ދިވެހިންނާ ވަކިވުމެއް ނެތް ޑަންގެރީ!

(ކ) ފާތިމަތު އާލާ އާއި އައިޝާ --- ފޮޓޯ : ކްލާސީ އެޑިޓްސް (ވ) ލުމާ ސައިދު --- ފޮޓޯ : ލުމާ ސައީދު / އިންސްޓަގްރާމް

ހެދުން އެޅުމުގެ ޓްރެންޑަކީ ވަރަށް ފާޑެއްގެ ކަމެކެވެ. މިއަދު މަޝްހޫރުވެގެން އުޅޭ ހެދުމެއް ގަނެގެން ގޮސް މާދަމާ އެ ހެދުމެއް ލާން ވާއިރަށް އެ ޓްރެންޑް ބާވެދާނެ އެވެ. ފެޝަންގެ ޓްރެންޑަކީ މިހާ އަވަހަށް ބަދަލުވާ އެއްޗެކެވެ. މިހާރުގެ ގިނަ ޓްރެންޑުތަކަކީ ކުރީގެ ހެދުން އެޅުމުގެ ގޮތްތަކާ ވަރަށް ގުޅުންހުރި ކަންތައްތަކެކެވެ. ހެދުން އެޅުމުގެ ޓްރެންޑު ބަދަލުވަމުން ދިޔަ ނަމަވެސް އަބަދުވެސް މަޝްހޫރުވާ ޓްރެންޑެއް އެބައޮތެވެ. އެއީ ޑަންގެރީގެ ޓްރެންޑެވެ.

އިންސްޓަގްރާމް ހުޅުވާލައިފި ނަމަ ޑަންގެރީއެއް ލައިގެން ދިވެއްސަކު އުޅޭ މަންޒަރު ނުފެނިއެއް ނުދާނެ އެވެ. ކޮންމެއަކަސް ޑަންގެރީ މިއީ ޒުވާނުންނަށް ކަމުދާ ޓްރެންޑެކެވެ.

ޑަންގެރީ ނުވަތަ އޯވަރއޯލްސް ދިވެހި ޒުވާނުންގެ ތެރޭގައި މަގުބޫލުވަނީ ކީއްވެހެއްޔެވެ؟

ޑަންގެރީ ލާ ގިނަ ޒުވާނުން އެ ލަނީ، އެ "ވާސަޓައިލް" ކަމުން ނޫނީ ފަސޭހައިން ކޮންމެ މުނާސަބަތަކާ ގުޅުވާލާ ވެސް ހެދުން އަޅާލެވޭތީ އެވެ.

"އަސްލު ވަރަށް ވާސަޓައިލްދޯ. އަޑިން ބޭނުން ޓީޝާޓެއް ވައްޓާލާފައި މީގެ [ޑަންގެރީ]ގެ ކޮނޑު ވައްޓާލީމަ މުޅިން އާ ލުކް އެއް. އަނެއްކާ ދެކޮނޑު ވައްޓާލީމާ ހަމައެކަނި ޖީންސް އެއްގެ ގޮތުގައި ބޭނުންކުރެވޭ،" އުމުރުން 19 އަހަރުގެ އިންސްޓްގްރާމް މޮޑެލް އެއް ސަން އަށް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ޑަންގެރީ ލައިގެން ނިކުތުމުން އެހެން އެންމެނަށްވުރެ ތަފާތު ލުކް އެއް ހުރެއެވެ. އަދި އެ ލައިގެން އުޅެން ފަސޭހަ ކަމަށްވެސް އޭނާ ބުންޏެވެ.

ޑަންގެރީގެ ހާއްސަ އެއް ކަމަކީ އެއީ ވަކި ޖިންސަކަށް ހާއްސަ އެއްޗަކަށް ނުވުމެވެ. އަންހެނުންގެ އިތުރުން ފިރިހެނުންވެސް ޑަންގެރީ ލައިގެން އުޅޭ މަންޒަރު ފެނެއެވެ. ބައެއް ޒުވާން ފިރިހެނުން ބުނާގޮތުގައި އާންމުކޮށް އޯވައޯލްސް ލައި ހަދަނީ ހާއްސަ ކަމަކާ ގުޅިގެންނެވެ.

"މިސާލަކަށް ގެޓް ޓުގެދާއެއް ނުވަތަ އުފަންދުސް ޕާޓީއަކަށް ވެއްޖެއްޔާ ޑަންގެރީ ލަން. ލާ ކޮންމެ ޓީޝާޓަކާއެކު ޑަންގެރީ ވާނެ ތަފާތު ލުކް އަކަށް،" ޒުވާނަކު ސަން އަށް ކިޔައިދިނެވެ.

ދުވަސްކޮޅަކު މި ޓްރެންޑް އުޅުމަށްފަހު ގެއްލިދާނެ އެވެ. ނަމަވެސް މިއީ އަބަދުވެސް އެނބުރި އަންނަ ޓްރެންޑެކެވެ.

comment ކޮމެންޓް