ޖިއާންގެ މަރު: ހިފެހެއްޓުމެއް ނެތް ކަރުނަޔާ އެކު މަންމަގެ ދުލުން

ރައުޝަން ޖިއާން އާއި އޭނާގެ މަންމަ ޑރ. ފަރުޒާނާ ހުސެއިން --

ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝްގެ ތުއްތު އަންހެން ކުއްޖާ، ރައުޝާން ޖިއާން މަރުވި މައްސަލައިގައި އެކުއްޖާގެ މައިންބަފައިން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓުގައި ޖިއާންގެ މަރުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމަށް ޝަރީއަތުގެ އަޑިއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމުގައި، ޖިއާންގެ މަންމަ ޑރ. ފަރުޒާނާ ހުސެއިން އަދި ބައްޕަ މުހައްމަދު ކަމާލުއްދީންގެ އިތުރުން ޖިއާން މަރުވި ހާދިސާގެ ކްރައިމްސީން ރިކޮންސްޓްރަކްޝަން ރިޕޯޓު ހެދި ފުލުހުސް މީހާ، މުހައްމަދު ސަލީމްވެސް ވަނީ ކޯޓަށް ހާާޒިރުކޮށް ހެކިބަސް ނަގައިފަ އެވެ.

ޖިއާން މަރުގެ މައްސަލަ ކުރުކޮށް

  • ދައުވާ ކުރަނީ ހަ މީހަކަށް
  • އެ އެންމެންގެ މައްސަލަ ކުރިއަށް ގެންދަނީ އެކުއެކީގައި
  • އެ މީހުންގެ މައްޗަށް ކުރަނީ ހަތަރު ދައުވާއެއް
  • ހަ މީހުންގެ ވަކީލަކީވެސް ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް

ޖިއާންގެ މަރުގެ މައްސަލައިގައި ދައުވާ ކުރަނީ އޭނާ މަރުވި ހާދިސާ ހިނގި ދުވަހު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީން ކަމަށްވާ ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، ކެޝަހިލަލް ޗައުހާން، ގުލާމް މުހައްމަދު އަދި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގަށާއި، އެ ކުންފުނީގެ ސީނިއާ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށެވެ.

އެ ދުވަހުގެ ވާހަކަތައް ކިޔައިދިނީ ކަރުނަ އަޅަމުން

ހެކިބަސް ނެގި މީހުންގެ ތެރެއިން އެންމެ ތަފްސީލުކޮށް ހެކިބަސް ދިނީ މަރުވި ތުއްތު ކުއްޖާ، ޖިއާންގެ މަންމަ ފަރުޒާނާ އެވެ. ދައުލަތުގެ ވަކީލާ ފާތިމަތު ނަބާހާ އެންމެ ފުރަތަމަވެސް ކުރެއްވި ސުވާލަކީ ޖިއާންއާ ފަރުޒާނާއާ އޮންނަނީ ކޮން ކަހަލަ ގުޅުމެއްތޯ އެވެ. ފަރުޒާނާ އަސަރާ އެކު ބުނީ "ޝީ އިޒް މައި ޑޯޓާ، ޝީ އިޒް މައި ބޭބީ" ކަމަށެވެ.

ދައުލަތުގެ ވަކީލާ ފަރުޒާނާއާ ސުވާލުކުރައްވަމުން ގޮސް އެންމެ ފަހުން ޖިއާން މަރުވި ދުވަހު ކަން ހިނގައިދިޔަ ގޮތް ފަރުޒާނާ ގާތުގައި އެއްސެވި އެވެ. އެއާއެކު ފަރުޒާނާ އުނދަގުލާއެކު ނަމަވެސް، އެ ދުވަހުގެ ވާހަކަތައް ޝަރީއަތަށް ކިޔައިދޭން ފެށި އެވެ.

