ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައި ނާރުކަމަށާއި، ވިޔަފާރިތައް ހާލުގައި ޖެހުމުން ފަސޭހަވާނެ ގޮތްތައް ސަރުކާރުން ފަހިކޮށްދޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ބްލޭޒަން އިންކުން ދޭ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން ލޯންޗުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ވިޔަފާރިތަކުން ނަގާ ރިސްކުގެ ސަބަބުން އިގްތިސާދަށް އެކަމުގެ ހެޔޮ އަސަރު ކުރާ ކަމަށެވެ.
"ގިނަ ވިޔަފާރިތަކަކީ އަލަށް ފަށައިގެން ފެއިލްވާ ވިޔަފާރިތައް. ކާމިޔާބުވާ ވިޔަފާރިތައް ކާމިޔާބުވުމުން ސަރުކާރަށް އާމްދަނީ މި ލިބެނީ. ވަރަށް ބޮޑަށް އެންކަރޭޖު ކުރަން ބޭނުންވޭ ދިވެހިން ރިސްކު ނެގުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ އެއް މަސައްކަތަކީ ރިސްކު ނަގަން ހުރި ހުރަސްތައް ނައްތާލުން ކަމަށާއި ވަކިން ޚާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ވިޔަފާރި ފެށުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވިޔަފާރިތައް ހާލުގައި ޖެހުމުން ފަސޭހަވާނެ ގޮތްތައް ސަރުކާރުން ފަހިކޮށްދިނުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުގެ އެއްބާރުލުމާއެކު ލުއި ގޮތްތައް ހޯދައިދެމުންދާ ކަމަށާއި، މިއާއެކު ވިޔަފާރިތަކުން ރިސްކު ނެގުމަށް ޖެހިލުން ނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިއީ އިގްތިސާދު ކުރިއަރާނެ ކަމެއް ކަމަށްވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
"ގިނަ އަދަދެއްގެ ވަޒީފާތައްވެސް އުފެދިފައި މިއޮންނަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން. އެ ވިޔަފާރިތަކުން ދައްކާ ޓެކުހަކީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބަޔެއް،" ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ވިޔަފާރިތައް އިވެލުއޭޓުކުރާނެ ބަޔަކު ބޭނުންވާ ކަމަށާއި، މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ވިޔަފާރިތަކުގެ މަސައްކަތް މިނެ ކިރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.
ބްލޭޒަން އިންކުގެ ސީއީއޯ ހަސަން އަބްދުﷲ ހިލްމީ ވިދާޅުވީ ބިޒްނަސް އެވޯޑްސް އެކުލަވާލުމުގައި އިކޮނޮމިކް މިނިސްޓްރީގެ ދައުރު ބޮޑު ކަމަށާއި އެވޯޑުގެ ކަންތައް ކުރިއަށްގެންދާނީ މިނިސްޓްރީގެ ލަފަޔާއެކު ކަމަށެވެ.
ޖުމްލަ ފަސް ދާއިރާ އަކުން ބިޒްނަސް އެވޯޑު ދޭނެއެވެ. އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެވޯޑު ބާއްވާނެ ތާރީހު އަދި އިއުލާނެއް ނުކުރެއެވެ.
ފުރަތަމަ މޯލްޑިވްސް ބިޒްނަސް އެވޯޑްސް ބޭއްވި 2018 ވަނަ އަހަރުގައެވެ. އެ އެވޯޑް ހަފްލާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، "ބިޒްނަސް އޮފް ދަ އިޔާ" އެވޯޑު މިދިޔަ އަހަރު ލިބުނީ އެލައިޑް އިންޝުއަރަންސް ކުންފުންޏަށެވެ.
މިއީ މި އެވޯޑު ބާއްވާ ދެވަނަ އަހަރެވެ.
comment ތިރުގޭ ފަހު ކަލޯ
6 year 7 month ago
މިނިސްޓަރު ތި ދަންނަވާ ކަން ކުރައްވަނީ ކިހިނެއްތޯ! މެޝަރ ކުރަނީ ކިހިނެއްތޯ! މިނިސްޓްރީ އަށް ރޭކާލަނީ ކިހިނެއްތޯ! ޙުރިހާ މިނިސްޓްރީ އެއް މިކަމަށް އެލައިންޑްތޯ! ހާލުޖެހުނީމަތޯ އެހީ ވަނީ ނޫނީ ހާލުގައި ޖެހުނަ ނުދަނީތޯ! ސަރުކާރުން ކުރާ ވިޔަފާރިތައް އެސްއެމްއީ ތަކަށް ކިތަށް ޕަސްޓް ދޫކުރެވޭނެތޯ!ސިޔާސީ ބޭފުޅުންނަށް ތިކަން ހަޖަމުވާނެތޯ! ތި ވާއެހީވަނީ ގާތް މީހުން މުއްސަނދި ކުރަންތޯ! ...... މޮނީޓަރ ކޮށް އެސިސްޓް ކުރަން ސެންޓްރަލައިޒް ކުރަނީ ކިހިނެއްތޯ! ޖަވާބެއް ނުދެވެންޏާ ތިޔައީ ރައްޔިތުން ވަލުވައްދަނީ!
comment ޝުޖާ
6 year 7 month ago
މިރާއިން ނުހައްގުން ފޭރޭހާ ހިނދަކު ކުދިވިޔަފާރި ކުރިނާރާނެ
comment ހަމަހަމަ
6 year 7 month ago
ހާލުގަ ޖައްސަނީވެސް ސަރުކާރުން. ފާޑު ފާޑުގެ ޖޫރިމަނާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑާލަނީ. ދެން އްނެއްކޮޅުން ބޮޑެތި ވިޔަފާރިތަށް މި އޮންނަނީ ސިޔާސީ ކޮރަޕްށަނާއި ގުޅިފަ. އެމީހުން ހަދާނެއެއްޗެއް ހަދާލަނީ މޭޒު ތަންދޮށުން.
comment ޖަޒީރާޖަރީމާ
6 year 7 month ago
އިކޮނޮމީ ފުނޑާލައިފަ ވިޔަފާރިތަށް ބަނގުރޫޓުވީމާ އިތުރު ލޯނުދީފަ ރަނގަޅަށް ގައުމު އަޅުވެތިކޮށްލާށެވެ. މިއީ ފުރިހަމަޔަށް 21ވަނަ ގަރުނުގެ އަޅުވެތިކަން ކިޔަވައިގެން އޮތް ޕަޕެޓު ސަރުކާރެކެވެ.
comment ސަލްމާ
6 year 7 month ago
ފައްޔާޒު ކައިރި ބުނެބަ ފުރަތަމަ ތިތަނުން ފޯނުނަގާގޮތެއް ހަދާށޭ
comment ރެކިފުތާ
6 year 7 month ago
ރިސްކު ނަގައިގެން ވިޔަފާރި ފަށަނީ. އެހެންނަމަވެސް ކޮންމެ ސަރުކާރަކުންވެސް ބަލަނީ އެބަޔަކަށް ފައިދާ ކުރާގޮތަށް. ދިވެހިންނަށް ކުރެވޭ ކަންކަން، ބަނދަރު ހެދުން ފަދަ ކަންކަން މިދެނީ ލަންކާމީހުންނަށް.