ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްކަމަށް ޑރ. މަރިޔަމް ޖަބީން

ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރި ޑރ. މަރިޔަމް ޖަބީން --- ފޮޓޯ/ ޔޫއެންޑީޕީ

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ. މަރިޔަމް ޖަބީން ހަމަޖައްސައިފިއެވެ.

ބާ ކައުންސިލުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެ ކައުންސިލުގެ އެސްޖީގެ މަގާމަށް ޑރ. ޖަބީން އައްޔަނުކޮށްފައިވާތީ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ފަރާތުން އޭނާއަށް މަރުހަބާ ކިޔާ ކަމަށެވެ.

ޑރ. މަރިޔަމް ޖަބީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަން ކުރައްވާފައެވެ.

އަދި 2009 ޑިސެމްބަރު 29 އިން 2019 އޭޕްރިލް 13 އަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީކަންވެސް އޭނާ ކުރެއްވިއެވެ.

މީގެ އިތުރުން ކުރީގެ މޯލްޑިވްސް ކޮލެޖް އޮފަ ހަޔާ އެޑިއުކޭޝަނާއި، އަދި ވިލަ ކޮލެޖުގައި ގާނޫނީ ދާއިރާއިން ކިޔައިދެއްވުމުގައިވެސް ޑރ. ޖަބީން މަސައްކަތްކުރައްވާފައިވެއެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ޑރ. ޖަބީން ޕީއެޗްޑީ ހާސިލުކުރެއްވީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ ރޮނގުންނެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލުގައި ބުނާ ގޮތުން ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތަކީ ބާ ކައުންސިލުގެ އެންމެހާ އިދާރީ މަސްއޫލިއްޔަތުތައ އުފުލައި، މަސައްކަތާ ގުޅޭ ގޮތުން ދުވަހުން ދުވހަަށް ހިންގަންޖެހޭ ކަންކަން ހިންގުމާއި، އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމާއި އެ ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމެވެ.

comment ކޮމެންޓް