ރައުޝަން މަރުވި ހާދިސާ ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖްގެ ސްކްރީންޝޮޓެއް

ފަރުޒާނާ ކިޔައިދިން ގޮތުގައި އޭނާގެ ކުޑަ ކުޑަ އާއިލާ، މާލެ އައީ ޖިއާން ނިޔާވި ދުވަހުގެ ކުރީ ދުވަހު އެވެ. އެ ދަތުރަކީ ގައުމަށް ފުރުމުގެ ކުރިން ވިސާ ހަމަޖެއްސުމަށާއި، އިންޝުއަރެންސް ހަމަޖެއްސުމަށާއި، ބާޒާރުކޮށްލުމަށް މާލެއަށް ކުރި ދަތުރެކެވެ.

އެ ދުވަހު ހެނދުނު ހެނދުނާ އޭނާ އާއި ޖިއާން ދިޔައީ އިންޝުއަރެންސްގެ ކަމެއްގައި އެލައިޑް އިންޝުއަރެންސްއަށެވެ. އޭނާގެ ފިރިމީހާ އާއި ކުޑަ ފިރިހެން ދަރިފުޅު ދިޔައީ ވިސާގެ ކަންތަކުގައި އިމިގްރޭޝަނަށެވެ.

އެ ދުވަހު އެލައިޑްގެ ބޭރުގައި މަޑުކޮށްގެން ހުންނަން ޖެހުމުން ދިމާވި ކަމެއްގެ ވާހަކަވެސް ފަރުޒާނާ ކިޔައިދިނެވެ.

"އަޅުގަނޑުގެ ދަރިފުޅު ބޭރުގައި ހުންނަ ޖެހުމުން، މަދިރި ހަފާތީ އެލައިޑް މީހުން ގާތުގައި އެހުމަށްފަހު ކިއުއާ ވަކިން އެލައިޑްގެ އެތެރެއަށް ވަނިން. އަޅުގަނޑުމެންނަށް އެތެރޭގައި ތިބެވޭތީ އެތަނުގައި ތިބި އެހެން މީހުން ޝަކުވާ ކުރި. އެމީހުން ޝަކުވާ ކުރުމުން އަޅުގަނޑުގެ ދަރިފުޅު އެމީހުން ގާތަށް ގޮސް ކިޔައިދިން މަދިރި ހަފާތީ ކަމަށް އެތެރެއަށް ވަނީ އަދި މައާފަށް އެދުނު،" އިނގިރޭސި ބަހުން ފަރުޒާނާ އަސަރާ އެކު ކިޔައިދިނެވެ.

ފިރިހެން ދަރިފުޅުގެ ވިސާއަށް ބޭނުންވާ ފޮޓޯއެއް ރަނގަޅަށް ނެގިފައި ނުވުމުން، އެ އާއިލާ އެކުގައި ދެން ދިޔައީ މިލިއަން ބުކްޝޮޕު ކައިރީގައި ހުންނަ ފޮޓޯ ނަގާ ތަނަކަށެވެ. އެކަމަކު، އެތަނަށް ދެވުމުގެ ކުރިން ބަނޑުހައިވާތީ ހޮޓަލަކަށް ވަދެ ސައި ބުއީ އެވެ.

"އަޅުގަނޑުގެ ދަރިފުޅަކީ އާންމުކޮށް އެ ދުވަހު ކެއި ކަހަލަ އެއްޗެހި ކައި އުޅުނު ކުއްޖެއްވެސް ނޫން. އޭނާއަށް މީރުވާނީ ސޮސެޖް އަދި ބާގާ ކަހަލަ އެއްޗެހި. އެކަމަކު، އެ ދުވަހު އެއްވެސް ޝަކުވާއެއް ނުކޮށް ކައި ހުސްކުރި،" ފަރުޒާނާ ކިޔައިދިނެވެ.

ހެނދުނުގެ ނާސްތާއަށް ފަހު، ބޭނުންވި ފޮޓޯ ނަގައިގެން އެ އާއިލާ ދިޔައީ މާލޭގައި މަޑުކުރި ހޮޓަލާ ދިމާލަށެވެ. ފަރުޒާނާގެ ކުޑަ ފިރިހެން ދަރިފުޅާއި ފިރިމީހާ ދިޔައީ ބާރަށް ހިނގާފަ އެވެ. ފަރުޒާނާ އާއި ޖިއާން އައީ އެމީހުންގެ ފަހަތުންނެވެ. ފަރުޒާނާ ކިޔައިދިން ގޮތުގައި އޭނާ ހުރީ ޖިއާންގެ ކޮނޑުގައި ހިފަހައްޓައިގެން އެވެ. އަތުގައި ނުހިފެހެއްޓީ މަގުމަތި ބާރުބޮޑު ކަމުން ކަމަށް އޭނާ ކިޔައިދިނެވެ.

ނަލަހިޔާމަންޒިލް ހިސާބުގަނޑުން ޖިއާން އޭނާގެ މަންމަގެ އަތުން ދޫކޮށް ދިޔައީ އޭނާގެ ބައްޕަ ގާތަށް ދާށެވެ. ކަރުނަ ބާލަމުން ފަރުޒާނާ ކިޔައިދިން ގޮތުގައި ދަރިފުޅު ޖިއާން ދުވެފައި ދިޔައީ ބައްޕަ އާއި ކޮއްކޮ ފިހާރައަކަށް ވަންނަން އުޅޭ ކަމަށް ހީކޮށްގެން އެވެ.

ފަރުޒާނާ ބުނީ ބަސްތާ ވެއްޓުނު އިރު އެންމެ ފުރަތަމަ އޭނާ ހީކުރީ އެއީ މަތިން ހިރަފުސް ފޭބީ ކަމަށެވެ. އެ ކުނޑިތައް އޭނާގެ ލޮލަށާއި އަނގައަށް އެޅި މުޅި ގައިގައި ހޭއްކުމުން އޭނާ ހުރީ އެ ސާފު ކުރާށެވެ.

"އެ ހުރިހާ އިރަކު އަޅުގަނޑު ގަބޫލުކުރެވިފައި ހުރީ އަޅުގަނޑުގެ ދަރިފުޅު ހުރީ ފިރިމީހާއާ އެކުގައި ކަމަށް،" ފަރުޒާނާ ބުންޏެވެ.

ފަރުޒާނާ ކިޔައިދިން ގޮތުގައި ވެއްޓުނީ ބަސްތާއެއް ކަހަލަ އެއްޗެއް ކަމަށް އޭރު އޭނާ ހިތަކަށް ނާރަ އެވެ. އެކަމަކު، މަންޒަރު ސާފުވާން ފަށައި ހަށިގަނޑެއް ފެންނަން ފެށުމުން، ސިކުންތެއްގެ ތެރޭގައި އޭނާގެ ހިތައް އަރައި ފައިބައިގެން ދިޔަ އިހުސާސްތައް ޝަރީއަތުގެ މަޖިލީހުގައި އޭނާ ބަންޑުން ކުރި އެވެ.

"އަޅުގަނޑު ހިތަށް އެރި ފަހަރެއްގައި ކޮންމެވެސް މީހަކު ވެއްޓުނީއޭ، ދެން ހިތައް އެރީ ކީއްވެހޭ ހަށިގަނޑު އެހާ ކުޑައީ،" ފަރުޒާނާ ބުންޏެވެ.

ޖިއާންގެ ހަށިގަނޑު ސިމެންތި ބަސްތާ ދަށުވެ ޗިސްޗިސްވެފައި އޮތް މަންޒަރު ފުރަތަމަ ފެނުނު ވަގުތު ތަފްސީލްކޮށް ދެމުން އޭނާ ބުނީ "ޕްލީސް ނޮޓް މައި ޑޯޓާ"، އެހެނެއް ނުވާނެ! އެއީ މަގޭ ދަރިފުޅެއް ނޫން ކަމަށް ހިތާ ހިތާ ބުނެވުނެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން އެވަގުތު ކޮޅުގެ ވާހަކަ ކިޔައިދިނެވެ.

ބަސްތާގެ ދަށުވެފައި އޮތީ ދަރިފުޅުކަން އެނގުމުން، ފަރުޒާނާ ޖިއާން ގާތަށް ގޮސް ފިރިމީހާއަށް ގޮވި އެވެ. އޭނާގެ ފިރިމީހާ އައިސް ދަރިފުޅު ކޮނޑަށް އަރުވައިގެން އެރުވީ ކާރަކަށެވެ. އޭރު ދަރިފުޅުގެ ބޭރުފުށުގެ ސިފަ އަސަރާ އެކު ކިޔައިދެމުން ފަރުޒާނާ ބުނީ އޭރު ޖިއާން ވައްތަރީ ހަޑިވެފައި އޮތް "ޑޯލް"އަކާ ބުދަކާ ކަމަށެވެ. އޭނާގެ ލޯބި ދަރުފުޅާ އެއްގޮތަކަށް ވެސް ވައްތަރެއްނޫން ކަމަށް އޭނާ ބުންޏެވެ.

ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް، ބޭރުފުށުން ޒަހަމެއް ނުވަތަ ދުޅަވެފައިވާ ތަނެއް ނުފެންނަ ކަމަށް ފަރުޒާނާ ބުންޏެވެ. ފަރުޒާނާ ޖިއާންގެ ބޯ ބަލަމުން ދިޔަ އިރު ފިރިމީހާ ބަލަމުން ދިޔައީ ފަޔަށެވެ.

"ފިރިމީހާއަށް ބުނެވެމުން ދިޔައީ އެއީ އެއްވެސް ކަމެއް ނޫން ކަމަށް ހަމައެކަނި ފަޔަށް ކަމަށް އަނިޔާވީ. ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް އޭނަ ތަކުރާރުކޮށް ބުނަމުން ދިޔަ،" އެ ދަނޑިވަޅުގައި ހާސްވެފައި ހުރި ފިރިމީހާގެ ހާލަތު ކިޔައިދެމުން ފަރުޒާނާ ބުންޏެވެ.

ޖިއާންގެ ހާލު ގޯސްކަން އެނގުނީ އިމަޖެންސީއަށް ގެންގޮސް، ލައިފްސަޕޯޓަށް ގުޅަން ޖެހޭ ކަމަށް ޑޮކްޓަރު ބުނި ހިސާބުންނެވެ. ލައިފްސަޕޯޓަށް ގުޅަން ބޭނުންވާ ފޯމުގައި ސޮއި ކުރަމުން ދިޔަ އިރު ޖިއާން ހޭއަރައި ކުޑަ އިރުކޮޅަކަށް ވާހަކަދެއްކި އެވެ. އެކަމަކު އެއީ އޭނާގެ ދަރިފުޅާ ވާހަކަ ދެއްކޭނެ އެންމެ ފަހުވަގުތު ކަމެއް އޭނާއަކަށް ނޭނގެ އެވެ.

"އަރިމަތިން ތަދުވާ ތަންދައްކާފައި ބުނި ކުޑަކޮށް ތަދުވާ ވާހަކަ. އެއީ ޖިއާންގެ އެންމެ ފަހު ބަސް. އެއީ އެންމެ ފަހު ފަަހަރުކަން އެނގުނު ނަމަ އެއަށް ވުރެ ގިނަ ވާހަކަތައް ދައްކާނަން،" ފަރުޒާނާ ބުންޏެވެ.

އެއަށް ފަހުން ޖިއާން ހޭ ނާރާ އޮވެ، ޖިއާންގެ ފުރާނަ ދުނިޔެއާ އަލްވަދާއުކީ އޭގެ އަނެއް ދުވަހު އެވެ.

"އެއްވެސް ސަލާމަތީ ފިޔަވަޅެއް ނުފެނޭ"

ފަރުޒާނާ އާއި އޭނާގެ ފިރިމީހާ މިއަދު ހެކިބަސް ދެމުން ބުނީ އެ ދުވަހު ނަލަހިޔާމަންޒިލް ކައިރިން އެއްވެސް ސަލާމަތީ ފިޔަވަޅެއް ނުފެންނަ ކަމަށެވެ.

އާންމުކޮށް ކޮންސްޓްރަކްޝަން ސައިޓުތަކުގައި އެންމެ ކުޑަމިނުން ވާފަށެއް ދަމައި ސަރަހައްދު ބަންދުކޮށްފައި ހުންނަކަން ފާހަގަކޮށް، އެ މިންވަރަށްވެސް ސަލާމަތީ ފިޔަވަޅު އެތަނުގައި އަޅާފައި ނުވާ ކަމަށް ހެކިބަސް ދެމުން ފަރުޒާނާ ބުންޏެވެ. އަދި ހެލްމެޓު އަޅައި، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ވަކި ހެދުމެއް ލައިގެން ތިބޭ ނަމަވެސް، އެތަނުގައި މަސައްކަތް ކުރިއަށްދާކަން އެނގޭނެ ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން، ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދޭނެ މީހަކުވެސް އެ ދުވަހު އެތަނުގައި ނެތް ކަމަށް އޭނާ ކިޔައިދިނެވެ.

