ހިޒްބުﷲ އިން އިސްރާއީލުގެ ޑްރޯނެއް ވައްޓާލުމުން އިސްރާއީލުން އެކަން މާބޮޑު ކަމަކަށް ނުހެދި

ބައިރޫތު (ސެޕްޓެމްބަރު 9) : ސަރަހައްދީ ރޮނގު ހުރަސްކޮށް ލުބްނާނުގެ ވައިގެ ސަރަހައްދަށް ވަން އިސްރާއީލުގެ ޑްރޯނެއް ވައްޓާލިކަން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ކަށަވަރުކޮށްދީފި އެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް ޖިހާދުކުރާ ލުބްނާނުގެ ޖަމާއަތެއްކަމަށް ހިޒްބުﷲ އިން ބުނީ އިސްރާއީލުގެ ޑްރޯން ވައްޓާލީ ލުބްނާނުގެ ވައިގެ ސަރަހައްދަށްވަދެ ލުބްނާނުގެ ދެކުނުގެ ރަށެއްކަމަށްވާ ރާމިޔާއާ ދިމާއަށް އެ ޑްރޯން މިސްރާބުޖެހުމާ އެކު ދިން ހަމަލާއެއްގަ އެވެ. ޑްރޯން ވައްޓާލަން ދިނީ ކޮންބާވަތެއްގެ ހަމަލާއެއްކަން ހިޒްބުﷲ އިން ހާމައެއް ނުކުރެ އެވެ. ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި އިސްރާއީލުގެ ޑްރޯންއަކީ ބިމުގައިވާ ތަންތަނަށް ހަމަލާދޭ ޑްރޯންއެއްކަން ބަޔާންކޮށް އެޑްރޯންގެ ބައިތައް އެޖަމާއަތުގެ އަތްދަށުގައިވާކަން ހާމަކޮށްފައިވެ އެވެ.

އިސްރާއީލުގެ ތިން ޑްރޯން މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން ލުބްނާނުގެ ވައިގެ ސަރަހައްދަށް ވަދެ ދިން އުދުވާނީ ހަމަލާތަކުގެ ރައްދު މިދިޔަ ހަފްތާގައި ހިޒްބުﷲ އިންވަނީ އިސްރާއީލާ ދެކޮޅަށް ދީފަ އެވެ. ހިޒްބުﷲ އިން ރައްދުގައި ދިން ރޮކެޓް ހަމަލާގައި އިސްރާއީލުގެ އުތުރުގައި ހަރަކަތްތެރިވަމުން ދިޔަ އަސްކަރީ ވެހިކަލެއް އަނދާފައިވާ ކަމަށް އިސްރާއީލުން އެއްބަސްވެފައި ވިނަމަވެސް އެ ވެހިކަލުގައި ތިބި އިސްރާއިލު ސިފައިންނަށް ގެއްލުމެއް ނުލިބޭކަމަށް ބުނެފައިވެ އެވެ. ނަމަވެސް ހިޒްބުﷲ އިން ވަނީ އެޖަމާއަތުގެ ރޮކެޓް ހަމަލާއެރި އިސްރާއީލުގެ އަސްކަރީ އުޅަނދު އެއްކޮށް އަނދާފައިވާތީ އޭގައި ތިބި އިސްރާއީލު ސިފައިން މަރުވާނެކަން ޔަގީންވާ ކަމަށާއި ރޮކެޓް ހަމަލާއާ އެކު އެމީހުން ސަލާމަތްވާނެ ފުރްސަތު ނޯންނާނެ ކަމަށް ބުނެފަ އެވެ.

ލުބްނާނުގެ ވައިގެ ސަރަހައްދަށް މިއަދު ވަން އިސްރާއީލުގެ އަސްކަރީ ޑްރޯން، ހިޒްބުﷲ އިން ވައްޓާލިކަމަށް ބުނާއިރު އިސްރާއީލުން އެކަން ތެދުވެސް އަދި ދޮގުވެސް ކޮށްފައެއް ނުވެ އެވެ. އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ ޓެކްނޮލޮޖީ ގޮތުން މާވަރުގަދަ ޑްރޯނެއްނޫން ކަމަށާއި އޭގެ ޓެކްނޮލޮޖީ އާއި އޭގައިވާ މައުލޫމާތު ލީކުވުމަކީ އިސްރާއީލަށް ނުރައްކާވާނެ ކަމެއްނޫން ކަމުގަ އެވެ.

ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރުގެ އަހަރުތަކުގައި އިސްރާއީލުން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ލުބްނާނަށް ވައިގެ މަގުން އުދުވާނީ ހަމަލާތައް ހިންގަމުން ގެންދިޔަ އެވެ. އަދި ދެކުނު ލުބްނާނުގެ ބޮޑުބައެއްވެސް އިސްރާއީލުން އަތްދަށުލައި އެތަނުގައި އިސްރާއީލުގެ ސިފައިން ބައިތިއްބައި އިސްތިއްމާރުކުރި އެވެ. ނަމަވެސް 1992ގައި ހިޒްބުﷲ ވުޖޫދަށް އައުމާއެކު އެޖަމާއަތުންވަނީ ދެކުނު ލުބްނާނަށް ވެރިވެގަނެގެންތިބި އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ބޮންގޮއްވައިގެންނާއި އެނޫން ވެސް ޖިހާދީ ހަރަކާތްތައް އިސްރާއީލު ދެކޮޅަށް ހިންގައި އިސްރާއީލު ސިފައިންގެ އެތައް ސަތޭކަ ބަޔަކު މަރައި އިސްރާއީލަށް ބިރުދައްކައިގެން ދެކުނު ލުބްނާނުން އިސްރާއީލުގެ އިސްތިއްމާރީ ބާރުތައް ފައްސާލުމުގައި އާދަޔާ ޚިލާފު ކާމިޔާބެއް ހޯދާފަ އެވެ. އެއާއެކު ހިޒްބުﷲ އިން އިސްރާއީލަށް ދޭ ފިދާއީ ހަމަލާތައް ވަރުގަދަވުމުން އިސްރާއީލުވަނީ ލުބްނާނަށް ވައިގެ މަގުން ދިން ހަމަލާތައްވެސް ހުއްޓާލާފަ އެވެ.

މީގެ ތިން ހަފްތާކުރިން ޑްރޯން ބޭނުންކޮށްގެން އިސްރާއީލުން ލުބްނާނަށް ދިން ހަމަލާއަކީ 14 އަހަރަށް ފަހު އިސްރާއީލުން ލުބްނާނަށް ދިން ފުރަތަމަ ހަމަލާއެވެ. އެ ހަމަލާގެ ރައްދުގައި މިދިޔަ ހަފްތާގައި ހިޒްބުﷲ އިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާއަށްފަހު ހިޒްބުﷲ ގެ ވެރިޔާ އައްޝައިޚް ހަސަން ނަސްރުﷲ ވަނީ އިސްރާއީލުން ލުބްނާނަށް ދޭ ކޮންމެ ހަމަލާއަކަށް އެޖަމާއަތުން ރައްދު ދޭނެކަމުގެ އިންޒާރު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ އަށް ދެއްވާފަ އެވެ.

ހިޒްބުﷲ ބަލިކޮށް އެއްކޮށް ނައްތާލާނެ ކަމަށް ބުނެ 2006 ވަނަ އަހަރު އެމެރިކާގެ އަސްކަރީ އެހީތެރިކަމާ އެކު އިސްރާއީލުން ހިޒްބުﷲ އާ ދެކޮޅަށް ހިންގި އުދުވާން އެއްމަސް ދުވަހަށް ދެމިގެން ދިޔުމަށް ފަހު ހަނގުރާމަ ހުއްޓާލަން އިސްރާއީލަށް މަޖްބޫރުވީ ހިޒްބުﷲ ދިން ރޮކެޓް ހަމަލާތަކާއި ބަލިސްޓިކް މިސައިލް ހަމަލާތައް އިސްރާއީލުގެ އެތައް މިތަނަށް އަރައި ބޮޑެތި ގެއްލުންތަކެއްލިބި އިސްރާއީލު ދޫކޮށް ޔަހޫދީން އެމީހުންގެ އަމިއްލަ ގައުމުތަކަށް ފުރަންފެށުމުންނެވެ. އެ ހަނގުރާމައަށްފަހު ހިޒްބުﷲ ވަނީ އަސްކަރީ ގޮތުން އެތަށް ގުނައެއް އިތުރަށް ވަރުގަދަވެފައި ކަމަށާއި އީރާނުގެ ޓެކްނޮލޮޖީގައި ހިޒްބުﷲ އިން އަމިއްލައަށް ހަތިޔާރު އުފައްދާކަމަށްވެސް އިސްރާއީލުންވަނީ އެއްބަސްވެފަ އެވެ.

އިސްރާއީލަކީ އެގައުމަށް އަރަބިންގެ އެއްވެސް ހަމަލާއެއް ނާރާނެ ކަމާއި އަރަބިންނަށް އިސްރާއީލުގެ އެއްވެސް ބޯޓެއް ވައްޓާނުލެވޭނެ ކަމަށްބުނެ އަރަބި ވެރިންނަށް ބިދެއްކުމުގެ ޕްރޮޕަގެންޑާތަކެއް ކުރިން ފަތުރާފައިވާ ގައުމެކެވެ. އެ ޕްރޮޕަގެންޑާތައް ފަޝީހަތްކޮށް އިސްރާއީލުގެ ބާރުގެ ހަގީގަތް ބޭޒާރުކޮށް އިސްރާއީލަކީ އަސްކަރީ ގޮތުން ބަލި ކުރެވިދާނެ ގައުމެއްކަން ދުނިޔެއަށް ހާމަކޮށްދިނީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ފަދަ ޖަމާއަތްތަކުންނެވެ.

(އަލްޖަޒީރާ+ ނޫސްއެޖެންސީތައް)

comment ކޮމެންޓް