ޖިއާންގެ މަރު: މިއަދު ހެކިވެރިން ހާޒިރު ނުކުރެވުނު

ރައުޝަން ޖިއާން ނިޔާވި ހާދިސާ ހިނގި ވަގުތުކޮޅުގެ ސީޓީވީ ފޫޓޭޖުގެ ސްކްރީންޝޮޓެއް --

ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުން ދިޔަ މ. ނަލަހިޔާމަންޒިލް މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ތުއްތު އަންހެން ކުއްޖާ، ރައުޝާން ޖިއާން މަރުވި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދޭން ޗިޓު ފޮނުވި ހެކިވެރިން ކޯޓަށް ހާޒިރު ނުވުމުން ހެކިބަސް ނެގުން އެހެން ދުވަހަކަށް ބަދަލުކޮށްފި އެވެ.

ޖިއާންގެ މަރުގެ މައްސަލައިގައި ދައުވާ ކުރަނީ އޭނާ މަރުވި ހާދިސާ ހިނގި ދުވަހު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީން ކަމަށްވާ ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، ކެޝަހިލަލް ޗައުހާން، ގުލާމް މުހައްމަދު އަދި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގަށާއި، އެ ކުންފުނީގެ ސީނިއާ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށެވެ. މި ހަ މީހުންގެވެސް ވަކީލަކީ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް އެވެ.

މިއަދު މެންދުރު 1:30 އަށް ތާވަލު ކުރި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި އެއް ހެކިވެރިއެއް އަދި ދިފާއުގެ ފަރާތުން ހުށަހެޅި ތިން ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް އޮތީ ހަމަޖެހިފަ އެވެ.

އެންމެ ފުރަތަމަ ދައުލަތުގެ ހެކިވެރިޔާ ހާޒިރު ނުކުރެވުމުން، ދިފާއުން ހުށަހަޅާފައިވާ ހެކިވެރިޔާ ހާޒިރު ކުރެވުނުތޯ ގާޒީ ސުވާލު ކުރެއްވި އެވެ. ދިފާއީ ވަކީލު ޝަމީމް ވިދާޅުވީ އެ ތިން މީހުން ހާޒިރު ނުކުރެވޭ ކަމަށެވެ.

ޝަރީއަތް ކުރާ އިރު އާންމުކޮށް އަމަލު ކުރާ އުސޫލަކީ ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނަގައި ނިމުމަށް ފަހު ދިފާއުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ.

އެކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިއަދު މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ، ޝަރީއަތް ހިންގާ އިރު ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމުމުުގެ ކުރިން ދިފާއީ ހެކިންގެ ހެކިބަސް ނެގޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެއީ އޭނާގެ ރައުޔު ކަމަށް ވިދާޅުވި އެވެ. އެފަދައިން އަމަލު ކުރަން ޖެހޭ ހާލަތްތައް އަންނަ ކަމަށާއި އެ ގޮތަށް އަމަލުނުކޮށްފި ނަމަ ޝަރީއަތް ހިންގަން ވަރަށް ބޮޑު ދަތިތައް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ. މީގެ ކުރިން އެހެން މައްސަލައެއްގައިވެސް އެގޮތަށް އަމަލު ކޮށްފައިވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދިފާއީ ވަކީލު ޝަމީމް ވިދާޅުވީ ދައުލަތުގެ ހެކިވެރިޔާ ހާޒިރު ނުކުރެވޭނެކަން ކުރިން އެނގުނު ނަމަ ދިފާއުން ހާޒިރު ކުރަން ހަމަޖެހިފައިވާ ހެކިވެރިން ގެނައުމަށް އިތުރަަށް މަސައްކަތް ކުރެވުނީސް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހާލަތަށް ބަލައި ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނެގައި ނުނިމެނީސް ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގައި މައްސަލައެއް ނެތެވެ.

ދައުލަތުގެ ވަކީލު ފާތިމަތު ނަބާހާ ވިދާޅުވީ، ދައުލަތުން ގަބޫލު ކުރަނީ އެންމެ ފުރަތަމަ ނަގަން ޖެހޭނީ ދައުލަތުގެ ހެކިސް ކަމަށް ކަމަށެވެ. އެގޮތަށް އެކަން ކުރުމަށް ދައުލަތުން ވަނީ އެދިފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުގެ ހެކިވެރިޔާ ހާޒިރު ކުރައްވާނެ ކަމަށް ވަކީލު ވިދާޅުވި އެވެ.

ޖިއާންގެ މައްސަލަ ކޯޓުން ތާވަލުކޮށްފައި ވަނީ އޮކްޓޯބަރު 14ގައި ހުކުމްކޮށް ނިމޭނެ ގޮތަށެވެ. އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ދެން ހެކިބަސް ނެގުން އޮންނާނީ އެ ދުވަހު އެވެ.

ދައުލަތުގެ ފަރާތުން ދައުވާ ސާބިތު ކުރަން ހުށަހެޅި ހެކިވެރިންގެ ތެރޭގައި ޖިއާންގެ މަންމައާއި ބައްޕަ ހިމެނެ އެވެ. އެ ދެ މީހުން މީގެ ކުރިން ވަނީ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދީފަ އެވެ.

ޖިއާންގެ މަރު: ހިފެހެއްޓުމެއް ނެތް ކަރުނަޔާ އެކު މަންމަގެ ދުލުން

ކުރާ ތުހުމަތުތައް

ރައްޖާވްގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ދައުވާއެވެ. އޭނާ އަކީ ރައުޝަންގެ ގަޔަށް ވެއްޓުނު ބަސްތާ އުފުލަން ބޭނުންކުރި ސަވާޖީ އޮޕަރޭޓުކުރަން އިން މީހާއެވެ. ސަވާޖީ އޮޕަރޭޓުކުރުމަކީ އޭނާ ކުރަން ޖެހޭވެސް ކަމެއް ނޫން ކަމަށް ދައުވާގައި ފާހަގަކޮށްފައިވެއެވެ.

މުތަމަނި ރަމަޗަންދުރަން: ރަމަޖަންދުރަންގެ މައްޗަށް ކުރަނީ މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާ އަކީ ބަސްތާ، ނަލަހިޔާމަންޒިލުގެ ނުވަަ ވަނަ ފްލޯއަށް އެރުވި އިރު ތިރީގައި ހުރެގެން ބަސްތާ އަރުވަން ރައްޖާވް އަލީއަށް އެންގި މީހާއެވެ.

ކެޝަހިލަލް ޗައުހާންއާއި ގުލާމް މަހަމަދު: އެ ދެމީހުންގެ މައްޗަށް ކުރަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ދައުވާއެވެ. އެ ދެމީހުންގެ މައްޗަށް އެ ދައުވާ ކުރީ، ނަލަހިޔާމަންޒިލުގެ ތިރީގައި ހުރެފައި، އެތަނަށް އެއްޗެހި އަރުވާކަން އެނގި ހުރެ، އެތަނުންލާފައި ނުދިއުމަށް ރައުޝަންއަށާއި އޭނާގެ މަންމައަށް އިންޒާރު ދީފައި ނުވުމުންނެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިންގް ޑިރެކްޓަރު އާދަމް ޝަފީގާއި އެ ކުންފުނީގެ ސީނިއާ ސައިޓް ސްޕެޝަލިސްޓް މޫސާ ހަސަން: އެ ދެމީހުންގެ މައްޗަށް ކުރަނީ މީހަކު މަރުވުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެ ދައުވާ ކުރަނީ ކޮންސްޓްރަކްޝަން ސައިޓުގައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅު އަޅާފައި ނުވާ ކަމުގެ ތުހުމަތުގަ އެވެ.

comment ކޮމެންޓް