ދިފާއުގެ ފަރާތުން ފަރުޒާނާއާ ކުރީ އެންމެ ސުވާލެކެވެ. އެއީ، ރާއްޖޭގެ އެހެން އެއްވެސް ތަނެއްގައި މީގެ ކުރިން ކޮންސްޓްރަކްޝަން ސައިޓުތަކުގައި މީހުން ހެލްމެޓު ނުވަތަ ވަކި ފޭރާމެއް ލައިގެން މަސައްކަތް ކުރާތަން ފެނިފައިވޭތޯ އެވެ.

ފަރުޒާނާ ބުނީ، އެންމެ ކުޑަ މިނުން ހެލްމެޓު އަޅައިގެން ތިބޭތަން ފެނިފައިވާ ކަމަށެވެ. އަދި ކޮންސްޓްރަކްޝަން މެޝިނަރީ އާއި ވަލެއް ފަދަ އެއްޗަކުން އިން ވަކިކޮށްފައި ހުރުމުން، ކޮންސްޓްރަކްޝަން ސައިޓެއްކަން ވަކި ކުރަން އެނގޭ ކަމަށް އޭނާ ބުންޏެވެ.

ދިފާއުން ފަރުޒާނާގެ ފިރިމީހާއާ ސުވާލު ކުރީ ނަލަހިޔާ މަންޒިލަކީ ކޮންސްޓްރަކްޝަން ސައިޓެއްކަން އޭނާ ބުނި ކަމަށް ހީކޮށެވެ. އެކަމަކު، އެހެން ހީކުރެވުނީ އޭނާ ދެއްކި ވާހަކަ ތަރުޖަމާ ކުރުމުގައި މައްސަލައެއް ދިމާވުމުންނެވެ. ފަރުޒާނާގެ ފިރިމީހާ އެހެނެއް ނުބުނެ އެވެ. އެކަން ސާފުވުމުން ފަހުން ދިފާއުން އިތުރު ސުވާލެއްކޮށްފައި ނުވެ އެވެ.

ކްރައިމް ސީން ރީކޮންސްޓްރަކްޝަން ރިޕޯޓާ މެދު ސުވާލު އުފެއްދި

މިއަދު ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކުރި މޯލްޑިވްސް ޕޮލިސް ސާވިސްގެ މުހައްމަދު ސަލީމް އެކުލަވާލި ކްރައިމް ސީން ރީކޮންސްޓްރަކްޝަން ރިޕޯޓުގެ ވީޑިއޯތައް މިއަދު ވަނީ ޝަރީއަތުގެ މަޖިލީހުގައި ދައްކައިފަ އެވެ.

ކްރައިމް ސީން ރީކޮންސްޓްރަކްޝަން ރިޕޯޓަކީ ހާދިސާ ހިނގި ގޮތް ތަކުރާރުކޮށް، ކަން ހިނގި ގޮތް އަންދާޒާ ކުރަން ހަދާ ރިޕޯޓެކެވެ. މި މައްސަލައިގައި އެ ރިޕޯޓު ހަދާފައި ވަނީ ހުޅުމާލޭގައި ހުންނަ ފުލުހުންގެ އިމާރާތެއްގެ އެކި ފަންގި ފިލާއިން އެކި ބަރުދަނުގެ ބަސްތާ އެކި އުސްމިނުގައި ވައްޓައިގެންނެވެ. ރިޕޯޓުގެ މަގުސަދަކީ، އެކި ބަސްތާތައް އެކި އުސްމިނުގައި ވެއްޓުމުން، ޖެހޭ ބާރުމިން އަންދާޒާ ކުރުމެވެ.

ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ދެއްކި ވީޑިއޯއިން ފެންނަ ގޮތުގައި ބަސްތާ އިމާރާތުގެ މަތިން ވެއްޓީ އެހެން އެއްޗަކުން ޖަހަ އެވެ. އެކަމާ މެދު ދިފާއުން ސުވާލު އުފެއްދި އެވެ. ބަސްތާގައި އެހެން އެއްޗަކުން ޖަހައި ނުވަތަ ކޮއްޕައި ވެއްޓުމުން، ރިޕޯޓުގެ ހިސާބުތަކަށް އަސަރު ކުރާނެތޯ ދިފާއުން ސުވާލު އުފެއްދި އެވެ.

ޖަވާބުގައި ސަލީމް ވިދާޅުވީ، ބަސްތާ ނުކޮއްޕައި ފިލައެއްގެ މަތީގައި ބަހައްޓައި އަރިކޮށްގެންވެސް ވައްޓާފައި ވާނެ ކަމަށެވެ. އަދި ލިބުނު ނަތީޖާތަކުގެ އެވަރަޖެއް ނަގާފައިވާނެ ކަމަށެވެ. އެކަމަކު، ކޮއްޕުމުން ހިސާބުތަކަށް އަސަރު ކުރާނެ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ، ރިޕޯޓު އެކުލަވާލީ ލިބެން ހުރި އެންމެ ރަނގަޅު ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.އެ ރިޕޯޓު މިހާރު ހަދާފައިވާ ގޮތަށް ވުރެ ރަނގަޅަށް ހެދިތާނެތޯ ދިފާއުން ސުވާލު ކުރުމުން، އެކަމާ އެއްބަސްވާ މޭރުކަމުން ސަލީމް ވާހަކަފުޅު ދެއްކެވި އެވެ.

ކުރާ ދައުވާތައް

ރައްޖާވް އަލީ: މީނާގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ދައުވާއެވެ. މީނާއަކީ ރައުޝަންގެ ގަޔަށް ވެއްޓުނު ބަސްތާ އުފުލަން ބޭނުންކުރި ސަވާޖީ އޮޕަރޭޓުކުރަން އިން މީހާއެވެ. ސަވާޖީ އޮޕަރޭޓުކުރުމަކީ މީނާ ކުރަން ޖެހޭވެސް ކަމެއް ނޫން ކަމަށް ދައުވާގައި ފާހަގަކޮށްފައިވެއެވެ.

މުތަމަނި ރަމަޗަންދުރަން: މީނާގެ މައްޗަށް ކުރަނީ މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. މީނާއަކީ ބަސްތާ، ނަލަހިޔާމަންޒިލުގެ ނުވަަ ވަނަ ފްލޯއަށް އެރުވި އިރު ތިރީގައި ހުރެގެން ބަސްތާ އަރުވަން ރައްޖާވް އަލީއަށް އެންގި މީހާއެވެ.

ކެޝަހިލަލް ޗައުހާންއާއި ގުލާމް މަހަމަދު: މި ދެމީހުންގެ މައްޗަށް ކުރަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ދައުވާއެވެ. މި ދެމީހުންގެ މައްޗަށް މި ދައުވާ ކުރީ، ނަލަހިޔާމަންޒިލުގެ ތިރީގައި ހުރެފައި، އެތަނަށް އެއްޗެހި އަރުވާކަން އެނގި ހުރެ، އެތަނުންލާފައި ނުދިއުމަށް ރައުޝަންއަށާއި އޭނާގެ މަންމައަށް އިންޒާރު ދީފައި ނުވުމުންނެވެ.

ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިންގް ޑިރެކްޓަރު އާދަމް ޝަފީގާއި އެ ކުންފުނީގެ ސީނިއާ ސައިޓް ސްޕެޝަލިސްޓް މޫސާ ހަސަން: މި ދެމީހުންގެ މައްޗަށް ކުރަނީ މީހަކު މަރުވުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެ ދައުވާ ކުރަނީ ކޮންސްޓްރަކްޝަން ސައިޓުގައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅު އަޅާފައި ނުވާ ކަމުގެ ތުހުމަތުގަ އެވެ.

comment ކޮމެންޓް