ޓެރަރިޒަމް ގާނޫނުގެ އިސްލާހުތައް އަވަސްކުރަން ޕާޓީތަކާ މަޝްވަރާކުރަނީ

މަޖިލީހުގެ ރައީސް، ޕީޖީ ލީޑަރުންނާއެކު: ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެންނަ ބިލުގެ މަސައްކަތް އަވަސް ކުރުމަށް ޕީޖީ ލީޑަރުންނާ މަޝްވަރާ ކުރައްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި --- ފޮޓޯ/ މަޖިލިސް

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ މަސައްކަތް އަވަސްކުރުމަށް ޕާޓީތަކުގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް މިއަދު މަޖިލީހަށް ހުށަހެޅުއްވި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ.

މަޖިލީހުގެ ގަވައިދުގައި ވާ ގޮތުން ފުރަތަމަ ކިޔުން އިއްވުމަށްފަހު އެ ބިލެއްގެ އިބްތިދާއީ ބަހުސް ބޭއްވޭނީ އޭގެ ހަތް ދުވަސް ފަހުންނެވެ. އެހެން ނަމަވެސް ޕާޓީތަކުގެ ލީޑަރުން އެއްބަސްވާނަމަ ތިން ދުވަސް ތެރޭގައިވެސް އިބްތިދާއީ ބަހުސް ބޭއްވިދާނެކަމަށް ގަވައިދުގައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެމްޑީޕީއިން އެދިގެން ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބިލުގެ އިބްތިދާއީ ބަހުސް ތިން ދުވަސް ތެރޭ ބޭއްވުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"ދެން ޖަލްސާއެއް ބޭއްވޭނެ ދުވަސް ދެންނެވޭނީ، ސިޔާސީ ޕާޓީތަކުގެ [ޕާލަމެންޓްރީ ގްރޫޕުތަކުގެ] ލީޑަރުންނާ މަޝްވަރާ ކުރުމަށްފަހު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ތިން ދުވަސް ތެރޭގައި ޖަލްސާ ބޭއްވުމަށް ޕީޖީ ލީޑަރުން އެއްބަސްވާނަމަ ދެން ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު (16 ސެޕްޓެމްބަރު)ގައި ކަމަށެވެ. އެގޮތަށް ކަން ނުހިނގާނަމަ ދެން ޖަލްސާ އޮންނާނީ ގަވައިދުގައި ވާ ގޮތުގެ މަތިން ހަތް ދުވަސް ތެރޭގައި ކަމަށްވެސް ވިދާޅުވިއެވެ.

"މަޖިލީހުގެ ގަވާއިދާއި އިޖުރާއަތްތައް އަޅުގަނޑު ހިފަހައްޓާ ދޭނަން. ސަރުކާރުން ބޭނުން ވިޔަސް، ކުންފުންޏަކުން ބޭނުން ވިޔަސް، އަދި އަމިއްލަ ފަރުދުން ބޭނުންވި ކަމުގައިވިޔަސް. މި މަޖިލިސް ހިނގާނީ، މި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން،" ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން ވާނެއެވެ.

ޓެރަޒަމް ގާނޫށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް މިއަދު ހުށަހެޅީ، އެ އިސްލާހުތައް ވީހާވެސް އަވަހަކަށް ފާސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައި ވަނިކޮށެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި "ޓެރަރިޒަމް" ވަނީ ވަރަށް ފުޅާކޮށް މާނަކޮށްފައެވެ. އަދި ބައެއް ކުށްތަވެސް ވަރަށް ތަފްސީލީ ގޮތެއްގައި ވަނީ ލިޔެފައެވެ. ޓެރަރިޒަމް ހުއްޓުވުމަށް ބިލުގައި ވަނީ ބޮޑެތި ބާރުތަކެއްވެސް ދައުލަތައް ދީފައެވެ.

އެގޮތުން ކޯޓު އަމުރަކާ ނުލާ މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ބިލުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން ހަނގުރާމައަށް ގޮސް އަނބުރާ ރާއްޖެ އަންނަ ފަރާތްތަކާ މެދު އަމަލު ކުރާނެ އުސޫލުތަކެއްވެސް އެ ބިލުގައި ވަނީ ހިމަނަފާއެވެ. އެގޮތުން އެމީހުން ފަރުވާ ދިނުމަށްފަހު، އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި ނިޒާމެއް ވެސް ވަނީ ހިމަނާފައެވެ.

https://sun.mv/124270

comment ކޮމެންޓް