ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި އިތުރު އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ނޮޅިވަރަމްފަރު ސިއްހީ މަރުކަޒުގައި އިތުރު އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކުރުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހެލްތު މިނިސްޓްރީ

ހދ. ނޮޅިވަރަންފަރުގެ ސިއްހީ މަރުކަޒުގައި އިތުރު އިމާރާތެއް އެޅުމަށް 1.8 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު މެންދުރު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ އަމީންއެވެ. އަދި ޕްރޮޖެކްޓު އެވޯޑުކުރި ޕާފެކްޓް މަލަފެހި މޯލްޑިވްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަސަނެވެ.

ހެލްތު މިނިސްޓްރީއިން ބުނީ މިއީ އެރަށުގެ ސިއްހީ މަރުކަޒުން ދެމުންގެންދާ ހިދުމަތް ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އެ އިމާރާތުގައި ޖެނެރަލް އޮފީހަކާއި، މީޓިންގް ރޫމަކާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުން ކައުންސިލިންގް ރޫމެކާއި މެޑިކަލް ސްޓޯރަކާއި ޖެނެރަލް ސްޓޯރަކާއި އަދި ގަރާޖެއްވެސް އެޅުމަށްވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް