"ހުވާ" އަށް ބެލުންތެރިން ލައްކަ އިންތިޒާރެއްކޮށްފިއެވެ. ޝައުގުވެރިކަމާއެކީ ފެށުނީއްސުރެ ހުވާ ބަލައިފިއެވެ. ހިޔާލުތަކާ އެކުގައެވެ. ސޯޝަލް މީޑިއާއަށް އެމީހުންގެ ޝޫއޫރުތައް ހިއްސާކުރަމުންނެވެ.
"ހުވާ"ގެ ފިނާލޭ މިރޭ ބައިސްކޯފު އެޕްލިކޭޝަނުން ދައްކާނެ އެވެ.
ޖުމްލަ 20 މިނެޓަށް މިރޭ ހުވާގެ ފަހު އެޕިސޯޑް ދެއްކުމަށް ނިންމާފައިވާއިރު ބެލުންތެރިންގެ ހިތުގައި އުފެދޭ ސުވާލުތައް ވަރަށް ވެސް ގިނައެވެ. ސީރީޒް ނިމޭނީ ކިހިނެއްކަން ބެލުންތެރިންނަކަށް ނޭނގެ އެވެ.
އުފާވެރި އާއިލާއަކަށް ބޭރުން ވަދެ ބަޔަކު މުޅި ތަން ފަސާދަކޮށް އާއިލާ ރޫޅާލުމުން އާންމުންގެ ހިތްހަމަނުޖެހުން ފާހަގަކުރަމުންދާކަމަށް ބެލުންތެރިން ބުނެއެވެ. ނަހުލާ ބުނީ ސީރީޒްގެ ވަކި ހިސާބަކުން ގިނަ އަދަދެއްގެ މީހުން އޭނާއަށް މެސެޖުކޮށް ސަހާ "ހުވާ" އިން ބޭރުކޮށްލަން އެދިފައިވާ ކަމަށެވެ.
ކޮންމެ ގޮތަކަށް ސީރީޒް ނިމިގެން ދިޔަނަމަވެސް މިއީ ސީރީޒްގެ ނިމުން ކަމުގައި ގަބޫލުކުރަން ބޭނުންނުވަ މީހުން ގިނައެވެ. ބެލުންތެރިން އެދެނީ ހުވާގެ އެހެން ސީޒަނެއް އައުމަށެވެ.
"ހުވާ" އަކީ އެންމެންގެ ލޯބި ހޯދަމުން އަންނަ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ވާހަކައަކަށް އޭނާ އާއި ފައިސަލް ޑައިރެކްޓްކޮށްފައިވާ ސީރީޒްއެކެވެ.
ރަވީ އާއި އައްޒަގެ ގުޅުމަށް ވާނީ ކިހިނެއް ހެއްޔެވެ؟ ފައިސަލް ރިޝްފާ ގަބޫލުކުރާނެ ބާވައެވެ؟ ސަހާގެ ނުވައި ރޭވުންތައް ފަޅާއަރާނެބާވައެވެ؟ ޖިމީ އަށް ކާމިޔާބުވާނެބާވައެވެ؟ މިއީ ހުސްވެސް ބެލުންތެރިންގެ ހިތުގައި އުފެދިފައިވާ އަދި ޖަވާބު ނުލިބޭ ސުވާލުތަކެވެ. ހަމަ ޔަގީނުންވެސް މި ހުރިހާ ސުވާލެއްގެ ޖަވާބު މިރޭ "ހުވާ" އިން ފެނިގެންދާނެއެވެ. ކުޑަ އިންތިޒާރެއްކޮށްލާށެވެ.
ބައިސްކޯފު އަކީ އެންޓަޓެއިންމަންޓްގެ ހުރިހާ ދާއިރާތަކެއް ހިމެނިފައިވާ އެޕްލިކޭޝަނެކެވެ. އޯޑިއޯ، ވީޑިއޯ އަދި ދިވެހި ފިލްމު ތަކާއި ގިނަ އަމިއްލަ ސީރީޒްތައްވެސް ބައިސްކޯފު އެޕްލިކޭޝަނުން ބަލައިލެވެއެވެ. އަދި ޓޯކް ޝޯފަދަ ޝޯތަކާއެކު އެންޓަޓެއިންމަންޓް ދާއިރާގައި ހިމެނޭ ދިވެހި ހުރިހާ ފަންނާނުންގެ މައުލޫމާތުތަކާ ހުރިހާ މަސައްކަތެއް ވެސް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ އެވެ.