ހަމައެކަނި ފޮތުން ދަސްކުރަން އަންނަ ތަނަކަށް ބަލައިގެން ނުވާނެ ކަމަށެވެ. އަދި ސްކޫލުގައި އުޅޭ ދުވަސްވަރު އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީވެސް ކިޔެވުމަށް ލިބޭނެ ކުރިއެރުމެއްކަން އޭނާ ފާހަގަ ކުރި އެވެ.
"ކިޔެވުމަކީ ހަމައެކަނި ފޮތުން ދަސްކުރާ އެއްޗެއް ނޫން. ސްކޫލަކީ ހަމައެކަނި ފޮތުން ދަސްކުރާ ފިލާވަޅުތައް ދަސްކުރަން އަންނަ ތަނަކަށް ނަހަދާށޭ. އިތުރުހަރަކާތްތަކުގައިވެސް ބައިވެރިވާށޭ. މިކަންތައްތަކުން ވަރަށް ގިނަ ކަންތައްތައް ދަސްވެގެންދާނެ. ރަނަގޅު ނަތީޖާ ހޯދުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ،" ކިޔަވާ ކުދިންނަށް ރަފާ ބުންޏެވެ.
ރަފާ ވަނީ އޭނާގެ ކާމިޔާބީގެ ފަހަތުގައި ތިބި އޭނާގެ މަންމަ އަށާއި ބައްޕަ އަށް އަދި އިސްކަންދަރު ސްކޫލުގެ ޓީޗަރުންނަށާއި ވެރިންނަށް އަދި އެކުގައި ކިޔަވަން އުޅުނު އެކުވެރިންނަށްވެސް ޝުކުރު އަދާކޮށްފަ އެވެ.