އަނަސްގެ މަރަށް އިންސާފު ހޯދައިދިނުމަށް ރައީސްގެ އަރިހުގައި އެދިއްޖެ

ރައީސް މީދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ދެހާސްސަތާރަ ވަނަ އަހަރު ވަޅިން ހަމަލާދީ މަރާލި، ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރަށް އިންސާފި ހޯދައިދިނުމަށް އެ ރަށު ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިއްޖެ އެވެ.

ރައީސް ސޯލިހު މިހާރު ރ. މީދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައްޔިތުން ވަނީ އަނަސްގެ މަރުގެ މައްސަލަ ފާހަގަކޮށް އެ މައްސަލައަށް އިންސާފު ހޯދައިދޭން އެދިފަ އެވެ.

އެކަމާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ، އަނަސްގެ މަރުގެ މައްސަލަ މަރު ކޮމިޝަނުން ބަލަމުންދާ ކަމަށާއި އަނަސްގެ އާއިލާ އަށް އިންސާފު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައީސް ވަނީ އަނަސްގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކަށް ހިތްވަރު ދެއްވައިފަ އެވެ.

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ އެވެ.

ރައީސް މީދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީދޫ ކައުންސިލާވެސް ވަނީ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާއެކު ގާތުން ބައްދަލުކުރައްވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައް ދެނެގަނެ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް ކަމަށެވެ.

މީދޫ ކައުންސިލާއި ރައްޔިތުންވަނީ ރަށުގައި ހުރި ދަތިތަކާއި ބޭނުންވާ މަޝްރޫއުތައް ރައީސް އަށް ހުށަހަޅައިފަ އެވެ. އެގޮތުން ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކުރުމާއި، ކުނީގެ މައްސަލަ ހައްލުކުރުމާއި، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމުގެ އިތުރުން ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާބެހޭ މައުލޫމާތު ރައީސް އާ ވަނީ ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން ރަށުގެ މަގުތައް ހެދުމާއި ރަށުގައި ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުމަށް ރައްޔިތުން ބޭނުންވާކަން އެބޭފުޅުން ފާހަގަ ކުރެއްވި އެވެ. އަދި ރަށުގައި އިޖްތިމާއީ ގޮތުން ހަރަކާތްތެރިވާ ޖަމްއިއްޔާތަކަށް ދިމާވާ ގޮންޖެހުންތަކާއި، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްގީއަށް ބޭނުންވާ މިނޫން އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ކައުންސިލަރުންނާއި މުވައްސަސާތަކުގެ ވެރިން ވަނީ ރައީސް އާއެކު މަޝްވަރާ ކުރައްވައިފައެވެ.

މީދޫ ކައުންސިލާއި މުޢައްސަސާތަކުން އެދުނު ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތަކާއި ބައެއް މަޝްރޫއުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީހުތައް ރައީސް ވަނީ ހިއްސާ ކުރައްވައިފައެވެ.

މީގެއިތުރުން ކައުންސިލާއި މުޢައްސަސާތަކުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް