ރާއްޖެ އިޝްތިހާރުކުރަން ޖަރުމަނުގެ 100 ޓުއަ އޮޕަރޭޓަރުން

އަދާރަން އިން ރާއްޖެ ގެނައި ޖަރުމަނުގެ ޓުއާ އޮޕަރޭޓަރުން -- ފޮޓޯ: އަދާރަން

ރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކުރުމަށް ޖަރުމަނު ވިލާތުގެ 100 ޓުއަ އޮޕަރޭޓަރުން ރާއްޖެ އަތުވެއްޖެ އެވެ.

ޖަރުމަނުގެ ޓުއާ އޭޖެންސީއެއް ކަމުގައިވާ ފަސްޓް ޓޫރިސްޓް އިންޓަނޭޝަނަލް (އެފްޓީއާއި) އާއި ގަތަރު އެއާވޭސް އަދި އަދާރަން ރިސޯޓްސް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމު ފެށުމަށް ރޭ އަދާރަން ހުދުރަންފުށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޖަރުމަނުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އަދާރަން ގުރޫޕްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަދިތްޔާ ރާޖް ސިންގް ވިދާޅުވީ ޖަރުމަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓެއް ކަމަށާއި އެ މާކެޓަށް ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް ހިންގާ މި ޕްރޮގްރާމަކީ ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެ ކަމެއް ކަމަށެވެ.

ޖަރުމަނުގެ ޓުއަ އޮޕަރޭޓަރުންގެ ޓީމުން ރާއްޖޭގައި ހިންގާ އިތުރު ރިސޯޓުތަކަށްވެސް ޒިޔާރަތް ކުރާނެއެވެ. އަދާރަން ސެލެކްޓު ހުދުރަންފުށިން ފެށި މި ޕްރޮގްރާމު މިމަހުގެ 19 އާއި ހަމައަށް ކުރިއަށްދާއިރު ޓްރިޕު ނިންމާލާނީ ހެރިޓެންސް އާރަށުންނެވެ.

މި ދަތުރުގައި ބައިވެރިވާ ޓުއަ އޮޕަރޭޓަރުންނަށް މީހުން އުޅޭ ރަށްރަށަށް ޒިޔާރަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ދޭނެއެވެ.

ޖަރުނަމުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭ އެގައުމުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 77،000 އަށް އަރައެވެ.

ރާއްޖެ ޕްރޮމޯޓު ކުރުމަށް މިއަހަރު ކުރިއަށްގެންދާ ޕްރޮގްރާމުތަކަށް ބަލާއިރު، އެމްއެމްޕީއާރުސީ އިންވެސް ދަނީ ބޭރުގެ އިންފުލުއެންސަރުންނާއި ބްލޮގަރުން އަދި ނޫސްވެރިން ރާއްޖެ ގެނެސް ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް