ބާރަ ރަށެއްގައި ކުޑަކުދިންގެ ޕާކްހަދަން ބޭނުންވަ ތަކެތި ސަޕްލައިކުރަން ބަޔަކާ ހަވާލުކޮށްފި

12 ރަށެއްގައި ކުޑަކުދިންގެ ޕާކްހަދަން ބޭނުންވަ ތަކެތި ސަޕްލައިކުރަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޔޫތު މިނިސްޓްރީ

ބާރަ ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުމަށް ބްރައުނީ ބްރަދާސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އަދި ބްރައުނީ ބްރަދާސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު ޖުބައިރު އަބްދުﷲއެވެ.

އެ މަސައްކަތަށް ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ހަރަދު ވާއިރު މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ކުޑަކުދިންގެ ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ހަވާލުކޮށްފައިވާއިރު ޕާކްތައް ގާއިމުކުރާ ރަށްތައް ފަހުން އިއުލާން ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި މަހުލޫފް ވިދާޅުވީ މީގެ ކުރިންވެސް ހަތް ރަަށެއްގައި ޕާކްހެދުމަށް ތަކެތި ފޮނުވާފައިވާ ކަމަށާއި އަދި 12 ރަށެއްގައި ޕާކް ހެދުމަށް ބިޑްނަގައި އަދި 15 ރަށެއްގައި ޕާކް ހެދުމަށް މިހާރު އިއުލާންވެސްކޮށްފައިވާ ކަމަށެވެ.

" ޖުމްލަ ގާތްގަނޑަކަށް 50 އާ ގާތް ކުރާ އަދަދަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް ޕާކްތައް ގާއިމްކޮށްގެން މިދެވެނީ. ދެން މިކަން ކުރާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަމެއް ދޭ ކަމެއް އާބާދީ މަދު ރަށްރަށުގައި ޕާކްތައް ހަދަން" މަހުލޫފް ވިދާޅުވިއެވެ.

comment ކޮމެންޓް